ރޮބޯތިންކުން ހިލޭ ބައިވެރިވެވޭ ޓްރަޔަލް ކްލާސްތަކެއް ފަށަނީ
ރޮބޯތިންކުން ހިލޭ ބައިވެރިވެވޭ ޓްރަޔަލް ކްލާސްތަކެއް ފަށަނީ

ކުޑަކުދިންނަށް އަމާޒުކޮށް، ރާއްޖޭގައި ސްޓެމް އެޑިއުކޭޝަން ދޭ ރޮބޯތިންކުން ޓްރަޔަލް ސެޝަންތަކެއް ފަށަން ނިންމައިފި އެވެ.

ރޮބޯތިންކުން ބުނީ، މި މަހުގެ 28 އިން ޖޫން މަހުގެ 2 އަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ މި ސެޝަންތަކުގައި ހިލޭ ބައިވެރިވެވޭނެ އެވެ. މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ކުދިން ނަގަމުން ދާނީ ރެޖިސްޓަކުރަމުން އަންނަ ތަރުތީބުން ކަމަށް ރޮބޯތިންކުން ބުންޏެވެ. މިއީ ލިމިޑެޓް ޖާގަތަކެކެވެ.

މި ޓްރަޔަލް ޕްރޮގުރާމުގެ ދަށުން، ކޮންމެ ހަފްތާއަކު ތިން ސެޝަނެއް އޮންނާނެ އެވެ. މި ސެޝަންތަކުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ، ރޮބޮތިންކުގެ ކަރިކިޔުލަމްގެ ތެރޭގައި ހިމެނޭ އެކި ދާއިރާތަކުގެ އިންޓްރަޑަކްޓްރީ ކްލާސްތަކެކެވެ. މިއީ ރޮބޮތިންކުން ކިޔަވައިދޭ ސްޓައިލާއި ކިޔަވައިދޭ އެކި ބައިތައް ތަޖުރިބާ ކޮށްލެވޭނެ ފުރުސަތެކެވެ.

ރޮބޮތިންކުން މީގެ ކުރިން ވެސް އެ ތަނުގެ އެކި ޕްރޮގުރާމުތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ކޭމްޕުތަކާއި އެކި ހަރަކާތްތައް ހިންގާފައިވެ އެވެ. ރޮބޮތިންކުގެ އަމާޒަކީ ޓެކްނޮލަޖީގެ ގޮތުން ކުރިއަރަމުން އަންނައިރު އެކަމުގައި އެއް ހަމައެއްގައި ފައި ހަމަކުރެވޭނެ ޖީލެއް ބިނާ ކުރުމެވެ، އަދި އީޖާދީ ރޮނގުން ރާއްޖެ ކުރިއަރާނެ ފުރުސަތުތަކެއް ފަހި ކޮށްދިނުމެވެ.

ރޮބޮތިންކުގެ ކްލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން ފަސް އަހަރުން މަތީގެ ކުދިންނަށެވެ. ރޮބޯތިންކުގެ މި ޓްރަޔަލް ޕްރޮގުރާމުގައި ބައިވެރިވުމަށް 3308777 ނުވަތަ 7310305 އާ ގުޅައިގެން ރެޖިސްޓްރީ ކުރެވޭނެ އެވެ.