08 ޖޫން 2016 - 07:12

(އިއްޔެގެ ނޫހާ ގުޅޭ)
އަހަރެންގެ މޫނުމަތީގައި ނިކަން ބާރަށް ރޯސް ޖެހިއެވެ. އެ މަންޒަރު ރިކޯޑުކޮށްގެން އެ އިން އޭނަ ނަގަން ބޭނުންވީ ކޮން ފައިދާއެއްކަމެއް އަހަންނަކަށް ނުވިސްނުނެވެ. ބޭނުންވި މަންޒަރު ލިބުމުން ކެމެރާ ނިއްވައިލައިފައި ތެދުވިއެވެ.
"ތިހިރީ ފިރިހެނުންގެ ތިންކިން ހުންނަ ގޮތް،" ހަރުކަށި ރާގެއްގައި ރޯސް ބުންޏެވެ. "ކޮންމެވެސް ކަމެއް ކޮށްލަން ހިނގާށޭ ބުނީމަ އޭގަ މާނައަކީ މި ގޮތަށް މަށަށް އިންވައިޓް ކުރުންތަ؟ ފޯނުން ވާހަކަދައްކައެއް ނުލެވޭނެ؟ އާންމުކޮށް މީހުން މީޓުކުރާ ތާކުން މީޓެއް ނުކުރެވޭނެ؟ ކޮފީއެއް ބޯލަން ހިނގާށޭ މަ ބުނީ. އެޑްވާންޓޭޖް ނަގާށޭކޭ ނޫން މަ ބުނީ."
"އެޑްވާންޓޭޖޭ؟" ރައްދު ދޭން އަހަރެން އޮތީ ކެތް މަދުވެފައެވެ. "މަ ކޮން އެޑްވާންޓޭޖެއް ނަގާނީ؟ މަ ނުދަންނަން ރޯސްއަކީ ކާކުކަމެއް. އަދިވެސް މަށަކަށް ނޭނގެ އަސްލު ނަމެއް ވެސް. އެކަމަކު ރޯސް މަށަށް ފާރަލާ، މަގޭ ނަމާ، އުޅޭ އޮފީހާ، މަޤާމާ، ސައިކަލުގެ ލައިސަން ނަންބަރު ވެސް ހޯދީ. ބުނެބަލަ ދޮގެކޭ."
"އެ ކަމަކަށް ނުޖެހޭ ފާރަލާކަށް،" ފޫހި ގޮތަކަށް އަހަންނަށް ބަލައިލައިފައި ރޯސް ބުންޏެވެ. "އެފްބީގަ އެންމެނަށް ފެންނަ ގޮތަށް ހުރި އެއްޗެހި އެއީ."
"ބެލީމަތާ ފެންނާނީ،" އަހަރެން ބުނީމެވެ. "އެކަމަކު މަ ނުވަންނަމޭ ރޯސްގެ އެފްބީ ޕޭޖަކަށް. މަ މީ ތި ބުނާ ކަހަލަ މީހެއް ނަމަ ވަނީސް ދޯ."
އަހަރެން ދައްކާ ވާހަކަތަކަށް ރޯސް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނަ ހުރީ ފޯނާ ކުޅޭށެވެ. ކުރިން ނެގި މަންޒަރުތައް އެފްބީއަށް ލަނީބާއޭ އަހަރެން ހިތަށްއެރިއެވެ. އެ ކަން ހުއްޓުވޭނެ ގޮތެއް ނެތެވެ. ބެލޭނެ ގޮތެއް ވެސް ނެތެވެ.
"ކޮންތާކު؟" ފޯނަށް ބަލަން ހުރެ ރޯސް ބުންޏެވެ. "ވަނަސް ނުބުނާނެ ވަނީމެކޭ. ފުރަތަމަ ކީއްކުރަން ތިމާގެ އެހާ ގިނަ އިންފޮމޭޝަން އެހާ އޯޕަންކޮށް ޝެއާ ކުރަންވީ؟ ބުނެބަލަ!"
"އެއީ މަގޭ މިނިވަންކަން." މަޑުމަޑުން އަހަރެން ބުނެލީމެވެ.
"އެއީ ޓްރެޕެއް!" ހަރުކަށި ރާގެއްގައި ރޯސް ބުންޏެވެ. "ތި ހީވަނީ ތިމާއަކީ ބްރެޑްޕިޓޭ. ފާޑުފާޑުގެ ފޮޓޯތައް ލާފަ، މޮޅެތި ޕޮއެމްތައް ލާފަ، އެހެން މީހުން ބުނެފަ ހުންނަ މޮޅެތި ކޯޓްސް ލީމަ އަންހެންކުދިންގެ ލޮލުގަ އަޅައިގަންނާނޭ. އިނަސަންޓް ޔަންގް ކުދިން އައިސް އެ މަޅީގަ ޖެހޭނެއްނު."
ރޯސް ބުނީ ތެދު ވާހަކައެކެވެ. އެ ހުރިހާ ކަމެއް ވެސް އަހަރެން ކުރީ އެ ނިޔަތުގައެވެ. އެހެންނަމަވެސް، އަހަރެން އެއްބަހެއް ނުވަމެވެ.
"ތި ކަހަލަ އިނަސަންޓް ކުދިން؟" މަލާމާތުގެ ރާގެއްގައި އަހަރެން ބުނީމެވެ. "ތި އަށް އިނަސަންޓް ކިޔަންޏާ ކްރައިމަށް ކިޔާނީ ކީކޭ؟ މައްސަލައެއް ނެތް މަ އިންވައިޓް ކުރީ. އޯކޭ! މަ މި އޮތީ ގަދަކަމުން މި ތާ ބާއްވާފަ. މީ ހަމަ ކަނޑައެޅިގެން ކުށެއް. މޮހާލާ! ފާޑުފާޑުގެ ފޮޓޯ މަށަށް ފޮނުވައިގެން އަސްލު މަށޭ މި ވިކްޓިމައިޒް ވީ. ފާޑުފާޑަށް ފުން ނޭވާތައް ލައިގެން، އަޑު ތުއިކޮށްގެން މަށާ ވާހަކަދައްކައިގެން މަ މަޅީގަ ޖައްސައިގެން، މަ ހައްދައިގެން މަ ލައްވާ ރޯސްއަށް އިންވައިޓް ކުރުވީ ކާކު؟ މާ މާތްވާން އުޅޭނެކަމެއް ނެތް. ސައިބޯން އައިސް މަ ތަ ރޯސްގެ ތަށިން ކެއީ ނޫނީ ރޯސްތަ މަގޭ ތަށިން ކެއީ؟ އެންމެ ރަނގަޅު. މަގޭ ކޮފީތަށީގެ ތުންޖެހީ ކީއްކުރަން؟"
"އެއީ ޓެސްޓެއް،" ރޯސް ވަރަށް ހުސިޔާރެވެ. ޖަވާބު އޮންނަނީ ދުލުކުރީގައެވެ. "ވެއިޓަރަށް ގޮވާފަ އެހެން ތަށްޓެއް ކަލެއަކަށް ނުގެނެވޭނެތަ؟ ނިޔަތް ރަނގަޅު ނަމަ ގެންނާނެ. ކޮން ކަމެއް ޕުރޫވް ކުރަން އެ ތަށީގަ ތުންޖެހީ؟ ކޫލްކަން އަންގަން. މަށަށް ހިންޓުދޭން. ޝޭމް އޮން ޔޫ! ކަލޭގެ ދަރިއެއް ވަރުގެ ކުއްޖެކޭ މަށަކީ. ލަދެއް ނުގަނޭތަ؟"
ޒުވާބު މަޑުމަޑުން ހޫނުވާން ފެށިއެވެ. ބާރު އޮތީ ރޯސްގެ އަތުގައެވެ. އެކަމަކު، އޭނައަށް ރައްދުނުދީއެއް އަހަންނަކަށް ނޯވެވުނެވެ.
"ލަދުގެ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ ތީ،" އަހަރެން ބުނީމެވެ. "ޝޭމް އޮން ޔޫ! ކާކު ބުނީ ލައިކުވާ ވާހަކަ؟ މަ ދޯ އެހެން ވެސް ބުނީ؟"
"އެންމެ ރަނގަޅު. އަމިއްލަ ތަނެއްކަން ދައްކައިގެން ތި އުޅެނީ މީ އަސްލު ކާކުގެ ސަޅި އެޕާޓްމަންޓެއް؟" އަހަރެން އުންމީދުކޮށްގެން ހުރި ސުވާލު ރޯސް ކުރިއެވެ. "ނުބުނާތި މަގެއޭ. ތީ މަ ދަންނަ މީހެއް. ގެ ވެސް އެނގޭ."
"މަ އެއްފަހަރު ވެސް ބުނިންތަ މީ މަގޭ ތަނެކޭ؟" އަހަރެން ބުނީމެވެ. "މީ މަގޭ ރައްޓެއްސެއްގެ ތަނެއް. އޭނަ ފުރަންދަމުން ދިޔައީ މަށާ ތަން ހަވާލުކޮށްފަ. ސާފުވެއްޖެ؟ ދެން ބުނަންވީނު ކަލޭ އަސްލު ބޭނުންވެގެން ތި އުޅެނީ ކޮން ކަމެއްކަން. ކިހާ ލާރިއެއް ބޭނުމީ؟"
އަހަރެންގެ ސުވާލަކަށް ރޯސް ޖަވާބެއް ނުދިނެވެ. ދައްކާލީ އަހަރެންގެ ފޯނެވެ.
"ފޯނުގަ ލޮކްވޯޑެއް ނުޖެހުމަކީ ވަރަށް ކަޑަ ކަމެއް،" ރޯސް ބުންޏެވެ. "އަމުދުން ތި ކަހަލަ، ސްމާޓްކަމަށް ހެދިގެން އުޅޭ މީހަކު މިހާ ސޭކު ކަމެއް ކޮށްގެން ނުވާނެ. އެކަމަކު މަށަށް އެނގޭ ކީއްވެގެންކަން ފޯނުގަ ލޮކްކޯޑެއް ނުޖަހަނީ. ވައިފް ހައްދަން. ދޯ! ދޯ ދޯ! އޭރުން ވައިފް ހިތަށްއަރާނެއްނު ނޫނޭ މީ ފެއިތުފުލް މީހެކޭ. ހުސް ފޭކް. ކަލޭމެން ހުރިހާ ފިރިހެނުންނަކީ ވެސް ފޭކް މީހުން."
އަހަރެން ހިތަށްއެރިއެވެ. ލޮކް ކޯޑެއް ޖެހުނު ނަމައެވެ. ރޯސް އިރުކޮޅެއް ވަންދެން އަހަރެންގެ ފޯނު ހޭވިއެވެ. ދެން ދައްކާލީ އުމޭރާއި އަހަރެން އެންމެ ފަހުން ވައިބާއިން ދައްކާފައި ހުރި ވާހަކަތަކެވެ.
"ޗެޓްލޮގް ވެސް ނުފުހޭ!" މަލާމާތް ކުރާ ކަހަލަ ރާގެއްގައި ރޯސް ބުނެލިއެވެ. "މީ އުމޭރުގެ އެޕާޓްމަންޓްދޯ؟ އެޕާޓުމަންޓުގެ ތަޅުދަނޑި ދެވުނު ނަމަ ކިހާ ސަޅިވީސް؟ ކީއްވެ އެހެން އަހާފަ މި އޮތީ؟ ވިސްނާލަބަލަ! ފްރެންޑުންނަށް ވެސް މަކަރޭ ތި ހަދަނީ. މަށަށް މާ ކުރިން ވެސް އެނގޭ ތީ ޖެންޓަލްމޭނެއް ނޫންކަން."
ރޯސްއަށް ކޯލެއް އައެވެ. ފޯނަށް ބަލައިލުމާއެކު ރޯސްގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ.
"އެބަ ޓްރައިކުރަމޭ!" ފޯނު ކަންފަތުގައި ޖެއްސުމާއެކު ރޯސް ރުޅިއައިސްފައި ބުންޏެވެ. "މައިތިރިވެބަލަ! ހަމަ މިހާރު މި ދަނީ."
ފޯނު ކަނޑައިލުމާއެކު މޭޒުމަތީގައި އޮތް އަހަރެން ވޮލެޓު ނެގިއެވެ. އޭގައި އޮތް އަހަރެންގެ ކޭޝްކާޑު ނެގިއެވެ.
"ޕިން ނަންބަރު؟" ރޯސް އެދުނެވެ. "އަވަސް އަވަސް. މި ރޭ ލާރިކޮޅު ނުދީފިއްޔާ މަ މަރާނެ."
އެ ކަން ކުރާކަށް އަހަންނަށް އެހާ ފަސޭހައެއް ނުވިއެވެ. ވުމާއެކު ޖަވާބެއް ނުދެމެވެ.
"އުމޭރު ބަލާހިތްވާ ހާދަ ސަޅި ވީޑިޔޯއަކާ ފޮޓޯ އެބަހުއްޓޭ މަގޭ އަތުގަ،" އަހަރެންގެ ފޯނު ނަގަމުން ރޯސް ބުންޏެވެ. "ކޮބައިތަ އުމޭރުގެ ނަންބަރު؟"
އަހަންނަށް ކޯލެއް އައީ އެ ވަގުތުއެވެ. ރިންގްޓޯންގެ އަޑުން އެއީ ފަޒީލާގެ ކޯލެއްކަން އެނގުނެވެ. މަލާމާތުގެ ހިންޏެއް އައިސްފައި ރޯސް ފޯނު ދައްކައިލިއެވެ.
"މައި ލަވް؟" ރޯސް ހޭންފެށިއެވެ. އަދި ބުންޏެވެ. "މައި ފުޓް! ވައިފަށް މައި ލަވް ޖަހާފަ މަ ގޮވައިގެން ކަލޭ ތި އައީ މި ތަނަށް. ހާދަހާ ފޭކޭ! އަސްލު ސިއްރެއް ބުނަން؟ މަ ލައްވާ މި ކަން ކުރުވީ ކަލޭގެ ވައިފް. މިހާރު އެ ގުޅަނީ ޔަގީންކުރަން. އޭނަ އެ އުޅެނީ މި ތަނަށް އަންނަން."
ކުއްލިއަކަށް އަހަރެން ހަނދާންވީ، ތައްޔާރުވާން ލޯގަނޑު ކައިރީގައި އަހަރެން ހުރިއިރު ފަޒީލާ ބަލައިލި ގޮތެވެ. އެ ބެލުމުގައި ސިއްރެއް ފޮރުވިފައިވާހެން އޭރު ވެސް އަހަންނަށް ހީވިއެވެ. އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ގަބުވި ކަހަލައެވެ. ފޯނުގެ ރަނގަބީލުގެ އަޑު ކެނޑުނެވެ. ރޯސް ހޭންފެށިއެވެ. ލިބުނު ކާމިޔާބުގެ ފުރިހަމަކަމުންނެވެ.
"ޖަސްޓް ކިޑިން!" ރޯސް ބުންޏެވެ.
އަހަރެން އުފާވިއެވެ. ރުޅި ވެސް އައެވެ. ރޯސްގެ މަޅީގައި ޖެހުނީތީ ލަދުވެތިކަމެއް ވެސް އިހުސާސް ކުރެވުނެވެ. ހޭނެ ވަރަކަށް ހުނުމަށް ފަހު ރޯސްގެ ސުވާލު ތަކުރާރު ކުރިއެވެ.
"ޕިން ނަންބަރު!" ރޯސް އަމުރުކުރިއެވެ. "އަވަސް!"
އިތުރު ގޮތެއް ނެތެވެ. އަހަރެން ޕިން ނަންބަރު ބުނީމެވެ. ރޯސް ވަގުތުން ނުކުތެވެ. ސަލާމަތްވެވޭތޯ ދެން ވެސް އަހަރެން މަސައްކަތް ކުރީމެވެ. ހުއްޓައިނުލައި އެތައް އިރަކު ތެޅިފޮޅުމުން ކޮންމެވެސް ވަރަކަށް ގޮށް މޮހެވެއެވެ. އެކަމަކު ސަލާމަތްވާން ބަލާއިރު އެއީ މާ ކުޑަ މިންވަރެކެވެ. ވަރަށް ގިނަ އެއްޗެހި ހިތަށްއެރިއެވެ. އަހަރެންގެ މޮޔަކަމެވެ. ބޭވަފާތެރިކަމެވެ. އެ ކުޅިވަރު ނިމޭނެ ގޮތަކާ މެދު ވެސް ވިސްނުނެވެ. އަހަރެން ވާނެ ފަޟީހަތާއި ބަދުނާމު ވެސް ހިތަށްއެރިއެވެ.
ގަޑިއެއްހާއިރު ފަހުން ރޯސް އައެވެ. އޭރު ވާރޭ ހުއްޓައިލައިފިއެވެ. ވަނުމާއެކު ރޯސްއަށް ކޯލެއް އައެވެ.
"ދޮރުމަތީ މަޑުކުރޭ!" ރޯސް ބުންޏެވެ. "މި ފައިބަނީ!"
ފޯނަށް ޖަވާބުދިނުމަށް ފަހު އަހަންނާ ދިމާއަށް ރޯސް ބަލައިލިއެވެ. އޭނަގެ މޫނުމަތިން ފެންނަނީ ކެހިވެރިކަމެވެ. އެއް މާނައަށް ވުރެ ގިނަ މާނަ އަހަންނަށް ނެގުނެވެ.
"ބޭނުންތަ ސަޕްރައިޒެއް؟" ލާނެތް ރާގެއްގައި ރޯސް ބުންޏެވެ. "ރީތިކޮށް އޮންނައްޗޭ! އެބަ އަންނަން."
އަހަރެން ހިތަށްއެރިއެވެ. ފަޒީލާ ގެނައީބާއެވެ؟ ނުވަތަ ރޯސްގެ ބޭނުމަކީ އަހަރެން ހާސްކުރުންބާއެވެ؟ އެއީ އެ ފަދަ ކުދިންގެ ވައްތަރެވެ. ދެން ހިތަށްއެރިއެވެ. ފަޒީލާ އަތުވެއްޖެއްޔާ އަހަރެން ހާދަހާ ބޮޑު ލަދެއްގައި ބެދޭނެއެވެ. އަހަރެން ޖެހޭނީ ގޮތް ދޫކުރާށެވެ.
"ރޯސް!" އަހަރެން އާދޭސް ކުރީމެވެ. "އަހަރެން މޮހާލާ! ކިހާ ލާރިއެއް ބޭނުމީ؟ ބުނި ވަރެއް ދޭނަން."
ރޯސް ދައްކާލީ ކޭޝްކާޑެވެ. ބާރު އޮތީ އޭނަ އަތުގައިކަން ދައްކާށެވެ.
"ނުދިނަސް ނަގާނަން،" ބޮޑާކަމާ އެކުގައި ރޯސް ބުންޏެވެ. "ބަސްއަހައިގެން އޮންނާތި! އައި ލަވް ސަޕްރައިޒް!"
ރޯސް ނުކުތެވެ. ދޮރު ލެއްޕި އަޑު އިވުނެވެ. ގައިގައި ހުރި ބާރެއް ލައިފައި އަހަރެން ތެޅިފޮޅިގަތީމެވެ. އަތް މޮހޭތޯއެވެ. ހެދުނު ގޮތަކުން ކުޑަކޮށް ގޮށް ދޫވިއެވެ. (ނުނިމޭ)