28 މެއި 2022 - 14:22

މަސައްކަތްތެރިންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް އިންޝުއަރެންސާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ހިލޭ އެހީއެއް ވޯލްޑް ބޭންކުން ރާއްޖެ އަށް ދީފި އެވެ.
އެއީ އެ އިދާރާ އިން އަލަށް ފެށި ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) މަޝްރޫއުގެ ދަށުން ދިން އެހީތެރިކަމެކެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ އިކޮނޮމިކް މިނިސްޓްރީ އާއި ޕެންޝަން އޮފީހާ ގުޅިގެންނެވެ.
ރާއްޖޭގައި ވަޒީފާ ނެތް އާބާދީ އިތުރުވަމުންދާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ އަތޮޅުތަކުގަ އެވެ. އޭގެ ތެރެއިން އަންހެނުން ވަޒީފާ އަށް ނުދާ ވަރު ހުރީ 46 ޕަސެންޓުގަ އެވެ.
ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް ހުނަރުވެރި ދިވެހިން ހޯދުމަށާއި ރިސޯޓުތަކާއި އެހެން ވަޒީފާ ދޭ ފަރާތްތަކަށް ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
އެ އިދާރާއިން ބުނިގޮތުގައި، ރާއްޖޭގައި ޒުވާނުން އަމިއްލަ މަސައްކަތް ކުރުން އިތުރުވަމުން އަންނައިރު، އެފަދަ ޒުވާނުން ރިޓަޔާކުރާ އުމުރާއެކު، އެކަށީގެންވާ އަދަދެއްގެ ފައިސާ ރައްކާކޮށް، އާމްދަނީ އަށް އަތުވެދާނެ ހީނަރުކަމާ ކުރިމަތިލާނެ ގޮތްތައް ހޯދައި ދިނުމަކީ ވެސް އޮތް ގޮންޖެހުމެކެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ވެސް ވަޒީފާ އަށް ނުދާ މީހުން ރާއްޖޭގައި އިތުރު ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް އަލުން ވަޒީފާތަކަށް ނުކުންނަށް ވޯލްޑް ބޭންކުން އެހީވާން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނައިރު، އަޅުގަނޑުމެންގެ މި އެހީތެރިކަމުގެ ސަބަބުން ޓޫރިޒަމާއި އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު ދާއިރާތަކުން ވަޒީފާ އިތުރުކޮށް، އިގްތިސާދީ ފުރުސަތުތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ބޭންކްގެ ސެއިލްސް ޕްރޮގްރާމުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ މީހުންނާ ގުޅިގެން، ވަޒީފާ ނެތް މީހުންނަށް އިނާޔަތް ދިނުމަށް، ޕެންޝަން އޮފީހުން ބަލަހައްޓާ ފަންޑެއް އެކުލަވައިލާނެ އެވެ. ސަރުކާރުގެ ޖޮބް ސެންޓަރު ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ސަރަހައްދީ ހަބް ގާއިމްކޮށް، އެ ޖޮބް ސެންޓަރު މެދުވެރިކޮށް ކައުންސެލިން ފޯރުކޮށްދީ، ވަޒީފާ ހޯދުމުގައި އެހީތެރިވެދޭން ވަނީ ވޯލްޑް ބޭންކުން ނިންމައިފަ އެވެ.
ސީނިއާ އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ތޯމަސް ވޯކާ ވިދާޅުވީ، އަމިއްލަ މަސައްކަތްކުރާ މީހުންނާއި ފްރީލާންސަރުންނާއި ކޮންޓްރެކްޓަރުންނަށް ކޮވިޑާއެކު ވަރަށް ބޮޑަށް ގެއްލުވި ކަމަށެވެ. ސަރުކާރުގެ އެހީގެ ސަބަބުން އެ މީހުންނަށް ލުޔެއް ލިބުނަސް، ގިނަ އަދަދެއްގެ މަސައްކަތްތެރިން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް ދާން ޖެހުނު ކަމަށް ވިދާޅުވި އެވެ.