26 މެއި 2022 - 06:50

ފިލްމު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ބިރުވެރި ޝޯ "ބިރުވެރި ވާހަކަ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ތުރިލާ އާއި މިސްޓްރީ ފިލްމުތައް އުފައްދައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އިއްލެ މިހާރު އަންނަނީ ބިރުވެރި ވާހަކަތަކެއް ކިޔައިދޭ ޝޯ ދައްކަނީ އެންތޮލޮޖީ އެޕިސޯޑުތަކެއްގެ ގޮތުގަ އެވެ. ޝޯގެ ފުރަތަމަ ޓްރެއިލާއިން ތަފާތު މަންޒަރުތަކާއި ވާހަކަތައް ދައްކަ އެވެ.
ޓްރެއިލާއިން ފެންނަ ޝޯގެ ކާސްޓުންގެ ތެރޭގައި އިންޑަސްޓްރީގައި ނަން މަޝްހޫރު ތަރިންނާއި އަރަމުން އަންނަ ތަރިން ފާހަގަކުރެވެ އެވެ. އެންމެ ފާހަގަކުރެވޭ މޫނުތަކުގެ ތެރޭގައި މަރިޔަމް އައްޒަ އާއި އައިޝަތު ރިޝްމީ ހިމެނެ އެވެ.
ތަފާތު ފަސް ވާހަކައެއް ކިޔައިދޭ އެ ޝޯގައި އެ ހުރިހާ ވާހަކަތަކެއް އެއް ވާހަކަ އަނެއް ވާހަކައާ ގުޅިފައިވާނެ ކަމަށް ޓްރެއިލާއިން އިޝާރާތް ކުރެ އެވެ.
އަންނަ މަހުގެ ތިންވަނަ ދުވަހު ރިލީޒްކުރާ ޝޯ ބެލޭނީ ދިރާގު ޓީވީންނެވެ.