ޓޫރިސްޓުންގެ އާ ރެކޯޑެއް، މި މަހު 125،000 ޓޫރިސްޓުން
ޓޫރިސްޓުންގެ އާ ރެކޯޑެއް، މި މަހު 125،000 ޓޫރިސްޓުން

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު މެއި މަހާ އަޅާ ބަލާއިރު، މި މަހު އައި ޓޫރިސްޓުންގެ އަދަދު 125،000 އަށް އަރައި، އާ ރެކޯޑެއް ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރުގެ މެއި މަހު ރާއްޖެެ އަށް އައީ 103،000 ޓޫރިސްޓުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، މި މަހު ރާއްޖެ އައި ޓޫރިސްޓުން 2019 ވަނަ އަހަރަށް ވުރެ ގިނަވީ މިހާރު ޓޫރިސްޓުން އަންނަ ހުރިހާ މަންޒިލްތަކުން ވެސް ޓޫރިސްޓުން އިތުރުވެގެން ކަމަށެވެ. އޭނާ ވިދާޅުވީ، އިންޑިޔާ، ސައުދީ އަރަބިއްޔާ އަދި އެމެރިކާ އިން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އިންޑިޔާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން މި ވަގުތު އަންނަ ގައުމެވެ. ދެވަނައިގައި އިނގިރޭސިވިލާތް އޮތް އިރު ތިން ވަނައިގައި އޮތީ ރަޝިޔާ އެވެ. މިއަހަރު ފެށުނީއްސުރެ މާޗް މަހާ ހަމައަށް ރަޝިޔާ އޮތީ އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުގެ ގޮތުގަ އެވެ. އެހެން ނަމަވެސް އެ ގައުމުން ހަނގުރާމަ ފެށުމާ އެކު ޓޫރިސްޓުން އަންނަ ވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

މައުސޫމް ވިދާޅުވީ، މިދުވަސްވަރަކީ ރާއްޖެއަށް އަބަދުވެެސް މަދުން ޓޫރިސްޓުން އަންނަ ދުވަސްވަރެއް ކަމަށެވެ. އެކަން މިހާރު ބަދަލުވާން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގައި އޮތް ސީޒަނަލް ޓޫރިޒަމް ބަދަލުވެގެންދާ ކަމުގެ އިހުސާސް މިކުރެވެނީ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާނެ ކަމަށް މި ބަލަނީ." އޭނާ ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު އަޑި އަޅާލާފައި އޮތް ދަނޑިވަޅެއްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން އާ ރެކޯޑުތައް ހަދަމުން ދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އިގްތިސާދު ރަނގަޅުވެ ގައުމުތަކުގެ ހާލަތު ފަހިވާން ފެށުމުން ރާއްޖޭގެ ޓޫރިޒަމް ވަރަށް ފުޅާވާނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 680،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި ޓޫރިސްޓުންނަށް ވުރެ 6 ޕަސެންޓް ދަށް އަދަދެކެވެ. އެ އަހަރުގެ ފުރަތަަމަ ފަސް މަހު ރާއްޖެއަށް 730،000 ޓޫރިސްޓުން ރާއްޖެ އަށް އައެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ.