ކުޅުންތެރިން ތިބީ ވަރަށް ހަމަޖެހިގެން، އަނިޔާގެ މައްސަލައެއް ނެތް: އަންޗެލޮޓީ
ކުޅުންތެރިން ތިބީ ވަރަށް ހަމަޖެހިގެން، އަނިޔާގެ މައްސަލައެއް ނެތް: އަންޗެލޮޓީ

ޕެރިސް (މެއި 28) - ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކުލަބް ރެއާލް މެޑްރިޑުން މިރޭ ލިވަޕޫލާ ދެކޮޅަށް ފައިނަލުގައި ނުކުތުމުގެ ކުރިން ޓީމުގެ ބައެއް ކުޅުންތެރިން ތިބީ ވަރަށް ހަމަޖެހިލައިގެން ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ކުޅުންތެރިން ތިބީ ވަރަށް ހަމަޖެހިގެން، އަނިޔާގެ މައްސަލައެއް ނެތް: އަންޗެލޮޓީ
ކުޅުންތެރިން ތިބީ ވަރަށް ހަމަޖެހިގެން، އަނިޔާގެ މައްސަލައެއް ނެތް: އަންޗެލޮޓީ

އަންޗެލޮޓީ އަކީ މީގެ ކުރިން 2014 ވަނަ އަހަރު ރެއާލް މެޑްރިޑަށް އެޓީމުގެ 10 ވަނަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗެވެ. އޭނާ ބުނީ މިރޭގެ ފައިނަލުގެ އަމާޒު ހުރީ ވެސް 2014 ގައި ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު ފައިނަލުގެ ކާމިޔާބީ ތަކުރާރު ކުރުން ކަމަށާއި، އެކަމަކު ގިނަ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ހަމަޖެހިލައިގެން ކަމަށެވެ.

"ފައިނަލް މެޗުގެ ކުރިން އަހަރެމެންގެ ވެޓެރަން ކުޅުންތެރިން ތިބީ ވަރަށް ހަމަޖެހިލައިގެން. އެކަމަކު ފަހުން އަސްލު ފޯރި އަންނާނެ. އެއީ މައްސަލައެއް ނޫން. ފައިނަލަށް ދެވުމަކީ މި ކުލަބަށް އަބަަދުވެސް ހާއްސަ ކަމެއް،" އަންޗެލޮޓީ ބުންޏެވެ.

"މިއީ އަހަރެމެންނަށް ވަރަށް ރަނގަޅު ސީޒަނެއް، އެހެންވެ އެހާ ބޮޑަށް ހަމަޖެހިލެވެނީ. އެކަމަކު މި ކުޅުންތެރިން މިފަދަ މެޗުތަައް ވަރަށް ރަނގަޅަށް މެނޭޖްކުރާނެ. ވެޓެރަން ކުޅުންތެރިން އަހަރެމެންގެ ޒުވާން ކުޅުންތެރިންނަށް އެހީވާނެ. އަހަރެން ވަރަށް އުފާވޭ މި ޓީމު ފައިނަލަށް ތައްޔާރުކުރެވޭތީ."

މިހާތަނަށް ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކޯޗު، އަންޗެލޮޓީ މި މުބާރާތުގެ ފައިނަލެއްގައި ބަލިވެފައި ވަނީ ވެސް ހަމައެކަނި ލިވަޕޫލް އަތުންނެވެ. އެއީ 2005 ވަނަ އަހަރު ލިވަޕޫލާ ދެކޮޅަށް ތުރުކީގެ އިސްތަންބޫލުގައި، އިޓަލީގެ އޭސީ މިލާން ގޮވައިގެން ނުކުމެ ކުޅުނު ފައިނަލެވެ.

އެ މެޗުގައި އަންޗެލޮޓީގެ އޭސީ މިލާނުން ފުރަތަމަ ހާފުގައި ތިން ގޯލު ޖަހާފައި ވަނިކޮށް، ރަފައެލް ބެނިތޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ލިވަޕޫލް ވަނީ ދެވަނަ ހާފުގައި އެއްވަރުކޮށް، ޕެނަލްޓީ ޝޫޓް-އައުޓުގައި ކުރި ހޯދައި އެޓީމުގެ
ފަސްވަނަ ޗެމްޕިއަންސް ލީގު ތަށި ހޯދައިފަ އެވެ. އޭގެ ފަހުން ލިވަޕޫލަށް ހަވަނަ ޗެމްޕިއަންސް ލީގު ނަގައިދިނީ 2019 ވަނަ އަހަރު، މިހާރުގެ ކޯޗު ޔާގެން ކްލޮޕް އެވެ.

ލިވަޕޫލުން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ކުރިން ޒައިނުއްދީން ޒިދާންގެ ކޯޗު ކަމުގައި ރެއާލް ވަނީ ޖެހި ޖެހިގެން ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ނަގައި، 13 ތަށި ހަމަކޮށްފަ އެވެ. އަންޗެލޮޓީ ވަނީ ރެއާލްއާ އެކު ޗެމްޕިއަންސް ލީގު ނެގުމުގެ ކުރިން އޭސީ މިލާނާ އެކު ދެ ފަހަރު މުބާރާތް ކާމިޔާބު ވެސް ކޮށްފަ އެވެ.

"އަހަރެން ހަނދާންވޭ ކުރީގެ ހުރިހާ ފައިނަލެއް ވެސް. އަދި ގަބޫލު ކުރަން ދަތިިވޭ އަހަރެން ހަމައެކަނި ބަލިވީ އަހަރެންގެ ޓީމު އެންމެ ރަނގަޅަށް ކުޅުނު މެޗުގައިކަން،" 2005 ވަނަ އަހަރު ލިވަޕޫލް އަތުން ބަލިވި މެޗަށް އިޝާރާތްކޮށް އަންޗެލޮޓީ ބުންޏެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ނެގީ އަނިޔާގެ ބައެއް މައްސަލަތަކާ އެކު ކަމަށް ވިޔަސް، މިފަހަރުގެ ފައިނަލަށް ހުރިހާ ކުޅުންތެރިން ވެސް ތިބީ އެންމެ ފުރިހަމަ ހާލަތުގައި ކަމަށް އަންޗެލޮޓީ ބުނެ އެވެ.

"ކުރިން 2014 ގައި އަހަރެމެން ފައިނަލަށް އައި އިރު އަނިޔާގެ ބައެއް މައްސަލަތައް އުޅުނު ޓީމުގައި، އެކަމަކު ވެސް ކާމިޔާބު ކުރެވުން. މި ފަހަރު އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމުން ވަރަށް ހިތްހަމަ ޖެހޭ،" އަންޗެލޮޓީ ބުންޏެވެ.

"މި މެޗުގައި އަނިޔާގައި ތިބި ކަމަށް ބުނެ، ކުޅެން އަރައިފިއްޔާ އެއިން ދޭހަވަނީ އަނިޔާގެ މައްސަލަ ނެތްކަން. އެއީ އަނިޔާގައި ހުރެގެން މި މެޗެއް ނުކުޅެވޭނެ."

ލިޒްބަން ފައިނަލުގައި އަންޗެލޮޓީ ރެއާލް ގޮވައިގެން ނުކުތީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެފަހަރު ފުރިހަމަ ވަގުތު ހަމަވާން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށް ސާޖިއޯ ރާމޯސް ޖަހައިދިން ގޯލުން ނަތީޖާ އެއްވަރު ކޮށްގެން ރެއާލް މެޗު ކާމިޔާބު ކުރީ އިތުރު ވަގުތުގައި ޖެހި ލަނޑުތަކާ އެކު 4-1 އިންނެވެ. އެ މެޗުގައި އެތުލެޓިކޯގެ ގޯލުގައި ހުރީ މިހާރު ރެއާލް މެޑްރިޑުގެ އެއް ނަމްބަރު ކީޕަރު ތިބައު ކޯޓުއާ، 30، އެވެ.