ޖޮބްފެއާގައި 26 ކުންފުންޏަކުން ބައިވެރިވާނެ: އެމްއެންޔޫ
ޖޮބްފެއާގައި 26 ކުންފުންޏަކުން ބައިވެރިވާނެ: އެމްއެންޔޫ

އެކި ދާއިރާތަކުގެ މައުލޫމާތުތަކާއި ހުރި ފުރުސަތުތައް ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބާއްވާ "ފަހި ފުރުސަތު" ޖޮބް ފެއާގައި 26 ކުންފުންޏަކުން ބައިވެރިވާނެ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.

އެމްއެންޔޫ އިން ބުނީ އެ ޔުނިވާސިޓީ އާއި ސަރުކާރުގެ ހިއްސާ އޮންނަ އެކި ކުންފުނިތަކާއި އެކި ދާއިރާތަކުން އެންމެ ކުރީގައި ފާހަގަކުރެވޭ އެކި ކުންފުނިތައް، އަންނަ އަންގާރަ ދުވަހު ބާއްވާ ޖޮބް ފެއާ އިން ފެންނާނެ ކަމަށެވެ.

އޭގެ ތެރޭގައި އެމްޑަބްލިއުއެސްސީ އާއި ދިރާގާއި ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗު ހިމެނެ އެވެ. އަދި ސްޕޯޓްސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ފަދަ ސަރުކާރުގެ އެކި މިނިސްޓްރީތަކުން ވެސް ފެއާގައި ބައިވެރިވާނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ. އަމިއްލަ ފަރާތަތަކުގެ ތެރޭގައި ސީކްރެޓް ޕެރެޑައިސް މޯލްޑިވްސް އާއި ކޮންސްޓެންސް މޫފުށި ރިސޯޓުތައް ފަދަ ރިސޯޓުތަކުން ބައިވެރިވާނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.

އަންނަ އަންގާރަ ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10 އަށް އާއްމުންނަށް ހުޅުވާލައިގެން ބާއްވާ އެ ފެއާ އަށް ވަނުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ. އެކި ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ބާއްވާ ފެއާގެ މަގުސަދަކީ އެކި ދާއިރާތަކުގެ މައުލޫމާތާއި އެ ދާއިރާތަކުން ކުރިއަށް ދެވެން ހުރި އެކި ރޮނގުތަކުގެ މައުލޫމާތާއި މިހާރު އެ ކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް ކިޔައި ދިނުން ކަަމަށް އެމްއެންޔޫ އިން ބުންޏެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުންނާ ގުޅިގެން ކެފެޓީރިއާއެއް ވެސް ފެއާގެ ތެރޭގައި ހިންގާނެ އެވެ.