27 ޑިސެމްބަރ 2016 - 17:45

އަލިމަސް ކާނިވަލުގައި ހުންނަ ކެފޭތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން މިއަދު އިމިގްރޭޝަނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 50 މީހުންގެ ތެރެއިން 46 މީހަކު ހައްޔަރުކޮށް، ހަތަރު މީހަކު ދޫކޮށްލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އަލިމަސްކާނިވަލުގައި މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައި، އެތަނުގައި ހުންނަ ކެފޭތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 50 މީހަކު ފުލުހުންނާއި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލީ ގަވައިދުން ތިބި ބައެއްކަން ސާބިތުކޮށްދިނުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިތަނުގެ ބެލުމުގެ ދަށުގައި މިހާރު ތިބި މީހުންގެ ތެރެއިން، ގަވައިދާ ހިލާފަށް ތިބި މީހުން ދުލެއް ނުކުރާނަން. އޭގެ ތެރެއިން ވެސް ވޯކް ވިސާ އޮތްކަން ސާބިތުކޮށްދޭ މީހަކު ދޫކޮށްލާނެ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ކާނިވަލުގައި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ ކުރިން އެންގުމެއް ނެތި އެވެ. އަދި އެ ގޮތަށް ކުރިމަގުގައި ވެސް މިފަދަ އޮޕަރޭޝަންތައް ކުރިޔަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އޮޕަރޭޝަން ކުރިޔަށް ގެންދަނީ ބިދޭސީން ބައިތިއްބާ ތަނުގެ ޖާގަ ހުންނަ މިންވަރަކުން. މިއަދު ހައްޔަރުކުރި މީހުންގެ ވެސް ޕާސްޕޯޓް ނުވަތަ ލިޔުން ލިބޭއިރަށް ފޮނުވަން ފަށާނަން،" އޮފިޝަލް ވިދާޅުވި އެވެ.
އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ފަހު އެ މީހުން ބައިތިއްބާ ތަނުގައި ގިނަވެގެން ގެންގުޅެވެނީ 165 މީހަކު ކަމަށެވެ.