25 މެއި 2022 - 13:48

މިހާރު ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް، ޔޫކްރޭންގެ ސަހަރެއް ކަމަށްވާ މަރިއުޕޯލް ހިފުމަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކުގެ ސަބަބުން، އެ ސަހަރުގެ އާންމުންގެ ތެރެއިން 22،000 މީހަކު މަރުވެފައިވާ ކަމަށް، އެ ސަހަރުގެ މޭޔަރުގެ އެޑްވައިޒަރު ވިދާޅުވެއްޖެ އެވެ.
އެޑްވައިޒަރު ވިދާޅުވި ގޮތުގައި، ކަޅު ކަނޑުގެ އައްސޭރީގައި އޮތް މަރިއުޕޯލްއަކީ މިހާރު ފުރޭތައިގެ ސަހަރެކެވެ. އެއްވެސް ދިރުމެއް ނެތި ވީރާނާވެ، ކޮންކްރީޓުގެ ކުނިގޮނޑެއްގެ ގޮތުގައި މިހާރު ފެންނަން އޮތް މަރިއުޕޯލް ހިފުމަށް ތިން މަސް ވަންދެން ރަޝިޔާ ސިފައިން ކުރި ހަނގުރާމައިގައި، މުޅި ސަހަރު އޮތީ ސުންނާފަތިވެފަ އެވެ.
ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި މަރިއުޕޯލްގެ 22 ހާސް މީހުން މަރުވި ކަމަށް ބުންޏަސް، ރަސްމީ އެއްވެސް އިދާރާއަކުން އެ އަދަދު މިހާތަނަށް ކަށަވަރެއް ނުވެ އެވެ. އަދި އެ ސަހަރު މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށްވާތީ، ރަޝިޔާ ބޭނުންވާ ގޮތަށް ޚަބަރުތައް ގެނެސްދޭ ނޫސްވެރިން ފިޔަވައި އެހެން އެއްވެސް ނޫސްވެރިއަކު އެ ސަހަރަށް ނުވައްދާތީ، ބައިނަލްއަގްވާމީ މީޑިއާތަކުން ވެސް އެ އަދަދު ކަށަވަރުކޮށެއްނުދެ އެވެ.
ޔޫކްރޭން ސަރުކާރުގެ ބައެއް އޮފިޝަލުން ބުނި ގޮތުގައި، މަރިއުޕޯލްގައި ހުރި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭންގެ ސިފައިން، މިދިޔަ ހުކުރު ދުވަހު ހަތިޔާރު ބަހައްޓައި އަމާން ދިނުމާ ގުޅިގެން، މިހާރު އެ ސަހަރުގެ ތެރޭގައި ހަމަލާ ބަދަލުކުރާ އަޑެއް ނުއިވެ އެވެ. އަދި އާންމުން މިހާރު މަގުތަކަށް ނުކުމެ އުޅެން ފެށުމުން، ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިންނާއި، ހަމަލާ ބަދަލުކުރެވުނު ސަރަހައްދުތަކުގައި ފެންނަން ހުރި، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މަރިއުޕޯލްގެ ބައެއް އާންމުން ބުނާ ގޮތުގައި، ރަޝިޔާ އިން ދިން މިސައިލާއި ބޮމުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މިހާތަނަށް 200 މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ. އަދި އެމީހުން ވަޅުލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ހަނގުރާމަ ހުއްޓިފައި އޮތަސް، އެ ސަހަރުގެ ތެރޭގައި އާންމުން ބޭރަށް ނުކުމެ އުޅުމަށް ރަޝިޔާ ސިފައިން ވަނީ ހަރުކަށި އުސޫލުތަކެއް ހަމަޖައްސައިފަ އެވެ. އެއްވެސް ގޭބިސީއަކުން ބޭރަށް ނުކުމެ އުޅެވޭނީ، ރަޝިޔާ ސިފައިން އެ ގޭބިސީއަކަށް ދޫކޮށްފައިވާ ފާހެއް ހިފައިގެން ކަމަށް ހަމަޖައްސާފައި އޮތުމުން، މިނިވަންކަމާ އެކު މަގުމަތީގައި އުޅުމުގެ ފުރުސަތެއް ނެތެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާރު އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ގެންދަނީ، ޔޫކްރޭންގެ އިރުމަތީގައި އޮންނަ ވަކިވެގަތުމަށް މަސައްކަތްކުރާ ދޮންބާސް ސަރަހައްދުގަ އެވެ. ދޮންބާސްގެ ބޮޑު ސަރަހައްދެއް މިހާރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގޮސްފައިވާ އިރު، ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަނީ، ޔޫކްރޭން ސިފައިން ތިބި ސަހަރުތައް ހިސޯރުކޮށް، އެ ތަންތަން ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށެވެ.