30 މެއި 2022 - 06:03

ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާޓޫނު ކެރެކްޓާ "ވިނީ ދަ ޕޫ" ވިލަން އަކަށް ހަދައި ބިރުވެރި ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވިނީ ދަ ޕޫ އާއި އޭނާގެ އެކުވެރިން އުޅޭ ގޮތް ދައްކައިދޭ ކާޓޫނަކީ ކުޑަކުދިންނަށް ވަރަށް ގަޔާވާ އެއްޗެކެވެ. ނަމަވެސް އަލަށް އުފައްދާ ފިލްމަކީ އެއްވެސް ވަރަކަށް "ޗައިލްޑް ފްރެންޑްލީ" ފިލްމެއް ނޫނެވެ.
ވިނީ ދަ ޕޫ: ބްލަޑް އެންޑް ހަނީގެ ނަމުގައި ނެރޭ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕްލޮޓް ކުޑަކޮށް ބުނެދީ ފިލްމުގެ ބައެއް މަންޒަރުތަކެއް ވަނީ އާންމުކޮށްފަ އެވެ.
ފިލްމު ލިޔެ އަދި ޑައިރެކްޓްކުރަނީ ރައިސް ފްރޭކް ވޯޓަފީލްޑް އެވެ. ރައިސްގެ ފިލްމޯގްްރަފީގައި އިތުރު މަސައްކަތްތަކެއް ނެތެވެ. އެއާ އެކު އިންޓަނެޓުގައި ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބީ ފިލްމަށް ފާޑުކިޔުމަށެވެ.
އައިއެމްޑީބީގައި ބުނާ ގޮތުން އެ ފިލްމަކީ ޕޫ ބެއާގެ ވާހަކައަށް ބިރުވެރި "ޓްވިސްޓް" އެއް ގެންނާނެ ފިލްމެކެވެ.
އެ ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި ނުބުނެ އެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި އެ ފިލްމު ނެރޭނެ ކަމަށް ބެލެވެ އެވެ.