ހަނގުރާމަ ނިމުމުން އެނބުރި ސީރިއާ އަށް ދާނަން: ބަނާ
ހަނގުރާމަ ނިމުމުން އެނބުރި ސީރިއާ އަށް ދާނަން: ބަނާ

އަންކާރާ (ޑިސެމްބަރު 27) - ސީރިއާ ހަނގުރާމަ ނިމުމުން އެނބުރި ގައުމަށް ދާނެ ކަމަށް ހަލަބުގެ ހަނގުރާމައިގެ ތެރޭގައި ޓްވީޓްކޮށްގެން މަޝްހޫރުވި ހަތް އަހަރުގެ ބަނާ އަލް-އަބްދު ބުނެފި އެވެ.

ފޭސްބުކް މެދުވެރިކޮށް އާއްމުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ދެމުން ބަނާ އާއި އޭނާގެ މަންމަ ފާތިމާ ބުނީ ހަނގުރާމަ އަށް ފަހު ގައުމަށް އެނބުރި ގޮސް، ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަކީ އެ މީހުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. ބަނާ ވެސް ބުނެފައި ވަނީ ސީރިއާ ގޮސް ސްކޫލަށް ދާން ބޭނުންވާ ކަމަށެވެ.

"ގައުމަށް ހިދުމަތް ކުރަން އެނބުރި ދިއުމަކީ ވަރަށް ބޮޑު އުއްމީދެއް،" އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، ސީރިއާގައި ޓީޗަރެއްގެ ވަޒީފާ އަދާކުރި ފާތިމާ ބުންޏެވެ.

ބަނާ އާއި އޭނާގެ މަންމަ އާއްމުންގެ ސުވާލުތަކަށް ޖަވާބު ދީފައި މިވަނީ އެ މީހުން ހަލަބުން ސަލާމަތްކޮށްގެން ތުރުކީ އަށް ގެންދިޔަތާ އެއް ހަފުތާ ފަހުންނެވެ. ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވެސް ވަނީ އެ މީހުންނާ ބައްދަލުކޮށްފަ އެވެ.

ބޮޑުވެގެން ކޮން ކަމެއްތޯ ކުރާނީ، ފޭސްބުކް ބޭނުންކުރާ މީހަކު ކުރި ސުވާލުގައި ބަނާ ބުނީ އޭނާ ބޭނުން ވަނީ ޓީޗަރަކަށް ވާން ކަމަށެވެ. އަދި ފޮތް ލިޔާ މީހަކަށާއި ސުލްހަ ގާއިމްކޮށްދޭ މީހަކަށް ވާން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

"ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ މީހުންނަށް އެހީވާން އަޅުގަނޑު ބޭނުންވޭ،" އެހެން ސުވާލެއްގެ ޖަވާބުގައި ބަނާ ބުންޏެވެ.

ފާތިމާ ބުނީ ހަނގުރާމައިގެ ސަބަބުން ސީރިއާގެ އެތައް ހާސް ކުޑަކުދިންނަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

ސްކައިޕް މެދުވެރިކޮށް އެންބީސީއާ ވާހަކަ ދައްކަމުން 26 އަހަރުގެ ފާތިމާ ބުނީ އޭނާގެ ދަރިންގެ ސަލާމަތާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހުނު ކަމަށެވެ. އަދި ސަލާމަތުން ތިބޭނީ ކިހާ ދުވަހަކު ކަމާއި ސަލާމަތްވާން ދާނެ ތަނެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބަނާ އަށް އޭނާގެ މަންމަ ޓްވިޓާ އެކައުންޓެއް ހަދައިދިން ފަހުން އެ އެކައުންޓް 368،000 މީހުން ފޮލޯކުރެ އެވެ. ހަލަބުގެ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫތު އެ ކުއްޖާ ވަނީ ދުނިޔެ އަށް ހާމަކޮށްދީފަ އެވެ.