25 މެއި 2022 - 15:45

ސްރީ ލަންކާގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރޮއިޓާސް އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކުރިއަށް އޮތް ހަ ހަފުތާގެ ތެރޭގައި އެ ގައުމުގެ ވަގުތީ ބަޖެޓު އާންމުކުރާނެ ކަމަށެވެ. އަދި މި ފަހަރުގެ ބަޖެޓުގައި އުމްރާނީ ތަރައްގީގެ އެއްވެސް ހަރަދެއް ނުހިމަނައި، ބަޖެޓް ހާއްސަ ކުރާނީ ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ދެ ހަފުތާ ކުރިން ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވަނީ ތަކެތީގެ އަގު މަތިވާނެތީ ސަމާލުވާން އެދިވަޑައިގެންފަ އެވެ. އެހެންވެ، އެއާ ގުޅުވައިގެން ކުރިމަގުގައި މުޒާހަރާ ކުރުން ގިނަވެދާާނެ ކަމަށް ވިދާޅުވި އެވެ.
އުންމީދަކީ އެ ގައުމުގެ ހަލަބޮލިކަން އިތުރަށް ގޯސްނުވުން ކަން ފާހަގަކުރައްވަމުން ރަނިލް ވިދާޅުވީ، އާ ބަޖެޓުން ލަންކާގެ 22 މިލިއަން މީހުންގެ އާބާދީ ތެރެއިން އެންމެ ނާޒުކު ހާލަތެއްގައި ތިބި މީހުންނަށް އެހީވުމަށް ފަންޑެއް ހާއްސަ ކުރާނެ ކަމަށެވެ.
"ވަގުތީ ބަޖެޓުގެ އަމާޒަކީ ސަރުކާރުގެ ހަރަދުތައް ކުރެވެން ހުރި އެންމެ ކުޑަކޮށް، ގައުމުގެ މީހުންނަށް އެހީވާން ބޭނުންކުރުން،" ރަނިލް ވިދާޅުވި އެވެ.
ލަންކާ އަށް ކުރިމަތިވެފައިވާ މި ކާރިސާ އަކީ 1948 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން އެ ގައުމު މިނިވަންވި ފަހުން ދިމާވި އެންމެ ބޮޑު އިގްތިސޯދީ ތަދުމަޑުކަމެވެ. އެ ގައުމު އެ ހާލަތައް ވެއްޓުމުގެ މައިގަނޑު އެއް ސަބަބަކީ ކޮވިޑް-19 ގެ ބަލިމަޑުކަމެވެ.
"ސަރުކާރަކު ފައިސާ އެއް ނެތް. އެއް ޓްރިލިއަން ރުޕީސް ޕްރިންޓް ކުރަން ޖެހޭނެ،" ރަނިލް ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ގައުމުގެ ތަކެތީގެ އަގު 40 ޕަސެންޓަށް އުފުލޭތީ ސަމާލުވާން ވެސް ބޮޑުވަޒީރު އެދިވަޑައިގަތެވެ.
ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާ އިން އަރައިގަތުމަށް އާ ބޮޑުވަޒީރު މިހާރު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، އިންޑިއާގެ ދެ ބިލިއަން ރުޕީސްގެ އެހީ އެ ގައުމަށް ވަނީ ލިބިފަ އެވެ. ހިކި ކިރާއި ހަނޑުލާއި ބައެއް ބާވަތުގެ ބޭސް އޭގެ ތެރޭގައި ހިމެނެ އެވެ.
ބޭރުގެ ދަރަނިތައް އަދާކުރުމުގައި އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ7) ގެ އެހީތެރިކަން ލަންކާ އަށް ދިނުމަށް ވަނީ ނިންމައިފަ އެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އާންމުންނަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭ ކަންކަމަަށް ހޭދަކުރުން ފަސޭހަކުރުމުގެ ގޮތުން ރަނިލް ވަނީ ހުރިހާ ވަޒީރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑާލައްވައިފަ އެވެ.