26 މެއި 2022 - 18:21

ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާކޮށްފައި ނުވުމުން، ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މުރާތައް އަދާކުރުމަށް ކުރުމަށް ބޭނުންވާ ފައިސާ އެފްއޭއެމްއާ ހަވާލުކޮށްފައިވާ ކަމަށް އެކްލަބުން ބުނެފި އެވެ.

ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާކޮށްފައި ނުވުމާއި ކްލަބް ލައިސެންސިން ފުރިހަމކޮށްފައި ނުވުމުން، އެފްއޭއެމުން ވިކްޓަރީ ސަސްޕެންޑް ކުރީ އޮކްޓޯބަރު 2019 ގަ އެވެ.

މިއަދު ވިކްޓަރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެކްލަބަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މުސާރަ ނުލިބިވާ ބިދޭސީ އަދި ދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އެފްއޭއެމްއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފްއޭއެމްއާ ހަވާލު ކުރީ ކިހާ ފައިސާއެއް ކަމެއް ވިކްޓަރީގެ ބަޔާނުގައި ބުނެފައެއް ނެތެވެ.
"މިފައިސާގެ ހައްގުވެރިންނަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރައްދުކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ.،" ވިކްޓަރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެކްލަބުން ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހި 22 ކުޅުންތެރިޔަކަށާއި ބިދޭސީ ހަތަރު ކުޅުންތެރިޔަކަށް ދޭންޖެހިފައި ހުރި ފައިސާގެ އަދަދުތަކަކީ ކޮބައިކަން އެފްއޭއެމް މެދުވެރިކޮށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިންނަށް ޖޫރިމަނާއާއެކު ދައްކަންޖެހޭ ފައިސާގެ އަދަދުތައް ދެނެގަތުމަށް ފީފާ އާ މުއާމަލާތް ކުރަމުންދާ ކަމަށް ވެސް އެކްލަބުން ބުންޏެވެ.
ވިކްޓަރީގެ ރައީސް ކަމަށް އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ގ. ކަކާގެ ހުސައިން އާދަމް ހަވާލުވެ ވަޑައިގެން އޭނާ ވަނީ ކްލަބް ހިނގުމަށް ބަދަލުތަކެއް ގެންނަވާފަ އެވެ. އޭނާގެ އެކްސްކޯއިން ފާސްކޮށް ތިން ޑިޕާޓްމެންޓެއް ވެސް ކްލަބްގައި އުފައްދާފައި ވެއެވެ. އޭގެ ތެރެއިން އެއް ޑިޕާޓްމެންޓަކީ ކްލަބްގެ ނައިބު ރައީސް އިސްމާއީލް ލަތީފް (ޖީކޭ) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ސްޕޯޓްސް މެނޭޖްމެންޓް އެންޑް ޑިވޮލޮޕްމެންޓްގެ ނަމުގައި އުފައްދާފައިވާ ޑިޕާޓެމެންޓެވެ. އެޑިޕާޓްމެންޓްގެ ބެލުމުގެ ދަށުން ޖުލައި މަހު ބާއްވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް 26 ކުޅުންތެރިންގެ ޓީމެއް އެކުލަވާލައިފައިވާ ކަމަށް ވިކްޓަރީން ބުނެ އެވެ.
އެޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ކުރިން ރާއްޖޭގައި ކުޅުނު، ފަހުން ލަންކާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި ޕަކީރް އަލީ އެވެ. ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ ވަނީ ސާފް ޗެމްޕިއަންޝިޕް 2018 އަދި ސައުތު އޭޝިއަން ގޭމްސް 2019 ގައި ރާއްޖެއާ ދެކޮޅަށް ލަންކާ ކުޅުނު މެޗުގައި ރާއްޖެއާ އެއްވަރުކޮށްފަ އެވެ. އޭގެ ކުރިން ވެސް އޭނާ މަސައްކަތް ކުރީ ރާއްޖޭގަ އެވެ. ލ. ގަމުގައި ކުރިން ހިންގި ފުޓްބޯޅަ އެކަޑަމީއެއްގައި ވެސް ހެޑް ކޯޗެއްގެ ގޮތުގައި ޕަކީރް އަލީ މަސައްކަތް ކުރި އެވެ.
ވިކްޓަރީ އަށް އެއް ވެސް މުބާރާތެއްގައި ބައިވެރި ވެވޭނީ، ދަރަނިތައް އަދާކުރުމުގެ އިތުރަށް، އެކްލަބާ ދެކޮޅަށް އެފްއޭއެމުން އަޅައިފައިވާ ސަސްޕެންޝަންގެ ފިޔަވަޅު އުވާލުމަށް އެފްއޭއެމްގެ ކޮންގްރެސްއިން ފާސް ކުރުމުންނެވެ.
ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވެސް ވަނީ އާ އިންތިހާބަކަށް ގޮވާލައި ކްލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ފަށައިފަ އެވެ. އެކްލަބްގެ އިންތިހާބު މާދަމާ ރޭ އޮންނާނެ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ ރޭ 8 ޖެހުމުގެ ކުރިންނެވެ. އެނގިފައިވާ ގޮތުގައި ނިއު ސަސްޕެންޝަނުން ނެގުމަށް އެކްލަބަށް ހެޔޮ އެދޭ ފަރާތްތަކަކުން ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ.