27 މެއި 2022 - 07:40

މެލޭޝިއާގެ ގެއެއްގެ ފާހާނާ ތެރޭގައި ގޭމް ކުޅެން އިން ޒުވާނެއްގެ ގައިގައި ހަރުފައެއް ދަތް އަޅައިފި އެވެ.
މެލޭޝިއާގެ ގޮމްބަކް ޑިސްޓްރިކްޓް، ސެލަޔަންގްގައި އުޅޭ 28 އަހަރުގެ މި ޒުވާނާ އިނީ ފާހާކުރަން ވަދެ ފޯނުން ގޭމް ކުޅޭށެވެ. ނަމަވެސް އޭނާ ގޭމް ކުޅުން ހުއްޓާލަން ޖެހުނީ ކުއްލިއަކަށް އޭނާގެ ފޫކޮޅުގައި ހަރުފައެއް ދަތް އެޅުމުންނެވެ.
މިދިޔަ މާޗު މަހު މިކަން ދިމާވީ ސަބްރީ ބޭ ނަމަކަށް ކިޔާ ޒުވާނަކަށެވެ. އޭނާގެ ވާހަކަ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
ސަބްރީ ކިޔައިދިން ގޮތުގައި ހަރުފަ ދަތް އެޅި ނަމަވެސް އެއީ ވިހަ ލާ ވައްތަރު އެއްޗެއް ނޫން ކަން އެނގުނެވެ. ނަމަވެސް ދަތް އެޅި ވަގުތު އޭތި ދަމައިގަތްކަމަށާއި އެކަމުގެ ސަބަބުން ގަޔަށް އެ ހަރުފައިގެ ދަތެެއް ހެރިފައި އިން ކަމަށް އޭނާ ބުންޏެވެ.
"ދަތް ހެރިފައި އޭތި ތާށިވެފައި އިން ކަން އެނގުނީ ތަދުވާތީ ބެލުމުން،" އޭނާ ކިޔައިދިނެވެ.
އެ ދަތް ނަގާފައިވަނީ ގައިގައި ހަރުފަ ދަތް އެޅިތާ ދެ ހަފުތާ ފަހުންނެވެ.
އެ ހަރުފަ ގޭގެ ފާހާނައަށް ވަތް ގޮތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ވަގުތުން ފަޔަ އެންޑް ރެސްކިއު ޑިޕާޓްމެންޓަށް ގުޅައި އެހީތެރިކަން ހޯދި ކަމަށް އޭނާ ބުންޏެވެ.