އަހަރެން ކީއްކުރާނީ؟
އަހަރެން ކީއްކުރާނީ؟

ބުދަ ދުވަހާ ގުޅޭ

ފަހުން ވެދާނެ ގޮތަކަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ. އެކަމަކު އަތްތުރުތުރުއަޅާ ވަރުން ނެގުނީ އެންމެ ސިޓީއުރައެކެވެ. އޭރު ވެސް އަހަރެންގެ ހިތް ހީވަނީ، ބާނައި ވަތަށް އެއްލައިފައިވާ ލައްޓިއެއްހެންނެވެ.

މުޅި ދުވަހު ސިޓީ އޮތީ އަހަރެންގެ ޖީބުގައެވެ. ކިޔާނެ ވަގުތެއް ނުވިއެވެ. ގެއަށް ވަދެލާނެ ވަގުތެއް ވެސް ނުވިއެވެ. އޮފީހުން ސަލާމަތްވެވުނީ ދަންވަރު ބާރަޖަހަން އުޅެނިކޮށެވެ. އެ ރެޔަކީ، ވިއްސަކަށް މިނެޓު ވަންދެން ބޯކޮށް ވާރޭވެހުނު ރެޔެކެވެ. އޭރު ވާރޭ ހުއްޓައިފައި އޮތަސް އަހަރެން އަތުގައި ކުޑައެއް އޮތެވެ. ގެއަށް ދާންވެގެން ބައިސްކަލަށް އަރަން ގަރާޖަށް ވަން އިރު، ނާސިހާގެ ބައިސްކަލު ހުރީ އަހަރެންގެ ބައިސްކަލާ ޖެހިގެންނެވެ. ކިހައި ބޮޑު ނަސީބެއް ހެއްޔެވެ؟ ދެ ބައިސްކަލަށް ވެސް ދުރަކު ނުތިބެވެއެވެ. އަހަރެން ބައިސްކަލަށް އެރި ތަނާ ނާސިހާ ބައިސްކަލުގައި ހުރި ކިސަޑުތައް ފެނުނެވެ. ކިރިޔާ ވެސް ވާރޭ ވެހިލައިފިއްޔާ އޮފީސް މަގުގައި ހިކި އެންމެ ތަންކޮޅެއް ވެސް ނޯންނާނެއެވެ. ގެއަށް ދާން ނާސިހާ ނުކުމެފައި، އަނެއްކާ ވެސް އެ ފެންގަނޑަށް އެރެން ޖެހޭނެއެވެ. އެ ކަން އެނގެއެވެ. އެހެނަސް، ނާސިހާގެ ބައިސްކަލު ފުހެނުލައި ހިތްހަމައެއް ނުޖެހުނެވެ. އެއީ ވެސް އަހަރެން އަލަށް ކުރާ ކަމެއް ނޫނެވެ. އެއީ ޗެލީ ބައިސްކަލެކެވެ. ދެ ފުރޮޅު ވަރަށް ކުޑަވާނެއެވެ. ބުރަކި ނަރުތައް އައިސް ބުރަތްކާ ގުޅިފައި ހުންނާނީ ބޭރުންނެވެ. އެހެންވެ، ނަރުތައް އެގޮތްމިގޮތަށް ހުންނާތީ، ގިނަ މީހުން ހުންނާނީ ހުރިހައި ނަރުތައް ދަގަނޑާ އެއްކޮށް ކުލިޕެއް އަޅުވައިފައެވެ. ނާސިހާ ހުރީ ރަތް ރިބަންފަށަކުން އައްސައިފައެވެ. މޫނު ފެންނަ ވަރަށް ބައިސްކަލު ފުހެފައި، ރިބަންކޮޅު މޮހައިލާފައި ޖީބަށް ލީމެވެ.

"ސޮރީ ނާސިހާ!" ހިތާހިތުން އަހަރެން މާފަށް ވެސް އެދުނީމެވެ. "ދުވަސްކޮޅަކުން ނާސިހާގެ ހަނދާނުގަ އަހަރެން ދާރުލްއާސާރެއް ހުޅުވާނަން. އަންނައްޗޭ ބަލާލަން. އެ ދުވަހުން ނުބުނާތި ނާސިހާ ދެކެ އަހަރެން ހާދަހާ ލޯތްބެކޭ ވަނީ! ބުނަންޏާ ބުނޭ އަހަރެން ހުންނަނީ މޮޔަވެފައޭ އިނގޭ."

އަހަރެން ހެމުންހެމުން ބައިސްކަލަށް އަރައި، ގަރާޖުން ނުކުންނަނިކޮށް ނާސިހާ އަންނަ ތަން ފެނުނެވެ. ހިތަށްއެރިއެވެ. ބައިސްކަލު ފުހެފައި ހުރިކަން އޭނައަށް އެނގޭނެބާއެވެ؟ އަހަރެން ކުރާ އެއްވެސް ކަމެއް އޭނައަށް ފާހަގަވާނެބާއެވެ؟ ތަންކޮޅެއް ދުރަށް ގޮސްފައި އަހަރެން މަޑުކޮށްލީމެވެ. ސިއްރުން ބަލަން ހުރީމެވެ. ނާސިހާ ބައިސްކަލު ހިފައިގެން ގަރާޖުން ނުކުތެވެ. ބައިސްކަލަށް ބަލައިލިއެވެ. އަލުން ހަރުޖައްސައިފައި، ގުދުވެގެން ވެސް ބައިސްކަލަށް ބެލިއެވެ. އެއީ ރިބަންކޮޅު ގެއްލިގެންކަމެއް ނުވަތަ ފުހެފައި ހުރީމައިކަމެއް އަހަންނަކަށް ނޭނގުނެވެ. ނާސިހާ ވަށައިގެން ހޯދިއެވެ. އެއަށް ފަހު ބައިސްކަލަށް އަރައި ނައްޓައިލިއެވެ. އެހައި ދަންވަރު އޭނަ އެކަނި ފޮނުވައިލާކަށް އަހަރެން ހިތްހަމައެއްނުޖެހުނެވެ. ފަހަރެއްގައި ބައިސްކަލުގެ ހަން ފަޅައިގެން ހިނގައިދާނެއެވެ. ފެންގަނޑު ތެރޭގައި ތޫނު އެއްޗެހި ހުރެއެވެ. ފަހަރެއްގައި ޗޭނު ނެއްޓިދާނެއެވެ. ނާސިހާއަކަށް ޗޭނެއް ނޭޅުވޭނެއެވެ. އެހެން ނޫނަސް، އޭނަގެ ލޯބި އަތުގައި ގިރިސް ހޭކޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

ނާސިހާގެ ފަސްފަހަތުން އަހަރެން ދިޔައީމެވެ. އެ ލޯބީގެ ނިކަމެތިކަން ނިކަން ދެކިބަލާށެވެ. ކުޑަމިނުން އަހަރެން އެބަ ހުރީމޭ ބުނެވޭކަށް ވެސް ނެތެވެ. ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. ތެމޭ ވަރަކަށް ނޫނެވެ. އަހަރެން އަތުގައި ކުޑަ އޮތެވެ. ހިތަށްއެރިއެވެ. ބޯކޮށްލައިފިއްޔާ ކުޑަނަގައިގެން ދާނަމެވެ. ބަދުނަސީބުކަމުން ވާރޭ ހުއްޓައިލިއެވެ. ސަލާމަތުން ނާސިހާ ގެއަށް ދިޔައެވެ.

އަހަރެން ގެއަށް ވަދެފައި ފުރަތަމަ ވެސް ކުރި ކަމަކީ ސިޓީއުރަ ހުޅުވައިލުމެވެ. ގޯސްކަމެއްކަން އެނގެއެވެ. އެކަމަކު ލޯބީގައި ހެވާއިނުބަޔަށް ބަލަނީ ކާކު ހެއްޔެވެ؟ ސިޓީ ފެނުމާ އެކު އަހަންނަށް ލިބުނީ މާޔޫސްކަމެކެވެ. އިނގެރޭސިން ލިޔެފައި އޮތީމައެވެ. އަކުރުތައް ހުރީ ގުޅުވައިފައެވެ. އަހަންނަށް ކިޔޭ ވަރުވީ ބައެއް ތަންތަންކޮޅެވެ. މިސް ޔޫ އޮތްހެން ހީވެއެވެ. ރިމެންބަރ ކަހަލަ ލަފުޒެއް އޮތެވެ. ޔަގީނުން ވެސް އައިލަވްޔޫ އޮތެވެ. އަހަރެންގެ ހިތް އުލަށް ޖަހައިފައި ފިހަން ލީ ފަދައެވެ. އަހަންނަށް ވިސްނުނު ގޮތުގައި، ނާސިހާއަށް ސިޓީ ފޮނުވާ މީހާ ދެކެ ނާސިހާ ލޯބިވެއެވެ. ބުނަން ނުކެރެނީއެވެ. އެއްބަސްވާން ނުކެރެނީއެވެ. އެ ރެޔަކު އަހަންނަކަށް ނުނިދުނެވެ. ހިތަށްއެރިއެވެ. އެ ސިޓީ ނުބެލުނު ނަމަ މާ ރަނގަޅުވީހެވެ.

ހެނދުނު އޮފީހަށް ދިޔަ އިރު ވެސް އަހަރެންގެ މޫޑު ރަނގަޅެއް ނޫނެވެ. އެހެން މީހެއް ދެކެ ނާސިހާ ލޯބިވާކަން އެނގުނީމައި ހިތަށް ލިބޭނީ ކޮން ހަމަޖެހުމެއް ހެއްޔެވެ؟ ނާސިހާ އާންމުކޮށް ބައިސްކަލު ބަހައްޓާ ދިމާއަށް ނުގޮސް އެހެން ދިމާއެއްގައި ބައިސްކަލު ބެހެއްޓީމެވެ. ބައިސްކަލު ތަޅުލައިފައި އެނބުރުނު އިރު ނާސިހާގެ ބައިސްކަލު ހުރީ އެ ތަނުގައެވެ. ކުޑަކޮށް ހައިރާންވިއެވެ. އެހައި ހެނދުނައި އެ ބައިސްކަލު ހުރީމައެވެ. އޮފީހަށް ވަދެފައި، ތަންތަން ފުހޭ ސާމާނު ހިފައިގެން ފުރަތަމަ ވެސް ދިޔައީ ނާސިހާގެ މޭޒު ކައިރިޔަށެވެ. ދިޔަ އިރު ނާސިހާ އިނެވެ. އެއީ ދުވަހަކު ވެސް ވީ ކަމެއް ނޫނެވެ. އަހަންނަކީ ބައި ގަޑިއިރު ކުރިން އޮފީހަށް އަންނަ މީހެކެވެ. ނާސިހާ އިނީ ވަތްގަނޑު ހާވާށެވެ. އަހަރެން ނުވެސް ދެނަހުރިކަމަށް ހެދިފައި ކުޑަދޮރު ފުހެން ފެށީމެވެ. އަހަރެން ހީކުރީ ސިޓީ ނެގިކަން ނާސިހާއަށް އެނގުނީކަމަށެވެ.

"ޒުހުރީ!" ހިތްހަމަނުޖެހިފައި ނާސިހާ ބުންޏެވެ.

"ލައްބަ!" އަހަރެން ބުނީމެވެ.

"ކުރީ ދުވަހު ދިން ހުރިހާ ކާޑެއް ބެހިންތަ؟" ނާސިހާ ސުވާލުކުރިއެވެ. "ހަމަ އެންމެ ކާޑެއް ވެސް އަނބުރާ ނުގެންނަން؟"

"ލައްބަ! ގެނެއްސިއްޔާ އަޅުގަނޑު ނާސިހާއަށް ދޭނެ ނޫންތޯ،" އަހަރެން ބުނީމެވެ. "ކިހިނެއްތޯވީ؟"

"އެންއެސްއެސްއަށް ކާޑެއް ގެންދިޔައިންތަ؟" ނާސިހާ އެހިއެވެ. "ޒުހުރީއަށް އަހަރެން އެ ކާޑު ހަވާލުކުރިން. ޔަގީން. ސިޓީއުރަ ބޭރުގަ ފުރަތަމަ ނުބައިކޮށް ނަންޖެހިގެން، އަލުން ރަނގަޅުކޮށްފަ ދިނީ ވެސް. އެހެންވެ ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އެކަމަކު އެ ކޮޅަކަށް ކާޑެއް ނުދެޔޯ. މިހާރު އެއް ހާސް ފަހަރު ވަތްގަނޑު ޗެކްކޮށްފިން. މިއަކު ނެތް. މިއަދު އަހަރެން ކަނޑާލާނެކަން ނޭނގެ."

"އެންއެސްއެސް؟" އަހަރެން ހަނދާންކޮށްލީމެވެ. "ތި ކާޑު އަޅުގަނޑު އަތުގަ އޮތް. އެކަމަކު އެ ކާޑަށް ކޮންމެވެސް ކަމެއް ވި."

ނާސިހާ ވަގުތުން ގޮނޑި އަނބުރައިލިއެވެ. އޭނަ އެހައި ރުޅިއައިސްފައި ހުއްޓައެއް އަހަރެން ނުދެކެމެވެ.

"ޒުހުރީއަށް ސާބަސް!" ނާސިހާ ހަޅޭއްލަވައިގަތެވެ. "އަހަންނަށް ރޭގަ ނުވެސް ނިދުނޭ! ޖަމްޝީދު ވެސް ގުޅުއްވި. ވިދާޅުވީ މިއަދު ޖަމްޝީދު ވަޑައިގަތުމުގެ ކުރިން ބަޔާނެއް ލިޔެފަ މޭޒުމަތީގަ ބާއްވައްޗޯ! އެހެންވެ މިހާ ހެނދުނާ މި އައީ ވެސް. ކާޑަށް ކިހިނެއް ހެދީ؟ ކޮން ތާކަށް ލީ؟"

އެ ކާޑު އަހަރެން އަތަކަށް ނުދެއެވެ. ސަތޭކަ ޕަސަންޓު ޔަގީނެވެ. އެހެނަސް ނާސިހާ ސަލާމަތްކޮށްދިނުމަކީ އަހަރެންގެ ޒިންމާއެކެވެ. ބަދަލުގައި ޖަލަށްދާން ޖެހުނަސް އަހަންނަކަށް މައްސަލައެއް ނެތެވެ.

"ވަރަށް ބޯކޮށް ވާރޭވެހުނެއް ނޫންތޯ؟" އަހަރެން ބުނީމެވެ. "އެ ކާޑު ފެންގަނޑަށް ވެއްޓުނީ. އެހެންވެ ގޭގަ ހިއްކަން ބާއްވާފަ ފަހުން ހަނދާންނެތުނީ."

ހަގީގަތުގައި ވާރޭވެހުނީ ރޭގަނޑުއެވެ. ދުވާލަކު ނޫނެވެ. ނާސިހާއަށް އެ ވަރު ވިސްނައިނުލެވުނީއެވެ. ނުވަތަ އަހަންނަށް އޮޅުނީކަމަށް ބަލައިފައި އޭގެ ފައިދާ ނާސިހާ ނެގީއެވެ.

"ކީކޭ ދެން އަޅެ ބުނާނީ؟" ނާސިހާ ބުންޏެވެ. "ފަރުވާކުޑަވެގެން ގޮސް ހައްދުފަހަނައަޅާފަ. އަހަންނޭ ހުރިހާ ހަޅޭކެއް އަޑުއަހަން ޖެހުނީ. ހަމަ މިހާރު ގޮސް ބަޔާންލިޔޭ! ދިހަ މިނެޓު ތެރޭ މި މޭޒުމަތީ ބަޔާން އޮންނަން ޖެހޭނެ."

ނާސިހާ ސަލާމަތްކުރެވެނިކޮށް އަހަންނަށް ނިމުނީއެވެ. އެހެނަސް އަހަރެން އޮފީހުން ކަނޑައިލައިފިއްޔާ ވަރަށް ހާލުގަޖެހޭނެއެވެ.

"އަޅުގަނޑަށް ކިހިނެއްތޯވާނީ؟" އަހަރެން އެހީމެވެ.

"ކޮން އަޅުގަނޑެއް ކިޔާކަށް؟" ނާސިހާގެ ރުޅި އޭރު ވެސް ކޮންޓުރޯލު ނުކުރެވެއެވެ. "އަހަންނަށް ރަނގަޅީ ކަނޑާލިއްޔާ! ބޯހަލާކު! ކާޑު ވެސް ގެންނާތި! ދާންއުޅޭ! އެއް ތަނެއް ވެސް ފުހޭނެކަމެއް ނެތް."

އަހަރެން އަވަހަށް އެ ތަނުން ނުކުތީމެވެ. ކަރުދާހާއި ގަލަމަކާ ހިފައިގެން ގޮސް ބަޔާން ލިޔަން ފެށީމެވެ. މައްސަލައަކީ އެ ކާޑެވެ. ނެތް އެއްޗެއް އަހަރެން ގެންނާނީ ކިހިނެއް ހެއްޔެވެ؟ މޮޅު ވާހަކައެއް ހަދައިލައިގެން ބަޔާނެއް ލިޔެފައި ނާސިހާޔާ ހަވާލުކުރީމެވެ. އަހަރެން ހުރީ އޮފީހުން ކަނޑައިލާނެކަމަށް ނިންމައިގެންނެވެ. އޭގެ ކުރިން، ހިތްފުރެންދެން ނާސިހާ ދެކިލަން ބޭނުންވިއެވެ. ނާސިހާ ފެންނަ ހިސާބުގައި، ފުހޭކަމަށް ހެދިގެން އަހަރެން ހުރީމެވެ. އަހަރެން އެ ޒިންމާ ބޮލުގައިއެޅުމުން ނާސިހާ އިނީ ވަރަށް ހަމަޖެހިފައެވެ. ފޯނުން މީހަކާ ވާހަކަދައްކަން އިން އިރު، ދޭތެރެއަކުން ހިނިތުންވެއެވެ. ކޮންމެ ފަހަރަކު ހީވަނީ އަހަރެންގެ ބޮލަށް މާތަކެއް އޮހިގަންނަހެންނެވެ.

ކާޑު ގެއްލުނުކަމަށް ހެދުނީމެވެ. އެ ފަދަ ކުށެއް ތަކުރާރުނުކުރުމަށް އަހަރެންނަށް އިންޒާރުދިނެވެ. ދުއިސައްތަ ރުފިޔާއިން ޖޫރިމަނާކުރިއެވެ. ހަފުތާއަކަށް ގޭގައި މަޑުކުރަން ވެސް އެންގިއެވެ. އެހެނަސް އޮފީހުން ކަނޑައެއްނުލައެވެ. އަހަރެންގެ ޝަކުވާއެއް، ހިތާމައެއް ނެތެވެ. ނާސިހާ އޮފީހުން ނުކުންނަ ތަން ބެލުމަށް ޓަކައި، ކޮންމެ ދުވަހަކު އޮފީސް ވަށައި އެތައް ބުރެއް ޖަހަމެވެ. ބައެއް ފަހަރު ކާމިޔާބުވެއެވެ. ގޭގައި ހުންނަތާ ފަސްވަނަ ދުވަހު އަހަންނަށް ފޯނެއްއައެވެ. ގުޅީ އެންމެ ހީނުކުރާ މީހާއެވެ. ނާސިހާއެވެ. ފުރަތަމަ ވެސް އަހަރެންގެ ހާލުއަހުވާލުއެހިއެވެ. ކުރަނީ ކީއްތޯއެހިއެވެ. އަހަރެން ހިތަށްއެރިއެވެ. ނުބައެއް އެބަ އުޅެއެވެ. ނާސިހާ އެ ފަދަ ކޯލެއް ކުރަންވީ ކީއްވެގެން ހެއްޔެވެ؟

"ކިހިނެއްތޯ ވީ؟" އަހަރެން އެހީމެވެ.

"ޒުހުރީޔާ ދިމާއަށް ވަރަށް އެއްޗެހި ކިޔުނު ދޯ؟" ނާސިހާ ވަރަށް އޯގާތެރި ރާގެއްގައި ބުންޏެވެ. "އޭރު ރުޅިއައިސްފަ ހުރީމަ.. ދެން އެ ވާހަކަ ނުދައްކަމާ ހިނގާ! ޒުހުރީއަށް ވަރަށް ތަންތަން އެނގެއެއްނު! އަހަރެންގެ ދޭ އެއްޗެއް ތާކަށް ވައްޓާލަދީފާނަންތަ؟ އޮފީސްކަމެއް ނޫން. ނޫނެކޭ ބުންޏަސް އޯކޭ."

އަހަރެން ނޫނެކޭ ބުނާނެ ހެއްޔެވެ؟ ވަގުތުން އެއްބަސްވީމެވެ. ނާސިހާ އެދުނީ ގެއަށް އައިސް އެ އެއްޗަކާ ހަވާލުވުމަށެވެ. އަހަރެން އެ ގެއަށް ދިޔައީމެވެ. ނާސިހާ ދައްކައިލީ ސިޓީއުރައެކެވެ.

"އޮފީސް މޭޒާ ފާރާ ދޭތެރެއަށް ކާޑު ވެއްޓިފަ އޮތީ،" ނާސިހާ ބުންޏެވެ. "ޒުހުރީ ކީއްވެ ދޮގުހެދީ؟"

ނުނިމޭ