ކަރަން ޖޯހަރުގެ 50 ވަނަ އުފަން ދުވަހު އިއުލާނުކުރީ އެކްޝަން ފިލްމެއް
ކަރަން ޖޯހަރުގެ 50 ވަނަ އުފަން ދުވަހު އިއުލާނުކުރީ އެކްޝަން ފިލްމެއް

އެކްޝަން ފިލްމެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް، ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.

ކަރަން މިކަން އިއުލާނުކުރީ އިއްޔެ ފާހަގަކުރި އޭނާގެ 50 ވަނަ އުފަން ދުވަހު އެވެ.

ކަރަން ބުނި ގޮތުގައި މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒްކުރުމަށް ފަހު އެ ފިލްމުގެ ޝޫޓިންތައް ފަށާނެ އެވެ. އާލިއާ ބަޓާއި ރަންވީރު ސިންގް އުޅޭ "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީގަ އެވެ.

އެހެންވެ އެކްޝަން ފިލްމުގެ ޝޫޓިންތައް ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ކަރަން ބުންޏެވެ. އެ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް އޭނާ އަދި އާންމެއް ނުކުރެ އެވެ.

ކަރަން ބުނީ 27 އަހަރު ވަންދެން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ އެންމެ ރަނގަޅު ތަޖުރިބާ ކަމަށެވެ. ކަރަން އަކީ އަބަދުވެސް ލޯބީގެ ފިލްމުތަކާއި އާއިލީ މައްސަލަތަކާ ގުޅޭ ފިލްމުތައް ހަދާ މީހެކެވެ.