ސެމްސަންގުން ފޯނު އުފެއްދުން މަދުކުރަނީ
ސެމްސަންގުން ފޯނު އުފެއްދުން މަދުކުރަނީ

ސްމާޓްފޯނު އުފައްދާ އެންމެ ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސެމްސަންގުން ކުރިއަށް އޮތް ތަނުގައި ފޯނު އުފައްދާ މިންވަރު މަދުކުރަން ނިންމައިފި އެވެ.

ދެކުނު ކޮރެއާގެ ޓެކް ކުންފުނި ސެމްސަންގަކީ ސްމާޓްފޯނު މާކެޓުގެ އެންމެ ބޮޑު ހިއްސާ އޮންނަ ކުންފުންޏެވެ. އެކުންފުނިން އެހާބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ އެކި ފަންތީގެ މީހުންނަށް އެކި އަގުތަކުގެ ތަފާތު ފޯނުތައް އުފައްދައިގެންނެވެ.

ނަމަވެސް މިއަހަރު ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ފޯނު އުފައްދާ މިންވަރު މަދުކުރާނެ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކުރިން ނިންމީ މިއަހަރު 310 މިލިއަން ސްމާޓްފޯން ޔުނިޓް އުފައްދަން ކަމަށެވެ. ނަމަވެސް މިހާރު އަމާޒަކީ 280 މިލިއަން ޔުނިޓް އުފެއްދުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއީ ވަރަށް ބޮޑު އަދަދެކެވެ. ސެމްސަންގުން ބުނި ގޮތުގައި އެގޮތަށް ނިންމާފައިވަނީ މިވަގުތު ދުނިޔޭގެ އިގުތިސާދުގެ ނާޒުކުކަމުންނެވެ. މިއަހަރު އިންފްލޭޝަންގެ ސަބަބުން ފޯނު ވިޔަފާރި ވެސް ދަށްވާނެ ކަމަށް ކުންފުނިން ދެކެ އެވެ.