27 ޑިސެމްބަރ 2016 - 15:15

އިސްލާމްއާބާދު (ޑިސެމްބަރު 27) - ކްރިސްމަސް ޕާޓީއެއްގައި ވިހަ ރަލެއް ބޮއެގެން ޕާކިސްތާނުގައި 24 މީހުން މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ވެރިރަށް އިސްލާމްއާބާދުގެ ދެކުނުން 210 މޭލު ދުރުގައި އޮންނަ ކްރިސްޓިއަން ސިޓީއެއް ކަމަށްވާ ތޮބާ ޓެކް ސިންގަ އެވެ. މަރުވި މީހުންގެ ތެރޭގައި 22 ކްރިސްޓިއަނުންނާއި ދެ މުސްލިމުން ހިމެނެ އެވެ. ވިހަ ރާ ބޮއެގެން 60 މީހަކު ވަނީ ބަލިވެފަ އެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޕާކިސްތާނުގައި ރާ ވިއްކުމާއި ބުއިމަކީ މަނާ ކަމެކެވެ. އަދި ބޭރު މީހުންނާއި މުސްލިމް ނޫން މީހުންނަށް ރާ ވިއްކުން ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.
ޕަންޖާބުގައި އޮތް ޕާޓީއެއްގައި ވިހަ ރަލެއް ބޮއެގެން 11 ކްރިސްޓިއަނަކު ވަނީ އޮކްޓޯބަރު މަހު މަރުވެފަ އެވެ. އަދި އޮކްޓޯބަރު، 2014 ގައި ވެސް ވަނީ މެތަނޯލް އަޅާފައިވާ ރަލެއް ބޮއެގެން 29 މީހުން މަރުވެފަ އެވެ.
ރަޝިޔާގައި ވެސް ދާދި ފަހުން ވަނީ ރާ ނުލިބިގެން، އެލްކޮހޯލް އަޅާފައިވާ ލޯޝަނެއް ބުއިމުގެ ސަބަބުން 58 މީހުން މަރުވެފަ އެވެ.