31 ޑިސެމްބަރ 2016 - 06:58

މި އަހަރު ރިލީޒްވި ކޮމެޑީ ފިލްމް "ބޭޑް މޮމްސް" ގެ ޖާދޫގައި ޖެހުނު ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. އެއީ މި ފިލްމުގެ ސީކްއެލްއެއް ނުވަތަ ދެވަނަ ބައެއް ގެނެސް ދޭން ނިންމި ވާހަކަ އެވެ.
އެކަން މި ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭ ކްރިސްޓެން ބެލް ވަނީ ޓްވިޓާ މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށް އެވެ.
މައިންގެ ބުރަ ދިރިއުޅުމުގެ ތެރެއިން ދިމާވާ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައި ދިން "ބޭޑް މޮމްސް" ގެ ދެވަނަ ބަޔަށް ދީފައިވާ ނަމަކީ "ބޭޑް މޮމްސް ކްރިސްމަސް" އެވެ. ފިލްމް ސިނަމާތަކަށް އަންނާނީ ނޮވެމްބަރު 3، 2017 ގަ އެވެ.
ފިލްމުގެ މުހިއްމު ރޯލްތަކުން ޕްރިކްއެލްގެ ތަރިްނ ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި މިލާ ކޫނިސް، ކްރިސްޓެން އަދި ކެތުރީން ހާން ހިމެނެ އެވެ.
"ބޭޑް މޮމްސް ކްރިސްމަސް" ގެ ސްކްރީންޕްލޭ ލިޔާނީ ފުރަތަމަ ބައި ވެސް ލިޔެ ޑައިރެކްޓް ކުރި ޖޮން ލޫކަސް އާއި ސްކޮޓް މޯ އެވެ. މި ދެ މީހުންނަކީ 2009 ވަނަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ހޭންގްއޯވަ" ގެ ސްކްރީންޕްލޭ ވެސް ލިޔުނު މީހުންނެވެ.
ވިހި މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދައި، ބޮކްސް އޮފީހުގައި 180 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ބޭޑް މޮމްސް" އަކީ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ކޮމެޑީ އެވެ.