ސައޫދީގެ ރެސްޓޯރަންޓެއްގެ ބަދިގެއަކަށް ފާހާނާ ބޭނުންކުރާތާ 30 އަހަރު
ސައޫދީގެ ރެސްޓޯރަންޓެއްގެ ބަދިގެއަކަށް ފާހާނާ ބޭނުންކުރާތާ 30 އަހަރު

ސައޫދީ އަރަބިއްޔާގެ ޖިއްދާގެ ރެސްޓޯރަންޓެއްގައި ކާއެއްޗެހި ހަދަނީ ފާހާނާއެއްގެ ތެރޭގައިކަން ފަޅާއަރައި އެތަން ބަންދުކޮށްފި އެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ތަނުގައި އެގޮތަށް ކާނާ ތައްޔާރުކުރާތާ 30 އަހަރު ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އާންމުން ދިރިއުޅޭ އިމާރާތެއްގައި ހިންގަމުންދިޔަ އެތަން ބަންދުކުރީ ޖިއްދާ މުނިސިޕަލްޓީން އެތަން ބަލައިފާސްކުރިއިރު ސާފުތާހިރުކަން އެއްވެސް މިންވަރަކަށް ނެތުމުންނެވެ. އެތަނުގައި މަަސައްކަތްކުރާ މުވައްޒަފުންގެ އަތުގައި ވެސް ހެލްތު ކާޑެއް ނެތެވެ. އަދި ކާބޯތަކެތީގެ ހިދުމަތް ދެވޭ ތަންތަނުގެ ގަވާއިދުތަކަށް ވެސް އެތަން ނުފެތެ އެވެ.

ކާނާ ތައްޔާރުކުރުމަށް ބޭނުންކުރަމުން ދިޔަ މަހާއި ކުކުޅާއި ޗީޒް ފަދަ އެއްޗެހި ވެސް މުއްދަތު ހަމަވެފައިވާތާ ދެ އަހަރުވެފައިވާ ކަމަށްވެ އެވެ. އަދި ކާ އެއްޗެހި ގެންގުޅޭ ތަނުގައި ވެސް ވަނީ ފަނި އަޅައިފަ އެވެ.

ޖިއްދާ މުނިސިޕަލްޓީން ބުނީ ފާހާނާގައި ކާނާ ތައްޔާރުކުރި ރެސްޓޯރަންޓުގެ އިތުރުން ވެސް ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަންތަން ބަންދުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ޖިއްދާގެ މަޝްހޫރު ޝަވަރުމާ ރެސްޓޯރަންޓެއް ވެސް ބަންދުކޮށްފަ އެވެ. އެތަން ބަންދުކުރީ ކާބޯތަކެތި ވިއްކާ ތަނުން މީދަލެއް ފެނިގެންނެވެ.