މިދިޔަ އަހަރު ރާއްޖެ އެތެރެކުރި 119 ކިލޯ ޑްރަގް މައްސަލާގައި ދައުވާލިބޭ އެއް ބަޔަކު ސަލާމަތްކޮށްދިނުމަށް އޭގެ ތެރެއިން އެކަކު މަސްތުވާތަކެތީގެ ޒިންމާ ނަގަން އުޅޭ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ތުހުމަތުކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގދ. ހޯޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދާއި އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ އިތުރުން އެރަށު އިރުމަތީގެ އަހުމަދު ސުނައިންގެ މައްޗަށެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅިއިރު ޒުބައިރުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައެއް ނެތެވެ. އެކަމަކު އޭނާގެ ފަރާތުން ދިފާއީ ހެކި ހުށަހެޅި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެކަމާ ގުޅިގެން ދައުލަތުން ބުނީ ވަކި މީހަކު މަސްތުވާތަކެތީގެ ޒިންމާ އުފުލަން އުޅޭ ކަހަލަ ގޮތަކަށް ކަންކަން ހިނގަމުންދާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނީ ދިފާއީ ވަކީލުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅިއިރު ޒުބައިރުގެ ފަރާތުން ހުށަހެޅުމެއް ހުށަނޭޅުމެވެ. ތިން މީހުންގެ ވެސް ތިބީ ދިފާއީ އެއް ވަކީލުންތަކެކެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ވިދާޅުވީ އެއީ ދައުލަތުގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ގާނޫނީ ގޮތުން އެކަމުގައި ކުރެވޭނެ ކަމަކީ ކޮބައިތޯ ސުވާލުކުރެއްވި އެވެ.

ދައުލަތުން ބުނީ ޒުބައިރަށް އެކަން ނޭނގި އޮވެދާނެތީ އެކަން ފާހަގަކޮށްދިނީ ކަމަށެވެ. އަދި ވަކީލުންގެ މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮންނަ ކަމަށާއި އަދި ގާޒީއަށް އެގޮތަށް ގަބޫލުކުރެއްވޭ ނަމަ އެހެން ވަކީލަކު ހޯދަން ޒުބައިރަށް ފުރުސަތު ދޭން ދައުލަތުން އެދުނެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ސުވާލު ކުރެއްވީ ޒުބައިރާ އެވެ. ދައުލަތުން ބުނާ ކަންކަން ސާފުވޭތޯ އާއި ދިފާއީ ވަކީލުންނާ މެދު ކަންބޮޑުވުމެއް އޮތްތޯ ގާޒީ ސުވާލު ކުރެއްވުމުން ޒުބައިރު ބުނީ އޭނާ ކަންބޮޑުވާ ކަމެއް ނެތް ކަމަށެވެ.

ޒުބައިރާއި ސުނައިންގެ އިތުރުން މުޖާހިދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލާ ޝީނާ މުހައްމަދު ވިދާޅުވީ ޒުބައިރުގެ ދިފާއުގައި މަސައްކަތް ނުކުރާ ނަމަ އޭނާގެ ފަރާތުން ދިފާއީ ހެއްކެއް ހުށަނޭޅީސް ކަމަށެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ހުށަހެޅެނީ ގާނޫނުގައި ބުނާ ވަކި ކަންތައްތަކެއް ކަމަށާއި ޒުބައިރުގެ ފަރާތުން ހުށަހެޅުމެއް ހުށަނޭޅީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުވާލިބޭ މީހުންގެ ހައްގުތަކާ މެދު ދައުލަތުން ކަންބޮޑުވާ ނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެ މީހުންގެ ބަންދު މުރާޖާ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ 30 ދުވަހަކުން ކުރުމެވެ. މިހާރު ވެސް އެކަން ގަވާއިދުން ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ދެން އޮތީ ދައުވާލިބޭ މީހުންގެ ބަންދު މުރާޖާ ކުރުމެވެ. ދައުލަތުން އެދުނީ ބަންދު ދެމެހެއްޓުމަށެވެ. ތިން މީހުން ރިމާންޑް ޖަލެއްގައި ބަންދު ކުރަން އެންގިޔަސް، އޭގެ ތެރެއިން މުޖާހިދު ފިޔަވައި އެހެން މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށްވާތީ އެކަމާ ގުޅޭގޮތުން ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ރިމާންޑް ޖަލުގައި ޖާގަ ނެތުމުން އަދިވެސް ބަދަލު ނުކުރެވެނީ ކަމަށެވެ. އަދި ބަދަލު ކުރެވޭނެ ތާރީޚެއް ދައުލަތަށް ބުނެ ނުދެވުނެވެ.

ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ސައްޔާހު ޙަލީލް ވިދާޅުވީ މުޖާހިދުގެ މައްޗަށް ދައުވާކުރީ މަސްތުވާތަކެތި އުފުލި ކަމަށް ބުނާ ކާރަކުން އޭނާގެ ދަރިފުޅުގެ ވެކްސިން ކާޑު ފެނިފައިވާތީ އެކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ދެން ތިބި މީހުންނަށް ދައުވާކުރަނީ އޭނާއާ އެއް ރަށެއްގެ ބަޔަކަށް ވާތީ އެއީ އެ ނެޓްވޯކެއް ކަމަށް ބުނެ ކަމަށް ވެސް ސައްޔާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަންދު ދަމަހައްޓަން ދައުލަތުން އެދެނީ ކުރިން ވެސް ހުށަހެޅި ސަބަބުތަކަށް ބިނާކޮށެވެ. އެކަމާ މެދު ގާޒީ ވެސް ކުރިން ގޮތް ނިންމާފައިވާތީ އަނެއްކާވެސް ދައްކަން ޖެހެނީ އެއް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާޒީ ދީބާނާޒް ނިންމީ ބަންދު ދެމެހެއްޓުމަށެވެ. އަދި ރިމާންޑް ޖަލަށް ވީހާ ވެސް އަވަހަށް ބަދަލުކުރަން ގާޒީ އިލްތިމާސް ކުރެއްވި އެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ދެ ފަރާތުން ވާހަކަ ދައްކަން މިއަދު ހަމަޖައްސާފައި އޮތަސް، ދިފާއީ ވަކީލުންނަށް އެރި އޮޅުމެއްގެ ސަބަބުން މިއަދު ތައްޔާރު ނުވެވޭތީ އަންނަ ހަފުތާއަށް ވަނީ ފަސްކޮށްފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި 119 ކިލޯ މަސްތުވާތަކެތި ރާއްޖެ އެތެރެކުރީ މީގެކުރިން ނުވަ ކިލޯ ޑްރަގް މައްސަލައެއްގައި އަތުލައިގަތް ނެޓްވޯކެއްގެ އިސް މީހާ ކަމަށް ތުހުމަތުވާ އަރުޝަދު ޚާލިދުއާ ގުޅުން އޮތް ބައެކެވެ. ނުވަ ކިލޯ މައްސަލާގައި އަރުޝަދުގެ މައްޗަށް ކުށް ސާބިތުނުވެ، އޭނާ ވަނީ ސަލާމަތްވެފަ އެވެ.