ޕިކްނިކް އައިލެންޑް ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އަޅަން ފަށައިފި
ޕިކްނިކް އައިލެންޑް ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އަޅަން ފަށައިފި

މާލެ އާއި މާލެ ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުން ޕިކްނިކް ދިއުމަށް ހާއްސަކުރާ ކ. ކުޑަގިރީގައި ކަރަންޓް ނެޓްވޯކު އެޅުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކާއެކު، އެ ރަށުގެ މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތާ ވެސް ހަވާލުވެފައިވާ ކަމަށެވެ. އަދި އަމާޒަކީ އެ މަސައްކަތްތައް 15 ދުވަހުގެ ތެރޭގައި ނިންމާލުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށްޓަކައިކުޑަގިރީގައި 3،000 މީޓަރުގެ ކޭބަލް ވަޅުލަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ.

އެ ރަށުގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް، އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި ދިރާސާ ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް "ޕިކްނިކް އައިލެންޑް" އެއް ނެތުމުން، ކުޑަގިރި އަކީ އެ ކަމަށް ހާއްސަ ރަށަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ އެ ރަށް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއަށް 41 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

ކުޑަގިރީގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް އިއްޔެ އެ ރަށަށް ވަޑައިގަތެވެ.