އެހެން ޓީމުތަކަށްވުރެ ރެއާލްގައި ޗެމްޕިއަންސް ލީގު ހޯދަން ފަސޭހަ: އަންޗެލޮޓީ
އެހެން ޓީމުތަކަށްވުރެ ރެއާލްގައި ޗެމްޕިއަންސް ލީގު ހޯދަން ފަސޭހަ: އަންޗެލޮޓީ

ޕެރިސް (މެއި 29) - އެހެން ޓީމުތަކަށް ވުރެ ރެއާލް މެޑްރިޑްގައި ޗެމްޕިއަންސް ލީގު ހޯދަން ފަސޭހަ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ފްރާންސްގެ ޕެރިހުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ލިވަޕޫލް ބަލިކުރުމަށް ފަހު، އަންޗެލޮޓީ ބުނީ އެއީ އޭނާގެ ކެރިއާގައި ހޯދި އެންމެ އުނދަގޫ ތަށި ކަމަށެވެ. މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީ ލިވަޕޫލުންނެވެ. ރެއާލަށް އުފެއްދުނީ ހަތަރު ހަމަލާ އެވެ.

"މުބާރާތުގެ ދެވަނަ ބުރުން ފެށިގެން އަހަރެމެން މިއައީ ކޮންމެ މެޗެއްގައި ކަހަލަގޮތަކަށް އުނދަގޫ އުފުލަމުން. މިއަދު (ރޭ) ގެ މެޗުގައި ވެސް އަހަރެމެން ވަރަށް ބޮޑަށް އުނދަގޫ އުފުލަން ޖެހުނު. ފުރަތަމަ ހާފުގައި ވަކިން ހާއްސަކޮށް،" އަންޗެލޮޓީ ބުންޏެވެ.

ލިވަޕޫލްގެ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވުމުން، މެޗު ފަށަން ހަމަޖެހިފައިވާ ގަޑިއަށް ވުރެ ބައިގައިރަށް މެޗު ލަސް ކުރި އެވެ. އަންޗެލޮޓީ ބުނިގޮތުގައި މެޗު ފަށާ ގަޑި ފަސް ކުރުމުން އޭނާ ވަރަށް ބޮޑަށް ފިނިވި އެވެ.

"އެ ވަގުތު ކުޅުންތެރިންނާ ވެސް އަހަރެން ކުރިމަތިނުލަން. އަހަރެން ހުރީ ކުޅުންތެރިންނަށް ނުފެންނަން، ވަކި ރޫމެއްގައި،" އަންޗެލޯޓީ ބުންޏެވެ.

ކޯޗެއްގެ ގޮތުގައި ހަތަރު ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނަސް، އެކަން ގަބޫލުކުރަން އުނދަގޫ ކަމަށް އޭނާ ބުންޏެވެ. އަންޗެލޮޓީ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް އެ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

"މި ސީޒަންގައި ލިވަޕޫލް މާގިނަ މެޗުތަކަކުން ބައްޔެއް ނުވޭ. އަހަރެމެން އެޓީމު މި ބަލިކުރީ ވަރުގަދަ މެޗެއްގައި. އެހެން ކްލަބަކަށް ވުރެ ރެއާލް މެޑްރިޑްގައި ޗެމްޕިއަންސް ލީގު ހޯދުމަކީ ފަސޭހަ ކަމެއް،" މީގެ ކުރިން އޭސީ މިލާންއާ އެކު ވެސް ދެފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗު ބުންޏެވެ.

"އަހަންނަކަށް ގަބޫލެއް ނުކުރެވޭ އަހަންނަށް ހަތަރު ޗެމްޕިއަންސް ލީގު ހޯދުނު ކަމެއް. މި ޓީމުގެ މަސައްކަތް ވަރަށް ފުރިހަމަ. އަހަންނަށް ރެކޯޑެއް ހެދުމަށްވުރެ މުހިންމީ މި ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދެވުނީތީ."

ރެއާލްއާ އެކު ހެދި ކޮންޓްރެކްޓްގައި ބާކީ އެއްހަރު އޮތް އަންޗެލޮޓީ ބުނީ، މިހާރު ވެސް އަންނަ ސީޒަނަށް މަސައްކަތް ފަށައިފައިވާ ކަމަށެވެ. އަދި އޭނާ ޗުއްޓީން އެނބުރި އައިސް އަމަލީ މަސައްކަތްތައް ފަށާނެ ކަމަށް ލަލީގާ އާއި ސްޕެނިޝް ސުޕަ ކަޕް ވެސް ރެއާލް އަށް ކާމިޔާބުކޮށް ދިން ކޯޗު ބުންޏެވެ.