27 ޑިސެމްބަރ 2016 - 16:12

ތ. ވިލުފުށީ ކައިރީގައި އޮންނަ ހޮނޑެލިފުށިން މީގެ ފަސް އަހަރު ކުރިން ހިފައި ވިލުފުށީގައި ބާއްވާފައި އޮތް ކިނބޫ ބޮޑުވެ، ރައްޔިތުންނަށް ބިރުހީވުމުން ސިފައިންނާ އިއްޔެ ކިނބޫ ހަވާލުކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު އިބްރާހިމް ސަފްވަތު ވިދާޅުވީ ކިނބޫ ހިފީ ހޮނޑެލިފުއްޓަށް އާއިލާއާ އެކު ދަތުރު ގޮސް އުޅުނު މީހެއް ކަމަށެވެ. އޭރު ކިނބޫގެ ދިގުމިނުގައި ހުރީ ހަތަރު ފޫޓެއްވަރު ކަމަށާއި މިހާރު ހަ ފޫޓަށް ވުރެ ބޮޑުވެފައިވާ ކަމަށް ސަފްވަތު ވިދާޅުވި އެވެ.
މިވީ ދުވަސްތަކުގެ ތެރޭގައި ކިނބޫ ބާއްވާފައިި އޮތީ އެ ރަށުގެ ރައްޔިތުން އާއްމުކޮށް ދިރިނޫޅޭ ހިސާބެއްގައި ހުރި ސިމެންތި ޓޭންކެއްގެ ތެރޭގަ އެވެ. ގާތްގަނޑަކަށް 10-15 ފޫޓުގެ އެޓޭންކުގައި ކިނބޫ ބާއްވާފައި އޮތީ، އެ މަތީގައި ދާގަނޑެއް ވެސް އަޅައިފަ އެވެ.
ސަފްވަތު ވިދާޅުވީ ކިނބޫ ބާއްވާފައި އޮތީ އެންމެ އެކަށީގެންވާ މާހައުލުގައި ނޫން ކަމަށާއި އޭތި ބޮޑުވަމުންދާ ވަރަކަށް، އެފަދަ ތަނެއްގައި ކިނބޫ ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ކިނބޫ ބަލަން އެ ރަށުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދަށް ދާ ކަމަށް ސަފްވަތު ވިދާޅުވި އެެވެ. އަދި އެ ބަލަހައްޓަން ވަކި ހާއްސަ މީހެއް ނުހުންނަ ކަމަށާއި އެއަށް ކާންދެނީ ވެސް ކިނބޫ ބަލަންދާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.