ރޭޑިއަންޓުގެ ބޯޑާއެކު ވާސިފް އެނބުރި ނިއު ރޭޑިއަންޓަށް
ރޭޑިއަންޓުގެ ބޯޑާއެކު ވާސިފް އެނބުރި ނިއު ރޭޑިއަންޓަށް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަޕޯޓަރުންގެ ތެރެއިން އުފެއްދި، ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންކަމާ މާޗް މަހު ހަވާލުވި، އަހްމަދު ވާސިފް މިރޭ ބޭއްވި ނިއު ރޭޑިއަންޓްގެ އިންތިހާބުގައި ކްލަބްގެ ޗެއާމަންކަމަށް އިންތިހާބު ކޮށްފި އެވެ.

ރޭޑިއަންޓުގެ ބޯޑާއެކު ވާސިފް އެނބުރި ނިއު ރޭޑިއަންޓަށް
ރޭޑިއަންޓުގެ ބޯޑާއެކު ވާސިފް އެނބުރި ނިއު ރޭޑިއަންޓަށް

ވާސިފްއާއެކު ރޭޑިއަންޓްގެ ބޯޑުގައި މަސައްކަތް ކުރި ގިނަ ބޭފުޅުން ވަނީ އަލުން އަނބުރައި ނިއު ރޭޑިއަންޓްގެ ބޯޑަށް އަލުން އައިސްފަ އެވެ. ޝީ ބީލްޑިންގެ އަސަރީ މާލަމްގައި މިރޭ ބޭއްވި އިންތިހާބުގައި ކްލަބްގެ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ކުރީ އިސްމާއީލް ރަޝީދު އާއި ޒަހީނުއްދީން ސައީދު އެވެ.

ރޭޑިއަންޓުގެ ބޯޑާއެކު ވާސިފް އެނބުރި ނިއު ރޭޑިއަންޓަށް
ރޭޑިއަންޓުގެ ބޯޑާއެކު ވާސިފް އެނބުރި ނިއު ރޭޑިއަންޓަށް

ކްލަބްގެ ސެކެރެޓަރީ އަކަށް އިންތިހާބު ކުރީ، މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މޫސާ ސާއިދު އެވެ. ކްލަބްގެ ހަޒާންދާރުގެ މަގާމަށް އިންތިހާބު ކުރީ އަހްމަދު ހުސައިންނެވެ. ބޯޑުގެ އާންމު ހަތަރު މެންބަރުންނަކީ މުހައްމަދު ޔޫސުފް، ލުއައްޔު އާދަމް، އާސިމް ރިޒާ އަދި މުހައްމަދު މާލިކް އެވެ.

ކޮންމެ މަގާމަށް ވެސް އެކަށީގެންވާ އަދަދަށް ކުރިމަތިލައިފައި ވުމުން، ކުރިއަށް ގެންދިޔައީ ފެންނަ ނުފެންނަ ވޯޓެކެވެ. ކްލަބްގެ މެންބަރުންގެ ތެރެއިން ހާޒިރުވެ ތިބި ހުރިހާ ބޭފުޅުން ވެސް ވަނީ ބޯޑުގެ ހުރިހާ ބޭފުޅުންނަށް ވެސް ފެންނަ ކަމަށް ވޯޓް ދީފަ އެެވެ.

ވާސިފް އާއި ޒަހީން ވަނީ، ނިއުގެ ކުރީގެ ޗެއާމަން، ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ދައުރުގައި ވެސް ބޯޑު މެންބަރުކަން ކުރައްވައިފަ އެވެ. ވާސިފް އާއި ޒަހީންގެ އިތުރުން މުސާ ސާއިދު، އަހްމަދު މުހައްމަދު ޔޫސުފް އަދި ލުއައްޔު އާދަމް އަކީ ރޭޑިއަންޓްގައި ބޯޑުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

އިންތިހާބަށް ފަހު ވާސިވް ވިދާޅުވީ މާޗް 2020 ގައި ވެސް ނިއު ރޭޑިއަންޓު ކޮޅަށް ނަގަން އުޅުނީ، މިރޭ އިންތިހާބުވި އެކްސްކޯ މެންބަރުން ކަމަށެވެ. އަދި ރޭޑިއަންޓް އުފައްދައިގެން ވެސް އޭނާގެ ޓީމުން މަސައްކަތް ކުރީ ނުލާއި ހުދުގެ ކުލަތައް އަލުން ފުޓްބޯޅައިގައި ދިރުވުމަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިއު ރޭޑިއަންޓް އަލުން ދިރިވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލަފާފުޅު ވެސް ލިބިވަޑައިގެން ކަމަށެވެ.

ވާސިފް ވިދާޅުވީ ރޭޑިއަންޓް ސްޕޯޓްސް ކްލަބް އުފައްދައިގެން، ކުރިއަށްދާން އުޅުމުން އޭއެފްސީން އެ ކްލަބަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާ އެއްކަމަށް ބުނިނަމަވެސް އޭނާގެ ޓީމުން ނިންމައިގެން ތިބީ އާބިޓްރޭޝަން މަރުހަލާ އަށް ދިއުމަށް ކަމަށް ވާސިފް ވިދާޅުވި އެވެ.

"އާބިޓްރޭޝަންގައި ކާމިޔާބު ވާނެ ކަމުގެ ޕޮޒެޓިވް ކަންތައްތަކެއް ވެސް ހުރި. އެއީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ވުޖޫދުގައި އޮތް ކަލްބެއް. އުވިފައި އޮތް ކްލަބެއް ނޫން. އަނެއް ކަމަކީ ސްޕޯޓިން ސަކްސެސާއެއް ކަނޑައެޅުމުގެ ބޭރު އޮންނަނީ ފީފާ އަށް ނުވަތަ ފީފާގެ ކޮންވެސް ކޮމިޓީ އަކަށް. އެއީ އޭއެފްސީން ނިންމާ ކަމެއް ނޫން. އަޅުގަނޑުމެން ތިބި އާބިޓްރޭޝަނަށް ދާގޮތަށް އެކަމަކު އެއަށް އަނެއްކާ ބޮޑު ހަރަދުތަކެއް ހިނގާނެތީ ނިއު ރޭޑިއަންޓް ކޮޅަށް ނެގޭތޯ އަޅުގަނޑުމެން މަސައކްަތް ފެށީ،" ވާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނއިު ރޭޑިއަންޓްގެ ބީ ޓީީމުގެ ގޮތުގައި ރޭޑިއަންޓް ހަރަކާތްތެރިވާނެ ކަމަށެވެ.