30 މެއި 2022 - 06:02

ބޮލީވުޑްގެ ތަރި، ކަންގަނާ ރަނައުތުގެ ފިލްމު، "ދާކަޑް" ސިނަމާތަކުގައި އެޅުވިތާ އަށް ވަނައަށްވި ދުވަހު މުޅި އިންޑިއާ އިން ވެސް ވިކުނީ އެންމެ 20 ޓިކެޓް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދާކަޑް ރިލީޒްކުރީ މި މަހުގެ ވިހަ ވަނަ ދުވަހު އެވެ. އެކަމަކު މި ފިލްމު ނެރުނު ދުވަހުން ފެށިގެން ވެސް އެ ފިލްމަކަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އަށް ވަނަ ދުވަހު ފިލްމުން ލިބުނީ 4،420 ރުޕީސް އެވެ. އެއީ އިންޑިއާއިން އެންމެ ވިހި ޓިކެޓު ވިކިގެން ލިބުނު އާމްދަނީ އެވެ.
ބޮޑު ހަފްތާ ބަންދެއް ނިމިގެންދިޔައިރު ވެސް ފިލްމަށް އެހާ ކުޑަ އާމްދަނީއެއް ލިބުމުން ބައެއް މީހުން ކަންގަނާއާ ދިމާކޮށްފައިވެ އެވެ. އަދި ފިލްމު ބަލަންދާ މީހުންގެ އަދަދު މަދީ އޭނާގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން ކަމަށާއި މީހުންނާ ޖައްސާލައިގެން އުޅުމަކީ ފަސޭހަ ކަމެއް ނޫންކަން ކަންގަނާއަށް ވިސްނޭނެ ކަމަށް ބުނެ މީހުން ދަނީ ފާޑުކިޔަމުންނެވެ.
އެ ފިލްމު އުފައްދާފައި ވަނީ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. އެކަމަކު މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނީ ތިން ކްރޯޑެވެ. މިއީ ބޮލީވުޑްގައި އެންމެ ބޮޑަށް ފްލޮޕްވި އެއް ފިލްމެވެ.
"ދާކަޑް" އަކީ އެކްޝަން ތުރިލާއެކެވެ. އެ ފިލްމުގައި ކަންގަނާ ފެންނާނީ ސްޕައި އޭޖެންޓް އަގްނީގެ ރޯލުންނެވެ. އަދި ވިލަންއަކީ އަރްޖުން ރަމްޕަލް އެވެ.