އިމްރާން ހާން އަދިވެސް ބޮލީވުޑުން ފެނިދާނެ
އިމްރާން ހާން އަދިވެސް ބޮލީވުޑުން ފެނިދާނެ

"އައި ހޭޓް ލަވް ސްޓޯރީޒް" އާއި "ޖާނޭ ތޫ... ޔާ ޖާނެ ނާ" ކަހަލަ ފިލްމުތަކުން ބޮލީވުޑްގައި ވިދާލި އިމްރާން ހާން އަދިވެސް އެނބުރި ބޮލީވުޑަށް އަތުވެދާނެ ކަމަށް އޭނާ ގާތް މީހުން ބުނެފި އެވެ.

ފިލްމީ ދާއިރާއިން ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ލިބުނަސް 2015 ވަނަ އަހަރު ނިކުތް "ކައްޓީ ބައްޓީ" އަށް ފަހު އިމްރާނެއް ނުފެނެ އެވެ. ފިލްމީ ދާއިރާއިން ގެއްލުނަސް ޑައިރެކްޓަރެއްގެ ގޮތުގައި އިމްރާން ބޮލީވުޑުން ފެނިދާނެ ކަމަށް އޭނާގެ ގާތް މީހުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިމްރާން މިވަގުތު ވެސް އަންނަނީ ސްކްރިޕްޓެއްގެ މަސައްކަތް ކުރަމުންނެވެ. ޑައިރެކްޓަރެއްގެ ގޮތުގައި އަންނަ އަހަރު އޭނާ ފެނިދާނެ ކަމަށް ގާތް މީހަކު މީޑިއާއަށް ބުނެފައިވެ އެވެ.

އިމްރާން ޑައިރެކްޓްކުރާ ފިލްމުގެ ލީޑު ރޯލުން އޭނާ ފެނިދާނެތޯ ސުވާލުމުރުމުން އެމީހާ ބުނެފައި ވަނީ އެކްޓުކުރުމަށް އޭނާގެ ޝައުގުވެރިކަން ނެތް ކަމަށެވެ. ދެން އޭނާ ކުރާނެ މަސައްކަތަކީ ޑައިރެކްޓަރެއްގެ މަސައްކަތް ކަމަށް ވެސް ބުންޏެެވެ.

ބޮލީވުޑުން ގެއްލުނު ފަހުން އިމްރާންގެ ކައިވެނީގައި ބޮޑެތި މައްސަލަތަކެއް ދިމާވެ، އެމީހުން ވަނީ ވަކިވެފަ އެވެ. އެ މީހުންގެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ.