30 މެއި 2022 - 06:06

ކާތިކް އާރިޔަން އާއި ކިއާރާ އަދުވާނީ ލީޑު ރޯލުން ފެންނަ "ބޫލްބުލައްޔާ" އާއި ޝާހިދު ކަޕޫރުގެ ފިލްމު "ކަބީރު ސިންގް" ގެ އިތުރު ފިލްމެއް އުފައްދަން ނިންމައިފި އެވެ.
އެ ދެ ފިލްމަކީ ވެސް ޓީސީރީޒް އިން ޕްރޮޑިއުސްކުރި ދެ ފިލްމެވެ. ޓީ ސީރީޒްގެ ޕްރޮޑިއުސަރުން ކަމަށްވާ، ޝަން ކުމާއި މުރާދު ކެތާނީ ބުނީ ދެ ފިލްމަކީ ވެސް ސަޕޯޓަރުންގެ ތަރުހީބު ވަަރަށް ބޮޑަށް ލިބުނު ދެ ފިލްމަށްވާތީ އިތުރު ބައެއް އުފެއްދުމަށް އެ މީހުން ވިސްނާ ކަމަށެވެ.
ޕްރޮޑިއުސަރުން ބުނެފައިވާ ގޮތުގައި އެމީހުން ފިލްމާ ބެހޭ ތަފްސީލު އާންމުކުރާނީ އެންމެ ރަނގަޅު ވަގުތުގަ އެވެ.
ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ބޫލްބުލައްޔާ ވަނީ 100 ކްރޯޑް ކްލަބަށް ވަދެފަ އެވެ.
ބޫލް ބުލައްޔާއަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެއީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަން ލީޑު ރޯލު ކުޅުނު ފިލްމެކެވެ.
ދެވަނަ ފިލްމުން ކާތިކް ފެނުނު ނަމަވެސް އެ ފިލްލުމަށް ވެސް ތަރުހީބު ބޮޑެވެ. މިއީ ކާތިކްގެ ހަޔާތުގައި އެންމެ ކާމިޔާބު ފިލްމަށް ވަނީ ވެފަ އެވެ.
ބޫލް ބުލައްޔާގެ އިތުރުން ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނުނު، "ކަބީރު ސިންގް" އަކީ ވެސް ހިޓެކެވެ.
ކަބީރު ސިންގްއަކީ 2017 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެކެވެ.