04 ޖޫން 2022 - 10:08

ރާއްޖޭގައި މިދިޔަ މަހު ނިމިގެން ދިޔަ ސައުތު އޭޝިއަން ޖޫނިއަ ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގައި ޓީމު އިވެންޓްގައި ދިވެހި ޓީމު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި، ރާއްޖޭގެ ޓީމު ޕްރެޝަރަށް ވެއްޓިފައިވަނިކޮށް މިޝްކާ މުހައްމަދު އިބްރާހިމް ތިންވަނަ ގޭމް ކާމިޔާބުކޮށް ރާއްޖެ މެޗުން މޮޅުކޮށްދިނުމުން، ސޯޝަލް ސެންޓަރުގައި މެޗު ބަލަން އިން އޭނާގެ މަންމަ، ސުދާ އަބްދުލްއަޒީޒުގެ ލޮލުން ކަރުނަތ ފާއްދާލި އެވެ. ފެންކަޅިވި އެވެ. އެއީ، އޭނާގެ ވަރަށް ގިނަ ދުވަހުގެ ހިތްވަރާއި ބުރަ މަސައްކަތެވެ. ވަރަށް ބޮޑު ގުރުބާނީއެއްގެ ނަތީޖާ އެވެ. އަދި، އެއީ ފަހަރެއްގައި އެހެން މަޔަކަށް ނުލިބިދާނެ އުފަލެއް ވެސް މެ އެވެ. ސަބަބުތައް ބައިވަރެވެ.

ސުދާ އާއި މިޝްކާގެ ދެމައިންގެ ފެށި ހަޔާތަކީ، އުފާވެރި ހަޔާތެއް ނޫނެވެ. ދަރިފުޅާ އެކު ޓީޓީ މޭޒުދޮށަށް އައީ އޭގެ ފަހަތުން ވަރަށް ދުރު، ހިތާމަވެރި އަދި ނިކަމެތި ދަތުރަކަށް ފަހު އެވެ.

ސުދާ ބުނި ގޮތުގައި މިޝްކާ އަށް އެއް އަހަރު ނުވަނީސް މިޝްކާގެ ބައްޕަ އޭނާ ވަރިކޮށްލި އެވެ. ދަރިފުޅުގެ އެންމެ ތުއްތު އިރު ބައްޕަ ލޯތްބާއި އެހީތެރިކަން އެންމެ ބޭނުންވި ދުވަހު މިޝްކާގެ ބައްޕަ އަށް އެ އަޑުތަކެއް ނީވުނެވެ. އެ ދެމައިން ގެއިން ނެރެ އެއްލާލައި މަގުމަތިކޮށްލި އެވެ. އޭގެ އިތުން ހަރަދު ދިނުން ފަދަ އެންމެ ޒަރޫރީ ހައްގުތައް ވެސް ފުރަތަމަ ކޮޅު އަދާ ނުކުރެ އެވެ، އެކަން ކުރަން މަޖުބޫރު ކުރީ އެތައް ފަހަރަކު ކޯޓަށް ވެސް ހާޒިރުކޮށްގެންނެވެ.

"ކޯޓަށް އެތައް ފަހަރަކު ގޮސްގެން އެ 2000ރ. ވެސް ދެނީ ހިތަށް އެރިއްޔާ،" ސުދާ ކިޔައިދިނެވެ.

"އެކަމަކު މިޝްކާގެ ކާފަ (ބައްޕަ ފަރާތު) ވަރަށް ހެޔޮ. ޕްރީ ސްކޫލްގެ ފީ ވެސް ކާފަ ދައްކައިދޭ.. ކާފަގެ ގެއިން ހުންނާނެ ތަންކޮޅެއް ދެއްކި ކަމުން ނިދާލާނެ ގޮތެއް ހަމަޖެހުނީ. އޭނަ އަޅުގަނޑުމެންނަށް އެހީ ނުވިނަމަ ނޭނގެ ވާނެ ގޮތެއް ވެސް"
ކާފަ އަށް ވެސް އެހީ ވެވުނީ ވެސް ވަކިވަރަކަށެވެ. ދިރިއުޅުމުގެ ހަރަދުތައް ހަމަނުޖެހި، ގޮތް ހުސްވި އެވެ. ހުރިހާ ދޮރެއް ކަހަލަގޮތަކަށް ބަންދުވުމުން މިޝްކާގެ ބޭނުންތައް ފުއްދައި ނުދެވޭން ފެށުމުން ، ސުދާ ނިންމީ ގޭގެ އަށް ނޯކިރިކޮށް ދޭން ދާށެވެ.
"ގޭގެ އަށް ކުދިން ބަލައިދޭން އަޅުގަނޑު ދިޔައީ. ދެން ދޮވެ އިސްތިރިކޮށް ދެން. ކުދިން ބަލައިގެން ލިބޭ 2000 ރުފިޔާއިން އަޅުގަނޑާއި މިޝްކާ އަށް ހަރަދުކުރަނީ. ދޮވެ އިސްތިރިކޮށްގެން ލިބޭ 500 ރުފިޔާ ފޮރުވަނީ މިޝްކާގެ ސްކޫލް ބޭނުމަކަށް ބޭނުންކުރަން ވެގެން."
މިހާރު އުމުރުން 13 އަހަރުގެ މިޝްކާ އަށް ޓޭބަލް ޓެނިސް ކުޅެން ފެށުނީ ވެސް އެކަހަލަ ގޮތަކަށެވެ. އަމީނިއްޔާ ސްކޫލްގެ ގްރޭޑް 2 ގައި ކިޔަވަމުން ދިޔައިރު ކުޅިވަރުތަކުގެ ޔޫތު ޑިވެލޮޕްމެންޓާ ގުޅެން ތިން ކުޅިވަރަކުން މިޝްކާ އަށް ފުރުސަތު ލިބުނެވެ. ނެޓްބޯޅަ އާއި ބާސްކެޓް އަދި ޓީޓީގެ ތެރެއިން ކުޅިވަރެއް އިހްތިޔާރުކުރަން ޖެހުމުން މިޝްކާ ބެލީ އެންމެ ކުޑަ އަގެއް ދައްކައިގެން ބައިވެރިވެވޭ ކުޅިވަރެއްގައި ކުރިއަށް ދިއުމަށެވެ.
"މިޝްކާ ބުނަނީ ބޭނުމޭ ކުޅެން ދާން އެކަމަކު މަންމަ އަށް ފައިސާ ދެއްކެންޏާއޭ ދާނީ. ޓީޓީ އަށް ދައްކަން ޖެހެނީ 50 ރުފިޔާ. އަނެއް ދެ ކުޅިވަރަށް 100 ރުފިޔާ. ދެން މިޝްކާ ބުނެފި މަންމީ އަށް ފައިސާ ދެއްކޭވަރުގެ ކުޅިވަރަކަށޭ ދާނީ،" ސުދާ ކިޔައި ދިނެވެ.
"އަޅުގަނޑު ބުނިން 100 ރުފިޔާ ވެސް މަންމަ އަށް ދެއްކޭނެޔޭ. އެކަމަކު މިޝްކާ ބޭނުންވީ ޓީޓީ އަގު ހެޔޮވީމަ ޓީޓީ ކުޅެން."
ކުޅެންދާން އަރަން ޖެހޭ ބޫޓެއް ވެސް އަދި ލާނެ ކިޓެއް ވެސް މިޝްކާ އަތަކު ނެތެވެ. އެވަރުގެ އެއްޗެއް ގަނެވޭނެ ފެންވަރެއް ވެސް ސުދާގެ ކިބަޔަކު އޭރަކު ނެތެވެ. މިޝްކާ އަށް ލިބުނު ފުރަތަމަ ބޫޓާއި ޖޯޒީ ވެސް ވީ އެހެން މީހަކު ބޭނުން ކޮށްފައި ދިން ބޫޓަކާއި ޖޯޒީ އަކަށެވެ.
"އޭރު އަޅުގަނޑު ބޭބީ ސިޓް ކުރަންދާ ކުއްޖާގެ މަންމަ ދިން ޓީޝާޓެއް ލައިގެން ކުޅެން ދަނީ. ބޫޓަކީ ވެސް އެހެން ކުއްޖަކު އަރައައިފައި ދިން ބޫޓެއް،" ސުދާ ބުންޏެވެ.
އެކަމަކު އޭނާ ބޭނުންވީ ދަރިފުޅުގެ އުންމީދުތައް އޭނާ އަށް ވެވުނު އެންމެ ރަނގަޅަކަށް ފުރިހަމަ ކޮށްދެވޭތޯ ކަމަށް ސުދާ ބުންޏެވެ. މިދިޔަ މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ނޭޕާލާ ދެކޮޅަށް ރާއްޖެ އަށް މެޗު ކާމިޔާބުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި މިޝްކާ ބުނި ގޮތުގައި އޭނާގެ ކެރިއާ އަށް ކޮށްދިން ހުރިހާ ކަމެއް ކޮށްދިން މީހަކީ މަންމަ އެވެ.
"އަޅުގަނޑަށް އެނގޭ އެހެން މީހެއްގެ އެހީ ނުލިބި މަންމަކަން އަޅުގަނޑަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނީ. މަންމަ ވަރަށް ބޮޑު ސެކްރިފައިޒެއް ވެގެން މިހާހިސާބަށް ދެވުނީ،" މިޝްކާ ބުންޏެވެ.
މުބާރާތުގެ ފުރަތަމަ ދެ މެޗުގައި އޭނާ އަށް ޕްރެޝާ ކޮންޓްރޯލް ނުކުރެވި އަތުން ދޫވި އެވެ. އެކަމަކު ނާޕޭލް މެޗުގައި ނަތީޖާ އަނބުރާލި އެވެ. ސުދާ ގަބޫލުކުރާ ގޮތުގައި މިޝްކާގެ އެންމެ ތުއްތު އިރު ދިޔައީ އެކަހަލަ އުނދަގޫ ގޮތަކަށެވެ.
"އަޅުގަނޑަށް އެނގޭ ކޮންމެ ވެސް ހިސާބެއްގައި އޭނާ މެޗެއް ނަގާނެކަން. އެ އިތުބާރާއެކު އަޅުގަނޑު ހުރީ،" ސުދާ ކިޔައިދިނެވެ.
މިޝްކާ ބުނި ގޮތުގައި ގައުމީ ޓީމާއެކު ފުރަތަމަ މުބާރަތަށް ވުމާއެކު އޭނާގެ އެންމެ ފުރަތަމަ ޓާގެޓަކަށްވީ އޭނާ ގޭމެއް ކާމިޔާބުކޮށްގެން ރާއްޖެ އަށް މެޗު ކާމިޔާބުކޮށްދިނުމަށެވެ.
މިޝްކާގެ ކުޅުން އެންމެން ފާހަގަ ކުރި އިރު ވެސް އޭނާގެ ބައްޕަގެ ފަރާތުން އެންމެ ފޯނު ކޯލެއް ވެސް ނުލިބޭ ކަމަށް ސުދާ ބުންޏެވެ.
"އޭނާގެ އާއިލާއަކީ ވެސް ބޮޑު އާއިލާއެއް ހިތައް އެރި މެޗެއް ބަލާލަން އާއިލާ މީހަކު ފޮނުވާލި ނަމައޭ ވެސް،" ސުދާ ބުންޏެވެ.
"އެކަމާ އަޅުގަނޑަށް ވިސްނީމަ މިޝްކާ ބުނާނެ؛ މަންމީ އޭ އެމީހަކު ނުޅޭވަރަކުން ކީއްކުރަންހޭ މަންމި އުޅެނީ."
ސުދާގެ މިހާރުގެ ފިރިމީހާ ތޮލްއަތު މުހައްމަދު އަކީ މިޝްކާގެ ބައްޕަ ނޫން ކަމެއް ގިނަ ބަޔަކަށް ނޭނގެ އެވެ. ޓޭބަލް ޓެނިސްގެ އާއިލާގެ އެންމެންނަށް ވެސް ތޮލްއަތު އެނގިފައި ވަނީ މިޝްކާގެ ބައްޕަގެ ގޮތުގަ އެވެ.
މިނިސްޓަރު [މަހްލޫފް] ވެސް ހީކުރީ ތޮލް އަކީ މިޝްކާގެ ބައްޕަ ކަމަށް،" ސުދާ ބުންޏެވެ. "އެކަމަކު އަޅުގަނޑުމެން ވަކިން ގޮސް މިނިސްޓަރަށް ކިޔައިދިނީމަ އެނގުނީ."
ސުދާ އާއި ތޮލްއަތު ކައިވެންޏަށް މިހާރު ހަތް އަހަރުވީ ކައިވެނީގައި މިޝްކާ އާ މެދު އޭނާ ދެކެނީ އަމިއްލަ ދަރިއެއް ގޮތަށް ކަމަށް ސުދާ ބުންޏެވެ.
"މިޝްކާ ވެސް ކިޔާނީ ބައްޕަ،" ސުދާ ބުންޏެވެ.
މިޝްކާ އާއި އަންހެން ޓީޓީ ޓީމަށް ކުރިއަށް އޮތް މުބާރާތަކީ ކޮމަންވެލްތު ގޭމްސް އެވެ. މިހާރު ވެސް ގައުމީ ސްކޮޑްގައި ހުރި މިޝްކާ ބުނީ އެ މުބާރާތުގައި ސްކޮޑްގައި ހިމެނި ރަނގަޅު ކުޅުމެއް ދެއްކުމަކީ އޭނާގެ މި ވަގުތު ޓާގެޓް ކަމަށެވެ.
"އިންޑުވިޖުއަލް އެންމެ ބޮޑު ޓާގެޓަކީ ދީމާ ގޮތަށް ރާއްޖެއިން ބޭރުގައި ޓްރޭނިން ހަދައި ރޭންކިންގެ އެއްވަނަ ހޯދުން،" މިޝްކާ ބުންޏެވެ.
"ޓީމެއްގެ ގޮތުގައި ޓާގެޓަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނުނީ ސައުތު އެޝިއަން ގޭމްސްއިން މިޝްކާ ހުރެގެން މެޑަލް ހޯދުން."
ކިތަންމެ އުނދަގޫ ހާލެއްގައި ދަރިފުޅު ތަރުބިއްޔަތުކުރަން ޖެހުނަސް ދަރިފުޅުގެ ކިޔެވުމާއި ކުޅިވަރަށް އަސަރު ކުރިޔަ ނުދޭން ސުދާ ހުރީ މާކުރިން ފެށިގެން އުންމީދެއްގައި ކަމަށް އޭނާ ބުންޏެވެ.
"ބޭބީ ސިޓްކުރަން ދިޔަސް އަޅުގަނޑު ބަލަން ސްކޫލަށް ގެންދާ ގަޑިއަށް ގެއަށް އާދެވޭތޯ،" ސުދާ ބުންޏެވެ.
"ވަރަށް ހަނދާންވާ ދުވަހެއް. އެންމެ ދުވަހަކު މިހާތަނަށް ގަޑި ޖެހުނީ އެއީ އަޅުގަނޑަށް ތަންކޮޅެއް ލަހުން އެ ދުވަހު ނިމުނު ދުވަހެއްގައި. އެ ދުވަހު ވަރަށް ބޮޑަށް މިޝްކާ އަށް ރޮވުނު އެ ނޫނިއްޔާ ނީންނާނެ ގަޑި ޖެހުނު އެންމެ ދުވަހެއް ވެސް،" އަމީނިއްޔާ ސްކޫލްގެ ގްރޭޑް 8 ގައި މިހާރު ކިޔަވަމުން އަންނަ މިޝްކާއާ ބެހޭގޮތުން ސުދާ ބުންޏެވެ.
"ޕޭރެންޓް މީޓިން އަކަށް ދިޔަޔަސް ޓީޗަރުން ވެސް ބުނާނެ މިޝްކާގެ ނޯންނާނޭ އެއްވެސް މައްސަލައެއް."
ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ދެއްކި ކުޅުމާ އެކު މިޝްކާގެ ހިތްވަރު، ގިނަ ބަޔަކު ފާހަގަ ވެސް ކުރި އެވެ. އެކަމަކު އެންމެންނަށް ނޭނގި އޮތީ މިޝްކާ އެ ހިސާބަށް ދިޔަ ގޮތެވެ.