26 މެއި 2022 - 12:41

ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި މިހާރު ހުރި، ޔޫކްރޭންގެ ކަނޑުގެ ބަނދަރުތައް ހުޅުވާލައި، ބޭރުގެ އާގުބޯޓުފަހަރު އެ ބަނދަރުތަކުން ފުރުމުގެ ފުރުސަތު ދޭނެ ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާ އިން އިއްޔެ ބުނި ގޮތުގައި ކަޅު ކަނޑުގެ ބަނދަރުތަކުގައި މިހާރު އަޅާފައި ހުރި ބިދޭސީ އާގުބޯޓުތައް އެ ބަނދަރުން ފުރައިގެން ދިއުމުގެ ފުރުސަތު ފަހިކޮށްދޭނެ އެވެ. އަދި މަރިއުޕޯލްގެ އައްސޭރީގައި އަޒޯވް ކަނޑުގެ ބަނދަރުގައި ހުރި ބޯޓުތައް ވެސް އެ ބަނދަރުން ފުރައިގެން ކަޅު ކަނޑުގެ ތެރެއިން ދަތުރު ކުރުމަށް މަގު ފަހިކޮށްދޭނެ އެވެ.
ރަޝިޔާގެ ނޭޝަނަލް ޑިފެންސް ކޮންޓްރޯލް ސެންޓަރުގެ ވެރިޔާ، ކާނަލް ޖެނެރަލް މިޚައިލް މިޒިންޓްސޭވް ވިދާޅުވި ގޮތުގައި ކަޅު ކަނޑުގެ އައްސޭރީގައި ހުރި ޔޫކްރޭންގެ ބަނދަރުތަކުގައި، 16 ގައުމެއްގެ 70 ކަނޑުއުޅަނދު މިހާރު ވެސް އެބަ އޮތެވެ. އެ ގޮތުން އޮޑެއްސާ އާއި ޚެރްސޯން އަދި މީކޮލައިވްގައި ހުރި ހުރިހާ ބަނދަރުތަކެއް ވެސް އިއްޔެ އިން ފެށިގެން ކޮންމެ ދުވަހަކު ހުޅުވާފައި ބަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ތިން މަސް ދުވަހުގެ ހަނގުރާމަ އަށް ފަހު، މަރިއުޕޯލްގެ ބަނދަރު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް އާންމު ދަތުރުތައް ފެށުމުގެ ކުރިން، އެ ސަހަރުގެ ބަނދަރު ސަރަހައްދުގައި، ޔޫކްރޭން ސިފައިން ވަޅުލާފައި ހުރި މައިންތައް ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ވުޒާރާ އިން ބުނެ އެވެ.
ޔޫކްރޭންގެ ކަނޑުގެ ބަނދަރުތައް ހުޅުވައިލުމަށް ރަޝިޔާ އިން މި ނިންމީ، އެ ބަނދަރުތައް ބަންދުކުރުމުން، ޔޫކްރޭންގައި އުފައްދާފައި ހުރި ގޮވާމުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ގަސް ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ސާމާނުތައް އެ ގައުމުން ބޭރު ނުކުރެވި ހިފެހެއްޓިފައި ހުންނަތާ ތިން މަސް ފަހުންނެވެ.
ޔޫކްރޭންގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ބަނދަރުތައް ހުޅުވައިލަން ރަޝިޔާ އިން ނިންމި ނަމަވެސް، ރަޝިޔާ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނުވިސްނާ ކަމަށް އެމެރިކާ އިން ބުންޏެވެ.
"އެފަދަ ހުސް ވައުދުތަކެއްގެ ބަދަލުގައި، ދަތިކުރުމުގެ ފިޔަވަޅުތައް އަހަރެމެން އުވައެއް ނުލާނަން. މީގެ ކުރިން ވެސް ރަޝިޔާގެ ފަރާތުން އެފަދަ ހުސް ވައުދުތަކެއް އަހަރެމެން އަޑު އަހައިފިން،" އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭނާ ދެކޮޅަށް އަސްކަރީ ހަނގުރާމައެއް ފެށުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެ، ހަތަރު މަސް ވަންދެން ރަޝިޔާ އިން އައީ ދޮގު ވައުދުތަކެއް ވަމުންނެވެ. އެހެން ނަމަވެސް އެ ވައުދުތައް އެއްފަރާތްކޮށް ރަޝިޔާ އިން ޔޫކްރޭނަށް އަރައިގަނެ ބޮޑު ލޭއޮހޮރުވުމެއް ހިންގަމުން އެދަނީ އެންމެންގެ ކުރިމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.