27 މެއި 2022 - 07:39

އުމުރުން ދުވަސްވުމުން ފިލްމު ލިބެނީ ވަރަށް މަދުން ކަމަށާއި ޒުވާންކަން ގެއްލުމުން މާޔޫސްވާ ސަބަބަކީ އެއީ ކަމަށް ބޮލީވުޑްގެ ތަރި ނީނާ ގުޕްތާ ބުނެފި އެވެ.
އަށްޑިހައިގެ އަހަރުތަކުގައި ފިލްމީ ދާއިރާއަށް ނިކުތް ނީނާ "ގާންދީ" އާއި "ޖަޒްބާތު" އާއި "ސާތު ސާތު" ފަދަ ފިލްމުތަކުން ފެނުނެވެ. އޭނާ ވަނީ 1994 ގައި ނެރުނު ފިލްމު "ވޯ ޗޮކްރީ" ގައި މަސައްކަތްކޮށް ނޭޝަނަލް ފިލްމު އެވޯޑް ހޯދައިފަ އެވެ.
ޒުވާން ދުވަސްވަރު ފިލްމީ ދާއިރާއަށް ނިކުތް ނީނާ، 62، ފިލްމީ ދާއިރާއަކުން އަދިވެސް ނުގެއްލެ އެވެ. އެކަމަކު ކުރިން ލިބުނު ގޮތަށް މިހާރު ފިލްމުތަކެއް ނުލިބެ އެވެ.
ނީނާ ބުނީ ޒުވާން ނަމައޭ މިހާރު ހިތަށް އަރާ ކަމަށާއި ދުވަސްވުމުން އޭނާ މާޔޫސްވެ ދެރަވަނީ އެހެންވެ ކަމަށެވެ.
ނީނާ އެގޮތަށް ބުނެފައި ވަނީ ޒުވާން ދުވަސްވަރު ވަރަށް ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބިފައިވާތީ އެވެ. ނަމަވެސް އުމުރުން ދުވަސްވި ނަމަވެސް އޭނާއަށް އަދިވެސް ފިލްމުތަކުން ފުރުސަތު ލިބޭތީ ޝުކުރުވެރިވާ ކަމަށް ވެސް ބުންޏެެވެ.
އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަސަބާ ގުޕްތާގެ މަންމަ، ނީނާ ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ފިލްމީ މަސައްކަތާ ތަންކޮޅެއް ދުރުވެފަ އެވެ. އެކަމަކު 2018 ގައި "ބަދާއީ ހޯ" އާ އެކު ފިލްމީ ދާއިރާއަށް އޭނާ އެނބުރި އައީ އެވެ. އެ ފިލްމުގައި ނީނާ ފެނިފައި ވަނީ ވަރަށް އުމުރުން ދުވަސްވެފައި ވަނިކޮށް ބަލިވެ އިންނަ އަންހެނެއްގެ ރޯލުންނެވެ. އެ ފިލްމުން ނީނާއަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑް ހިމެނެ އެވެ.
ނީނާގެ ކުރިއަށް އޮތް ފިލްމަކީ "ގުޑްބާއި" އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ އަމީތާބު ބައްޗަންއާ އެކު އެވެ. މިއީ އަމީތާބާ އެކު އޭނާ ފެނިގެންދާ ފުރަތަމަ ފިލްމެވެ.