29 މެއި 2022 - 07:18

ބޮލީވުޑްގެ ކުޅަދާނަ ތަރި، ރަންދީޕް ހޫދާގެ ކުރިއަށް އޮތް ފިލްމު "ސަވަތަންތްރާ ވީރް ސަވަރްކާރް" ގެ ޕޯސްޓަރު އާންމުކޮށްފި އެވެ.
"ފްރީޑަމް ފައިޓާ" ގެ ގޮތުގައި މަޝްހޫރު ވިނަޔަކް ދަމޯދަރު ސަވަރްކާރުގެ އުފަންވިތާ 139 އަހަރު ފުރޭ ދުވަހާ ދިމާކޮށް ނެރޭ ފިލްމުގެ ޕޯސްޓަރު ރަންދީޕު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ވިނަޔަކްގެ ރޯލުން ފެންނާނީ ރަންދީޕެވެ.
ފިލްމުގެ ފުރަތަމަ ފެނިލުން އާންމުކޮށް ރަންދީޕް ބުނީ މިއީ އޭނާއަށް ދޭ ސެލިއުޓެއް ކަމަށެވެ. އެހާ މުހިންމު މީހެއްގެ ރޯލު ކުޅުމަކީ ޗެލެންޖަކަށް ވިޔަސް ވަރަށް އިންސާފުވެރި ގޮތަކަށް ގެނެސްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ރަންދީޕް ބުންޏެެވެ.
"ހައިވޭ" އާއި "ސާބްޖިތު" ކަހަލަ ފިލްމުތަކުން ވެސް ފެނުނު ރަންދީޕް ބުނި ގޮތުގައި ވިނަޔަކްގެ އަސްލު ވާހަކައަކީ އެހާ ގިނަ ބަޔަކަށް އެނގޭ ވާހަކައެއް ނޫނެވެ.
މަހޭޝް މަންޖްރެކާރު ޑައިރެކްޓްކުރާ އެ ފިލްމަކީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
ރަންދީޕް އެންމެ ފަހުން ފެނުނީ ސަލްމާން ހާނާ އެކު "ރާދޭ: ޔުއާ މޮސްޓް ވޯންޓެޑް ބާއީ" އިންނެވެ. އޭނާގެ ކުރިއަށް އޮތީ ބަދަލުހިފުމުގެ ކަންތައްގަނޑެއް ދައްކުވައިދޭ ޑްރާމާ އެކެވެ. ނެޓްފްލިކްސް އިން ދައްކާ އެ ޑްރާމާގައި ރަންދީޕް ފެންނާނީ ޖާސޫސްކުރާ މީހެއްގެ ރޯލުންނެެވެ. އެ ފިލްމުގެ އިތުރުން ވެސް ރަންދީޕްގެ ކުރިއަށް ގިނަ މަސައްކަތްތަކެއް އެބަ ހުއްޓެވެ.