ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާގެ މައްސަލަ: ކޯޓުގައި ދައުލަތް ދިފާއު ނުކުރި ތުހުމަތަށް ޕީޖީގެ އިންކާރު
ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާގެ މައްސަލަ: ކޯޓުގައި ދައުލަތް ދިފާއު ނުކުރި ތުހުމަތަށް ޕީޖީގެ އިންކާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ބެނާ ދެމި މައްސަލައިގައި ހައި ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގަރާރާއި ދައުލަތް ދިފާއު ނުކުރި ކަމަށް ކުރާ ތުހުމަތަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު އިންކާރު ކުރައްވައިފި އެވެ.

ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާގެ މައްސަލަ: ކޯޓުގައި ދައުލަތް ދިފާއު ނުކުރި ތުހުމަތަށް ޕީޖީގެ އިންކާރު
ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާގެ މައްސަލަ: ކޯޓުގައި ދައުލަތް ދިފާއު ނުކުރި ތުހުމަތަށް ޕީޖީގެ އިންކާރު

ޕީޖީ "މިހާރު" އަށް ވިދާޅުވީ ހައި ކޯޓުގެ ޝަރީއަތުގައި ދައުލަތް ދިފާއު ކުރެއްވި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވާނެ ކަމަށެވެ.

"ދައުލަތް ދިފާއުކުރިން. އަމުރު ދިފާއުކޮށްފައި، [ޔާމީން ގެކޮޅުގައި ދެމި ބެނާ ނެގުމުގެ] އަމުރު ނެރުނީ ވެސް ރަނގަޅަށް ކަމަށް ދެކޭ ކަމަށް އޮންނާނެ ރަސްމީކޮށް ލިއުމުން ވެސް ޖަވާބު ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.

ރައީސް ގަރާރު ނެރުއްވީ "އެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފްރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތް ހުއްޓުވުމަ"ށެވެ. އިންޑިއާ އައުޓް ހަރަކާތް ނަފްރަތާއި ރުޅިވެރިކަމުގެ ހަރަކާތަކަށް ބަދަލުވުމުން ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އެ ތަފާތުކުރުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ގާނޫނީ ގޮތުން ދިރިއުޅެމުންދާ ވަކި ގައުމަކަށް ނިސްބަތްވާ ރައްޔިތުންތަކަކަށް ގެއްލުން ދީފާނެ ނުވަތަ ގެއްލުމެއް ދިނުމަށް ގޮވާލާފާނެކަމުގެ ބިރަށެވެ.

އިދިކޮޅު ލީޑަރު، ޔާމީން އިސްވެ ހިންގަވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމުގެ އަމާޒު އޮތް، އެ ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ގާނޫނީ ބައެއް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މި ކަންބޮޑުވުން އޮއްވައި، ހައި ކޯޓުގައި މިދިޔަ އަންގާރަދުވަހު ފެނުނީ އެ ވަކީލުން މާނަކުރައްވާ ގޮތުގައި، ޕީޖީ، ދައުލަތް ދިފާއު ނުކުރެއްވި ތަނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާގެ މައްސަލައިގައި ފަނޑިޔާރުން އަމާޒުކުރެއްވި ވަރުގަދަ ސުވާލުތަކުގެ ތެރެއިން ގިނަ ސުވާލުތައް އަމާޒުވީ ފުލުހުންނާއި ޕީޖީގެ ވަކީލުންނަށެވެ.

ޚިޔާލުފާޅުކުރުން ހަނިކުރާ ގާނޫނެއް ނެތީސް، މީހަކު ދަމާލާ ބެނާއެއް އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ ތެރެއަށް ވަންނަނީ ކިހިނެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

"ހިޔާލުފާޅު ކުރުމުގެ ގޮތުން ދަމާ ބެނާއަކަށް ނުވަތަ އެފަދަ ކަމަކަށް އިޝާރާތްކޮށް މާނަ ކުރެވޭނީ ކިހިނެއްތޯ؟." ފަނޑިޔާރު ޝަފީއު ސުވާލު ކުރެއްވި އެވެ.

މި ސުވާލުގެ ޖަވާބެއް ދައުލަތުން ނުދިނެވެ. ދައުލަތުން އެދުނީ ފުލުހުން ޖަވާބު ދިނުމަށެވެ. އެކަމަކު ފުލުހުން ވެސް އެއަކަށް ޖަވާބެއް ނުދިނެވެ.

ހައި ކޯޓުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ، ފުލުހުން ހެކީގެ ގޮތުގައި ދައްކަނީ ދޫވެހީގައި ދަމާފައި ހުރި ބެނާކަމަށް ވާއިރު، އެ އަމަލެއްގައި ހިމެނޭ ތުހުމަތުކުރެވޭ މީހާ ލައްވައި ހެއްކެއް ނެގުމަށް އެންގުމަކީ ހަމަޖެހޭ ކަމެއްތޯ އެވެ.

ޝަރީއަތް ދިޔަ ގޮތުން އުފައްދަނީ، މުޅި މައްސަލައާ ގުޅޭ ސުވާލުތަކަށް ދައުލަތުން، ޖަވާބުދާރީ ނުވެ ފުލުހުންނަށް ދޫކޮށްލީ ކަމުގެ ސުވާލެވެ.

ރައީސް ގަރާރު ނެރުއްވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ( ނ) އާއި (ރ) އާއި (މ)އާ ހަވާލާ ދެއްވަ އެވެ.

- (ނ) ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން.

- (ރ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރައްހަދުގެ ރައްކާތެރިކަން ދެމެހެއްޓުމާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަށް އިހްތިރާމްކުރުވުން.

- (މ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ގުޅުން ގާއިމްކޮށް ދެމެހެއްޓުން.

މި މާއްދާގެ ދަށުން ގަރާރު ނެރުއްވި އިރު މައްސަލައަކަށް ދައްކަނީ ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅިފައި އޮތުމެވެ. ވަކީލުން ނަންގަވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ މާއްދާ އެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ކޮންމެ މީހަކަށް ލިބިގެންވާ ކަން ގާނޫނުއަސާސީ ކަށަވަރުކޮށްދޭ ކަމަށެވެ.

އެއިން އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ތައާރަޒްނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން ދިމިގްރާތީ މުޖުތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ރައީސްގެ ގަރާރު ގާނޫނުއަސާސީއާ ހިލާފު ނޫން ކަމަށެވެ. ހައި ކޯޓުގައި ހިނގި ޝަރީއަތުގައި، ދައުލަތް ދިފާއުނުކުރުން ނުވަތަ ފުލުހުން ނެރުނު އަމުރު ދިފާއުނުކުރާ ކަމަށް ބުނުމަކީ ވެސް ރަނގަޅު ވާހަކައެއް ނޫން ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އެ އަމުރު ދިފާއުކުރިން، އަމުރު ދިފާއު ނުކުރާ ކަމަކަށް ނުބުނެވޭނެ،" ޕީޖީ ވިދާޅުވި އެވެ.

ހައި ކޯޓަށް ލިއުމުން ދިން ޖަވާބުން ވެސް ދައުލަތް ދިފާއުކޮށްފައި އޮތީ، ކިހާވަރަކަށްތޯ އެނގިވަޑައިގަންނަވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމުރު ނެރުނު ގޮތާއި ދެން ހިންގި ކަންކަން ކޯޓުގައި ތަފްސީލްކޮށްދޭން ޖެހޭނީ ފުލުހުންނެވެ. ހުރިހާ މައްސަލައެއްގައި ވެސް ކަން ހިނގައިދިޔަ ގޮތް ކިޔައިދޭނީ ފުލުހުން ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ޖަވާބުދޭނީ ގާނޫނީ ސުވާލުތަކަށް. އެ ދުވަހު ވެސް ގާނޫނީ ސުވާލުތަކަށް ލިއުމުން ވެސް ޖަވާބުދީފައި ހުންނާނެ. އަދި ކޯޓުގައި ވެސް ގާނޫނީ ބައި ތަމްސީލްކުރެއްވީ އަޅުގަނޑުމެން. ޕްރެކްޓިކަލީ އެކަން ހިނގައިދިޔަ ގޮތް އެއީ ފުލުހުން ކިޔައިދެއްވަން ޖެހޭ ކަމެއް،" ޕީޖީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުނަން ޖެހޭނީ މި އަމުރު ރަނގަޅޭ، ބަލަން ޖެހޭ ކަންކަން ބަލާފައޭ ހުރީ. ބާތިލްކުރާނެ ތަނެއް ނެތޭ. އެ މިންވަރަށް، އެހެން މައްސަލަތަކުގައި ވެސް ހިނގާ ގޮތަށް ދިޔައީ."

ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ދައްކާ ވާހަކަތަކާ ގުޅިގެން ޕީޖީ ވިދާޅުވީ އެ ސުވާލު އުފައްދާ ނަމަ، ހިޔާލުފާޅުކުރުމަށް ހަނިވާ ކަމަށް އެ މީހަކަށް ގަބޫލުކުރެވިގެން ހުށަހަޅައި އެކަމުގައި ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ. ޕީޖީ އޮފީހަށް އޮތް ޒިންމާއަކީ ގާނޫނީ ބާރު އޮތް ފަރާތަކުން ނެރުއްވި އެ ގަރާރު ތަންފީޒުކުރެއްވުން ކަމަށް ވިދާޅުވި އެވެ.

"ރައީސް ގަރާރެއް ނެރުއްވީމަ ގާނޫނުއަސާސީއާ ހިލާފުތޯ ނުވަތަ ނޫންތޯ ބަލަން އެބަހުރި ޕްރޮސެސްއެއް. އެ ފޮލޯ ނުކުރާހާ ހިނދަކު އަޅުގަނޑު ބަލާނީ ރަނގަޅު، ތަންފީޒުކުރަން ޖެހޭ ގަރާރެއް ގޮތަށް. ތަންފީޒުވެސް ކުރާނަން، ދިފާއު ވެސް ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިޒާމް ހިނގާ ގޮތް އެނގިވަޑައިނުގަންނަވާ ބޭފުޅުން ސިޔާސީ ގޮތުން ވާހަކަ ދެއްކެވިޔަސް ޕީޖީ އޮފީހުގެ ޒިންމާއަކީ ވަކި ތަރުތީބަކުން އޮންނަ ގާނޫނީ މަރުހަލާތައް ނިޒާމުގައި ފުރިހަމަކުރުމެވެ.

އިންޑިއާ އައުޓް ހުއްޓުވަން ރައީސް ނެރުއްވި ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އިދިކޮޅުން ވަނީ ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. އަދި ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވުމަށް ޔާމީން ވެސް ގެންދަވަނީ ތައްޔާރުވަމުންނެވެ.