މަސްތުވާތަކެތީގެ މައްސަލައިން އާރިޔަން ސަލާމަތްވެއްޖެ
މަސްތުވާތަކެތީގެ މައްސަލައިން އާރިޔަން ސަލާމަތްވެއްޖެ

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ މައްޗަށް ތުހުމަތުކުރި މަސްތުވާތަކެތީގެ މައްސަލައިން އޭނާ ސަލާމަތްވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ދެވަނަ ދުވަހު އާރިޔަން ހައްޔަރުކުރީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރި ބައެއްގެ ތެރެއިންނެވެ. އެ ތުހުމަތުގައި އާރިޔަންއާ އެކު އެނާގެ އެކުވެރިންތަކެއް ވެސް ހައްޔަރުކުރި އެވެ. ޖަލުގައި ގެންގުޅުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ އޮކްޓޫބަރު 30 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އެ މައްސަލާގައި 14 މީހަކަށް ތުހުމަތުކުރި ނަމަވެސް އާރިޔަން ހިމެނޭ ގޮތަށް ފަސް މީހަކަށް ދައުވާ ނުކުރާން ވަނީ ނިންމައިފަ އެވެ.

އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަަރަށް ހެކި ނެތިގެން އެ މީހުން ވަނީ ސަލާމަތްވެފަ އެވެ.

އެންސީބީއަށް ހެކި ދިން ބައެއް މީހުން ވަނީ އެ މައްސަލައާ ގުޅިގެން އާރިޔަން ފްރޭމްކުރި ކަމުގެ ތުހުމަތުކޮށްފަ އެވެ. އެ މީހުން ބުނެފައިވާ ގޮތުގައި އާރިއަން ފްރޭމް ކުރުމުގެ މަސައްކަތަކީ ދުރާލައި ރާވައިގެން ހިންގާފައިވާ ޖަރީމާއެކެވެ.

އާރިޔަން ފްރޭމް ކުރުމުގެ ބޭނުމަކީ އޭނާގެ ބައްޕަ، ޝާހުގެ އަތުން ފައިސާ ހޯދުން ކަމަށް ތުހުމަތުކުރެ އެވެ.