26 މެއި 2022 - 12:25

ގދ. ހޯނޑެއްދޫގައި ހަދަން ފަށާފައިވާ ކޯލްޑް ސްޓޯރޭޖް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ނުގެނެވޭ ނަމަ ހޮރައިޒަން ފިޝަރީޒް ކުންފުންޏާއެކު ކޮށްފައިވާ އެއްބަސްވުން ބާތިލްކުރަން ގދ. އަތޮޅު ކައުންސިލުން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ފާސްކުރި ގަރާރުގައި ބުނީ މަސްވެރިކަމުގައި އާދައިގެ ދުވަސްވަރު ވެސް މަސްވެރިން ގިނަ ގއ. އަދި ގދ. އަތޮޅުން، އެ ސަރަހައްދާ އެންމެ ކައިރީގައި އޮންނަ ކޫއްޑޫ މަސްފެކްޓަރީ އަށް މަސްކިރުވުމަކީ ތަކުލީފެއް ކަމަށެވެ.
އެހެންވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް ކުންފުނިން 2005 ވަނަ އަހަރު ހަދަން ފެށި މަސްފެކްޓަރީގެ ސަބަބުން މަސްކިރުމުގެ މައްސަލަ އަށް ހައްލެއް ލިބުމަކީ އެ ސަރަހައްދުގެ މަސްވެރިން ދެކެމުން އައި ވަރަށް ފޮނި އުއްމީދެއް ކަމަށް ގަރާރުގައި ބުންޏެވެ.
ނަމަވެސް މަސައްކަތް ފެށިތާ 16 އަހަރުވިއިރު ވެސް ތަން އޮޕަރޭޝަނަށް ނުގެނެވި އޮތުމަކީ މަސްވެރިންނަށް ބޭއިންސާފެއް ކަމަށް އެ ކައުންސިލުން ދެކެ އެވެ.
"ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޮޑުބައި ނިމިފައިވުމުގެ ސަބަބުން އެ ތަން އޮޕަރޭޝަނަށް ގެނެވިއްޖެ ނަމަ އަވަސް މުއްދަތެއްގެ ތެރޭގައި މަސްވެރިންނަށް ދިމާވެފައިވާ މަސްނުކުރިމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ހުވަދު އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ދެކޭތީވެ، ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނައުން ނުވަތަ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސް އަށް ދެވިފައިވާ ބިމުގެ އެގްރިމެންޓް ބާތިލްކޮށްދިނުމަށް ސަރުކާރުން ކުރަން ހުރި މަސައްކަތްތައް ހަލުއިކޮށްދިނުމަށް ސަރުކާރަށް ދަންނަވައި ނެރޭ ގަރާރެކެވެ،" ހޯނޑެއްދޫ ކައުންސިލުން ހުށަހެޅި ގަރާރުގައި ބުންޏެވެ.
އެ ކުންފުންޏަށް ކޯލްޑް ސްޓޯރޭޖެއް ހަދަން ފިޝަރީޒް މިނިސްޓްރީން 13 ހެކްޓަރުގެ ބިމެއް ކުއްޔަށް ދިނީ 35 އަހަރަށެވެ. ހޯނޑެއްދޫ ކައުންސިލުން ވަނީ އެ ބިމުގެ ރަޖިސްޓަރީ އެ ކައުންސިލްގެ ނަމަށް ބަދަލުކޮށްދިނުމަށް ވެސް އެދިފަ އެވެ.
ހޯނޑެއްދޫ ކައުންސިލްގެ ރައީސް އަދި ގދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ވާރިޝް ވިދާޅުވީ، އެ ބޮޑު ބިމުގެ ކުލީގެ ގޮތުގައި ކައުންސިލަށް ލިބެނީ އެކަށީގެންވާ ވަރެއް ނޫން ކަމަށެވެ. އެއީ އަހަރެއްގެ މައްޗަށް 217،000ރ. އެވެ. މަހެއްގެ މައްޗަށް ބަލާ ނަމަ 18،083.ރ. އެވެ.
ވާރިޝް ވިދާޅުވިގޮތުގައި، މަސައްކަތްތައް ނިންމާލައި އެއް އަހަރުގެ ތެރޭގައި ކޯލްޑް ސްޓޯރޭޖް ބޭނުންކުރަން ފެށުމަށް ގަރާރުގައި އެދިފައިވާނެ އެވެ. އަދި އެ މުއްދަތުގައި އެކަން ނުވެއްޖެ ނަމަ ހޮރައިޒަން ފިޝަރީޒާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރަން ވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
އެ ކޯލްޑް ސްޓޯރޭޖް އޮޕަރޭޝަނަށް ނުގެނެވި، ދިގުލައިގެން ދިޔައީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އެ ކަމާ ގުޅިގެން ހޮރައިޒަން ފިޝަރީޒްގެ ބަހެއް އަދި ނުލިބެ އެވެ.