27 ޑިސެމްބަރ 2016 - 22:01

އިސްލާމިކް ޔުނިވާސިޓީގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ އެކު އެއްބަސްވުމެއް މިއަދު ހަދައިފި އެވެ.
އެ އެއްބަސްވުމުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު ހާރީސް ހާރޫން ވަނީ ސޮއިކުރައްވައިފަ އެވެ.
އިސްލާމިކް ޔުނިވާސިޓީން ބުނީ ލޯނު ބޭނުންވާ ދަރިވަރުން، އެމްއައިބީގެ ހިދުމަތަށް އެދޭ ފޯމް ފުރުމަށް ފަހު އެ ޔުނިވާސިޓީއަށް ހުށަހެޅުމަށެވެ. އަދި ޝަރުތު ހަމަވާ ދަރިވަރުންނަށް އިސްލާމިކް ބޭންކުން ލޯނު ލިބޭނެ ކަމަށް ވެސް ބުންޏެވެ.
މި ފުުރުސަތަށް އެދެވޭނީ، އިސްލާމިކް ޔުނިވާސިޓީން ބުނިގޮތުގައި، އުމުރުން 18-50 އަހަރާ ދެމެދުގެ މީހުންނަށާއި މެދުނުކެނޑި ދެ އަހަރު ވަންދެން ވަޒީފާގައި އުޅެމުން އަންނަ ފަރާތްތަކަށެވެ. ވަޒީފާގައި އުޅޭ މީހުންނަށް މަދުވެގެން 6،000 ރުފިޔާގެ މުސާރައެއް ލިބެން ޖެހެ އެވެ.
އެ ޝަރުތު ހަމަނުވާ މީހުންނަށް އެހެން ފުރުސަތުތަކެއް ހަމަޖައްސައިދެ އެވެ.
އެމްއައިބީން އެންމެ ގިނަވެގެން ދެނީ 250،000 ރުފިޔާ އެވެ. ލޯނު އަނބުރާ ދައްކަން ކިޔެވުން ނިންމުމަށް ފަހު ތިން އަހަރު ލިބޭނެ ކަމަށް ވެސް އައިޔޫއެމުން ބުންޏެވެ.
ޔުނިވަސިޓީން ބުނީ މުސާރައިން އުނިކުރާ ގޮތަށް އަދި މުސާރައިން ޓްރާންސްފާ ކުރާ ގޮތަށް ވެސް ލޯނު ދެއްކޭނެ ކަމަށެވެ. ނަމަވެސް މުސާރައިން އުނިކުރާ ގޮތަށް ފައިސާ ދެއްކޭނީ އެ ބޭންކާ އެކު ސޮއިކޮށްފައިވާ މުއައްސަސާތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް އެކަނި ކަމަށް ޔުނިވަސިޓީން ބުނެ އެވެ.