25 މެއި 2022 - 14:02

ބާ އިމްތިހާންގެ ފީގެ މައްސަލަ ކޯޓުން ނިމެންދެން ބާ އިމްތިހާން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ބާއްވާ ބާ އިމްތިހާން މިއަދު ބާއްވަން ހަމަޖައްސާފައި ވާއިރު، އެ އިމްތިހާނަށް ފީގެ ގޮތުގައި ކަނޑައެޅި 10،000ރ. މާ ބޮޑު ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނީ ދާއިރާއިން ކިޔަވާފައިވާ ބައެއް ފަރާތްތަކުންނެވެ.
ބާ އިމްތިހާންގެ ފީގެ އިތުރުން ބާ އިމްތިހާންގެ ސިލަބަސް މުޅިން ގާނޫނީ މާއްދާތަކަށް އަމާޒުކޮށް ހަދާފައިވާތީ އެއީ ތަފާތު ކުރުމެއް ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
އެ މައްސަލަ ނިމެންދެން ބާ އިމްތިހާން ފަސްކުރުމުގެ އަމުރަކަށް އެ މީހުންގެ ފަރާތުން އެދުމުން ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އިމްތިހާންގެ ފީ ބޮޑުވުމުން އިމްތިހާންގައި ބައިވެރި ނުވެނުވަސް، މައްސަލަ ނިމޭ ގޮތަކުން ބަދަލު ހޯދުމުގެ ފުރުސަތު ފަހުން އޮންނާނެ ކަމަށެވެ.
މީގެ އިިތުރުން މައްސަލަ ހުށަހެޅި ފަރާތްތައް ނޫން އެހެން ބައެއް މީހުން ވެސް ބާ އިމްތިހާންގައި ބައިވެރިވާއިރު އެ ފަރާތްތަކުގެ ބަހެއް ނެތީސް، އެ މީހުންނަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމާ މެދު އެ މައްސަލާގެ ތެރެއިން ގޮތެއް ނުނިންމޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ގާޒީ މަރިޔަމް ވަހީދު ނިންމެވި އެ ނިންމުމުގައި އިތުރަށް ބުނެފައިވަނީ ބާ ކައުންސިލުން އެ އިމްތިހާނަށް ޚަރަދު ކޮށްފައި ވަނިކޮށް، އިމްތިހާން ހުއްޓުވައިފި ނަމަ އެ ހަރަދު އަނބުރާ ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ބާ ކައުންސިލުން އިޖްރާއީ ނުކުތާއެއް ވެސް ސިވިލް ކޯޓުގައި ނެގި އެވެ. އެއީ ދައުވާ ފޯމްގައި "ދިވެހިރާއްޖޭގެ ބާ ކައުންސިލް (ދައުލަތް)" މިހެން ލިޔެފައި އޮތްއިރު ބާ ކައުންސިލަކީ ދައުލަތުގެ މުއައްސަސާއަކަށް ނުވާތީ އެވެ.
ސިވިލް ކޯޓުން އެ ނުކުތާގައި ނިންމީ މައްސަލަ ބޭރުކޮށްލުމުގެ ބަދަލުގައި ދައުވާ ފޯމްގެ އެ ބައި އިސްލާހު ކުރުމަށްފަހު މައްސަލަ ކުރިއަށް ގެންދިއުމަށެވެ.