30 މެއި 2022 - 05:58

ދަރިފުޅު ހެދިބޮޑުވަމުން އަންނައިރު ޑައެޓާއި ކާން ދޭ ގޮތް ވެސް ވަރަށް އަވަސް އަވަހަށް ބަދަލުކުރަންޖެހެ އެވެ. ބެލެނިވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައި އޮންނަނީ ދަރިފުޅަށް ކާން ދޭން އުނދަގޫވުމެވެ. ކާންދޭއިރު ބޮޑާހޭކުމަކީ ވެސް ބެލެނިވެރިންގެ ކަންބޮޑުވުމުކެވެ.

ސިއްހަތާއި ނިއުޓްރީޝަނާ ގުޅޭގޮތުން ދިރާސާ ކުރުމަށް އިނގިރޭސިވިލާތުގައި ހުޅުވާފައިވާ އެބޮޓްސް ނިއުޓްރީޝަން ބިޒްނެސްގެ މެޑިކަލް އެފެއާޒްގެ އެސޯސިއޭޓް ޑިރެކްޓަރު ޑރ. ގަނޭޝް ކަލޭ ވިދާޅުވެފައިވާ ގޮތުގައި ކުދިންނަށް ކާން ދޭން އުނދަގޫވެދާނެ ވަރަށް ގިނަ ސަބަބުތައް ހުރެދާނެ އެވެ.

އޭގެތެރެއިން އެންމެ ބޮޑެތި ސަބަބުތަކަކީ ކުއްޖާ މާ ބޮޑުވާ ފަހުން ޑައެޓު ބަދަލުކުރަން މަސައްކަތް ކުރުމާއި ވަކި ރަހަތަކެއް ލާ އެއްޗެހި ކާން ބޭނުންވުން ކަމަށް ގަނޭޝް ވިދާޅުވި އެވެ.

ކެއުމުގެ އާދަތައް ބައްޓަން ވުމުގައި ތަފާތު ފަސް ސަބަބެއް ވާ ކަމަށް ޑރ. ގަނޭޝް ވިދާޅުވެފައިވެ އެވެ. އެއީ

ބައެއް ކުދިންނަކީ އުފަންވާއިރު ވެސް ފޮނި އެއްޗެއްސަށް ވަރަށް ބޮޑަށް ދޯޅު ކުދިންނެވެ. އެހެންވީމާ ޅަ އުމުރުގައި ތަފާތު އެކި ކަހަލަ ތަރުކާރީ ފަދަ އެއްޗެހި ދިނުމަކީ އެ ކުދިންނަށް ވަރަށް އުނދަގޫ ކަމެކެވެ. ދެން އެ ކުދިން ބޮޑުވަމުން އަންނަ ވަރަކަށް ރަހަތައް ތަފާތުވަމުން ދާނެ އެވެ. ގިނަ ފަހަރަށް މިކުދިންނަށް ކަމުދާނީ ހުތް އަދި ހިތިރަހަ ލާ އެއްޗިއްސެވެ. ނަތީޖާއެއްގެ ގޮތުން ރަނގަޅު ޑައެޓެއް ބަހައްޓަން އުނދަގު ވާނެ އެވެ. ގަނޭޝް ވިދާޅުވި ގޮތުގައި އެކުދިންނަށް ކުޑައިރު ފޮނި އެއްޗެހި ދޭ އިރު ޑައެޓަށް އެކި ކަހަލަ އެއްޗެހި އެއްކުރުން މުހިއްމެވެ. އަދި ހާއްސަކޮށް މޭވާ އާއި ތަރުކާރީ އެވެ.
ބައެއް ކުދިންނަކީ ކާއެއްޗެހީގެ ޓެކްސްޗާ އާއި އެ ހުންނަ ގޮތުން އެ ކެއުމަށް ޝައުގުވެރިކަން ހުންނަ ކުދިންނެވެ. މިސާލަކަށް، ބައެއް ކުދިންނަކީ ޕާން އަދި ބަނަސް ކަހަލަ އެއްޗެހި ކެއުމަށް ޝައުގުވެރިކަން ހުންނަ ކުދިންނެވެ. އެއީ އެ އެއްޗެއްސަކީ ވަރަށް ފަސޭހައިން ވިރި، މާ ގިނަ މަސައްކަތްތަކެއް ނުކޮށް ކާލެވޭ އެއްޗެއްސަށް ވުމެވެ. ޗިޕްސް އާއި ޗިކެން ނަގެޓްސް ކަހަލަ އެއްޗެހި ކެއުމަށް ޝައުގުވެރިކަން ހުންނަނީ ވެސް އެހެންވެ އެވެ.
މިއީ އެ ކުދިންނަށް މާ މީރު އެއްޗެއްސަށް ނުވެދާނެ އެވެ. ނަމަވެސް ގިނައިން ދޭ ނަމަ އޭގެ ސަބަބުން މިފަދަ ކާއެއްޗެއްސަށް ދެވި ހިފާނެ އެވެ. އަދި، ހަރުކޮށް ހުންނަ އެއްޗެހި ކާންދޭން އެކުދިންނަށް ވަރަށް އުނދަގޫ ވާނެ އެވެ.
ތުއްތު ކުއްޖާއަށް ކާންދިނުމުގެ ކުރިން ކެއުންތަކުގެ ތެރެއިން އެކި ކަހަލަ ލުއި ކާނާ އާއި ޖޫސް ފަދަ ތަކެތި ދިނުމަކީ އާންމު ކަމެކެވެ. މިއީ ގޯސް ކަމެއް ވެސް ނޫނެވެ. ތުއްތު ކުއްޖާ އަށް ކޮންމެ ދުވަހަކު ވެސް ސިއްހަތަށް ފައިދާވާ އެކި ކަހަލަ ލުއި ކާނާ ދިނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ދުވަހުގެ ކެއުމާ ކައިރިކޮށްފައި ލުއި ކާނާތައް ދޭ ނަމަ އެކުދިންނަށް ކާން ދޭން އުނދަގުވާނެ އެވެ. ދުވަހުގެ ކާ ގަޑިތަކަށް ބުރޫ ނާރާނެ ގޮތަކަށް ލުއި ކާނާތައް ދޭ ގަޑި ރާވާލުން ވަރަށް މުހިއްމެވެ.
ކުއްޖާ ބޮޑުވަންދެން ކުއްޖާއަށް ކާންދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރާނީ ބެލެނިވެރިންނެވެ. ބެލެނިވެރިން ހުންނާނީ ކުދިންނަށް ކާންދޭނެ ގަޑިތަކެއް ކަނޑައަޅައިފަ އެވެ. އަދި ގިނަ ފަހަރަށް އެ ކުދިންނަށް ލަވައި ހުރިހާ ކަމެއް ކޮށްދޭނީ ބެލެނިވެރިންނެވެ.
ޑރ. ގަނޭޝް ވިދާޅުވަނީ އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ކުޑައިރުން ފެށިގެން އަމިއްލަ އަށް ކާން ދަސްކޮށްދިނުން ރަނގަޅުވާނެ ކަމަށެވެ. އެ ކުދިންނަށް ކާން ދޭ ގަޑިތަކުގައި އަމިއްލަ އަށް ކާން އެއްޗެހި ބެހެއްޓުމުން ބަނޑުހައިވެފައިވާ މިންވަރު އެނގޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އެއާ އެކު އެކުދިން އަމިއްލަ ބޭނުންވާ ގަޑިތަކަށް ޑައެޓު ރާވާލެވޭނެ އެވެ.
ތުއްތު ކުދިން ހަރަކާތްތެރިވާ މިންވަރާއި ކުޅެން ހޭދަކުރާ މިންވަރަކީ ވެސް ކުދިންގެ ޑައެޓަށް ބަދަލު އަންނަ ކަމެކެވެ. މިސާލަކަށް، ކުއްޖާ އެއްވެސް ވަރަކަށް ނުތެދުވެ އެއްވެސް ވަރަކަށް ހަރަކާތްތެރި ނުކޮށް ބާއްވާ ނަމަ އެކުއްޖާ ވަރުބަލިވާ މިންވަރު ކުޑަވާނެ އެވެ. ވަރުބަލިވާ މިންވަރު ކުޑަވާ ނަމަ ބަނޑުހައިވާ މިންވަރު ވެސް ކުޑަވާނެ އެވެ. އަދި ވަރުބަލި ނުވާ ނަމަ ކާ ހިތްވާ މިންވަރު ވެސް ކުޑަވާނެ އެވެ.