26 މެއި 2022 - 20:31

ޖުލައި މަހު ބާއްވަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ތައްޔާރު ވަމުން އަންނަ، ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް، ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް ޕަކީރް އަލީ ހަމަޖައްސައިފި އެވެ.
ކްލަބް ވެލެންސިއާ އަށް ކުރިން ކުޅުނު ޑިފެންޑަރު ވަނީ ބަންގްލަދޭޝްގެ ލީގުގައި ވެސް ކުޅެ އެގައުމުގެ ޝައިހް ޖަމާލް ޑީސީ އަށް ކޯޗުކޮށްދީ އެކްލަބް ބަންގްލަދޭޝްގެ ލީގަށް ޕްރަމޯޓްކޮށް ދީފަ އެވެ.
ލަންކާގެ ކޯޗުކަމުގައި ހުރެ، އޭނާ ވަނީ ދެފަހަރު ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ނުކުމެފަ އެވެ. އެދެފަހަރު ވެސް އޭނާ ވަނީ ރާއްޖެއާ އެއްވަރުކޮށްފަ އެވެ. ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ބީ އިން، ރާއްޖެއިން ހުރިހާ ގޮތަކުން ވެސް ލަންކާއާ އެއްވަރުވި އެވެ. ރާއްޖެ ސެމީ ފައިނަލަށް ދިޔައީ ލަންކާ އާއި ދެގައުމުގެ ދެމެދުގައި ގުރު ލައިގެން ރާއްޖެ އަށް ނަސީބު ލައްވާލުމުންނެވެ.
އިންޑިއާގެ އައި ލީގުގައި ކުރިން ވާދަކުރި ޝިރާގް ޔުނައިޓެޑް ކްލަބް ކެރަލާ އަށް ވެސް ޕަކީރް ކޯޗުކޮށްދިނެވެ. ސީޒަންގެ މެދުތެރެއިން އެޓީމާ ހަވާލުވެ އޭރު ނުވަ ވަނައިގައި އޮތް ޓީމު ރެލީގޭޓް ވިޔަ ނުދީ ސަލާމަތް ކުރުމުގައި އޭނާ އަށް ކާމިޔާބެއް ނުހޯދުނެވެ.
ލަންކާގެ ކޯޗު ކަމާ 2018 ގައި ހަވާލުވުމުގެ ކުރިން ވެސް ޕަކީރް އަލީ މަސައްކަތް ކުރަމުން ދިޔައީ ރާއްޖޭގަ އެވެ. ލ. ގަމުގައި ހިންގި ފުޓްބޯޅަ އެކަޑަމީއެއްގެ ހެޑް ކޯޗުގެ ގޮތުގައި އޭނާ މަސައްކަތް ކުރި އެވެ.
ޕަކީރްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ، ވިކްޓަރީގެ ކުރީގެ ކެޕްޓަން އިސްމާއީލް އަނިލް ކަމަށް ވިކްޓަރީން ބުންޏެވެ. އަދި ގޯލް ކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޓްރެއިނަރު މަސައްކަތް ކުރާނެ ކަމަށް ވިކްޓަރީން ބުންޏެވެ.
ވިކްޓަރީން ބުނީ ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް 26 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވައިލައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 4 ބިދޭސީ ކުޅުންތެރިން ވެސް ހިމެނޭ ކަމަށް އެކްލަބުން ބުންޏެވެ. ބިދޭސީ ކުޅުންތެރިންގެ ތެރޭގައިި ހިމެނެނީ މިސްރުގެ ތިން ކުޅުންތެރިންނާއި ބަހްރެއިންގެ ފޯވާޑެކެވެ. މިސްރުގެ ތިން ކުޅުންތެރިންގެ ތެރޭގައި ކީޕަރަކު ވެސް ހިމެނޭ ކަމަށް ވިކްޓަރީ އަށް ބުންޏެވެ.
ކުޅުންތެރިން ސޮއި ކުރުވައި ކޯޗަކު ހަމަޖެއްސި ނަމަވެސް، ވިކްޓަރީ އަށް ފުޓްބޯޅައިގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރި ވެވޭނީ، އެފްއޭއެމްގެ ކޮންގްރެސްއިން އެ ކްލަބް ސަސްޕެންޝަން އުވާލުމަށް ފާސް ކުރުމުންނެވެ.
ވިކްޓަރީ ސަސްޕެންޑް ކޮށްފައި ވަނީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާކޯށްފައި ނުވުމުންނެވެ. މިއަދު އެކްލަބުން ބުނީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އެފްއޭއެމްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ލޯކަލް 22 ކުޅުންތެރިޔަކަށް ވިކްޓަރީން ފައިސާ ދޭން ޖެހޭ ކަމަށް އެކްލަބުން މީގެ ކުރިން ބުނެފައި ވެއެވެ.