ބާމިއުޑާ ޓްރައިންގަލް ކްރޫޒުން ބުނަނީ ގެއްލިއްޖެ ނަމަ ރިފަންޑް ދޭނެ ކަމަށް
ބާމިއުޑާ ޓްރައިންގަލް ކްރޫޒުން ބުނަނީ ގެއްލިއްޖެ ނަމަ ރިފަންޑް ދޭނެ ކަމަށް

ބާމިއުޑާ ޓްރައިންގަލަކީ ވަރަށް ނުރައްކާތެރި ސަރަހައްދެއް ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެ ހިސާބުން ކަނޑު ބޯޓުތަކާއި މަތިންދާބޯޓުތައް އާދަޔާ ހިލާފް ގޮތްގޮތަށް ގެއްލިފައިވާތީ އެއީ ދަތުރުވެރިން ޖެހިލުންވާ ސަރަހައްދަކަށް އޮންނަނީ ވެފަ އެވެ.

އެކަމަކު ސައިންސްވެރިން ބުނަނީ މި ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

މި ޔަގީންކަމާ އެކު ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އެންސިއެންޓް މިސްޓްރީޒް ކްރޫޒް" އިން ވަނީ ބާމިއުޑާ ޓްރައިއެންގަލް އަށް ދަތުރެއް ކުރަން ނިންމައިފަ އެވެ. އެ މީހުން މި ދަތުރު ޕްރޮމޯޓްކުރުމަށް ޖެހި އިސްތިހާރަށް ވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

އެ މީހުން ބުނީ ބާމިއުޑާ ޓްރައިއެންގަލް އަށް ގޮސް ގެއްލިއްޖެ ނަމަ ބަދަލު ދޭނެ ކަމަށެވެ.

"ބާމިއުޑާ ޓްރައިންގަލަށް ކުރާ ދަތުރުގައި ގެއްލިދާނެކަމަށް ކަންބޮޑުނުވޭ. އެ ދަތުރުގައި އަނބުރާ އާދެވޭކަމުގެ ޔަގީންކަން 100 ޕަސެންޓް އެބަ އޮތް. އެކަމަކު ގެއްލުމަށް ހަނި ފުރުސަތެއް އޮތަސް ގެއްލިއްޖެ ނަމަ ފުލް ރިފަންޑް ލިބޭނެ،" އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އެމީހުން ބުނި ގޮތުގައި ނިއު ޔޯކުން ބާމިއުޑާ ޓްރައިންގަލަށް ދިއުމަށް ދަތުރު ފަށާނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

އެ ދަތުރަށް މީހެއްގެ އަތުން 1،830 ޑޮލަރު ނަގާނެ އެވެ.

އެއާ އެކު ގިނަ ބަޔަކު ދަނީ އެ ކަމަށް ޖޯކު ޖަހަމުންނެވެ. އެ މީހުން އަހަނީ ގެއްލިއްޖެ ނަމަ ރީފަންޑް ދޭނީ ކާކަށްތޯ އެވެ.