ވަގުންގެ ބަޔަކު ބޯނީ ކަޕޫރުގެ ކްރެޑިޓް ކާޑުން 4 ލައްކަ ރުޕީސް ނަގައިފި
ވަގުންގެ ބަޔަކު ބޯނީ ކަޕޫރުގެ ކްރެޑިޓް ކާޑުން 4 ލައްކަ ރުޕީސް ނަގައިފި

ބޮލީވުޑްގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގައިގެން ބަޔަކު އެއިން ބޭނުންކޮށްފި އެވެ.

އިންޑިއާގައި ވެސް ސައިބާ ކްރައިމް އިތުރުވަމުން ދާއިރު ސައިބާ ފްރޯޑް ކޭހެއްގެ މަޅީގައި މިފަހަރު ޖެހުނު ބޯނީގެ ކްރެޑިޓް ކާޑުން 3.82 ލައްކަ ރުޕީސް ބޭނުންކޮށްފައިވާ ކަމަށްވެ އެވެ. އެ މައްސަލަ މުމްބާއީގެ އަމްބޮލީ ޕޮލިހަށް ރިޕޯޓްކޮށް، މިހާރު އަންނަނީ މައްސަލަ ބަލަމުންނެވެ.

ބޯނީގެ ކާޑު ބޭނުންކޮށްގެން ފަސް ޓްރާންސެކްޝަނެއް ހަދާފައިވެ އެވެ، ބޯނީގެ އެކައުންޓުން ބަޔަކު ފައިސާ ބޭނުންކުރިކަން އޭނާއަށް އެނގުނީ ފައިސާ ނަގާފައިވާތީ އެކަން ބޭންކަށް ގުޅައިގެން ބެލުމުން ކަމަށްވެ އެވެ.

ބޯނީ ބުނެފައިވާ ގޮތުގައި އޭނާއަށް ކާޑުގެ މައުލޫމާތު ހޯދުމަށް ފޯނު ކޯލެއް ވެސް ނުލިބެ އެވެ. ޕޮލިހުން ޝައްކުކުރަނީ ބޯނީ ކާޑުގެ މައުލޫމާތު ބޭނުންކުރި ވަގުތު މީހަކަށް ފެނުނީ ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބޯނީގެ އެކައުންޓުން އިންޑިއާގެ ސިޓީއެއް ކަމަށްވާ ގުރުގުރާމްގެ ކުންފުންޏެެއްގެ އެކައުންޓަށް ވެސް ފައިސާ ޖަމާކޮށްފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި ވަކި މީހަކު ހައްޔަރު ނުކުރެ އެވެ.