26 މެއި 2022 - 14:15

ކެޕިޓަލް މާކެޓް އޮތޯރިޓީ (ސީއެމްޑީ) އާއި އެކްސްޗޭންޖް ބޯޑް އޮފް އިންޑިއާ (އެސްއީބީއައި) އާ ގުޅިގެން ފަންޑު މެނޭޖުކުރުމާއި ކަސްޓޯޑިއަލް ސާވިސް ޓްރެއިނިން ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.
ތިރީސް ފަސް ބައިވެރިންނާ އެކު ދެ ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ހާޝިމް ވަނީ ފަންޑު މެނޭޖްމެންޓާއި ކަސްޓޯޑިއަލް ސާވިސްގެ މުހިންމު ކަމާއި، ޑޭޓާ އެކުލަވާލުމާއި، އެނަލައިޒްކުރުމާ ބެހޭ ގޮތުން ބައިވެރިންނާ ވާހަކަ ދައްކަވައިފަ އެވެ. އަދި ޓެކްނޮލޮޖީ އިންޓަގްރޭޓް ކުރުމާއި، އެހެން ގައުމުތަކުގެ ތަޖުރިބާ އަށް ބިނާކޮށް ރާއްޖެ އަށް ބޭނުންވާ މާލީ ހިދުމަތްތަކާއި، ވިޔަފާރިތައް ބައްޓަންކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.
މި ރަސްމިއްޔާތުގައި ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ، ރާއްޖޭގައި އިންވެސްމަންޓް ފަންޑު އިންޑަސްޓްރީއެއް އުފެއްދުމަކީ ސީއެމްޑީއޭގެ މުހިންމު އަމާޒެއް ކަމަށެވެ. މި ޕްރޮގުރާމުން އެކަން ފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި ކެޕިޓަލް މާކެޓު އިތުރަށް ތަރައްގީ ކުރުމަށް "ޕްރައިވެޓް ސެކިއުރިޓީ ފްރޭމްވޯކް" މިހާރު ތައްޔާރު ކޮށްފައިވާ ކަމަށާއި، މި ފްރޭމްވޯކު ރަސްމީކޮށް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ޕްރޮގްރާމަކީ ފަންޑު މެނޭޖަރުންނާއި، ކަސްޓޯޑިއަލް ހިދުމަތް ދޭ ފަރާތްތަކުން ބޭނުންކުރާ އުސޫލުތަކާއި ގޮތްތަކާއި، ރެގިއުލޭޓަރީ ފްރޭމްވާކާއި، އިންސްޕެކްޝަން ކުރިއަށް ގެންދާ ގޮތާ މެދު ހޭލުންތެރިކަން އިތުރު ކުރުމެވެ. އަދި މައުލޫމާތުތައް ހާމަކުރުމުގައި ބަލަން ޖެހޭ ކަންތައްތަކާއި ދާއިރާގައި އުޅޭ ފަރާތްތަކާއި ޝައުގުވެރިކަން ހުރި ފަރާތްތައް އަހުލުވެރި ކުރުވުމެވެ.