25 މެއި 2022 - 11:03

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ގެ ހަނދާނުގައި މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމުން ފެހުރިއްސަކަށް އޭނާގެ ނަންދީފި އެވެ.
މޯލްޑިވްސް ވޭލް ޝާކް ރިސާޗުން ބުނެފައިވާ ގޮތުގައި ޑާޑިގެ ނަން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު އެއް ވަނަ ދުވަހު ރާއްޖޭން ފެނުނު ފެހުރިއްސަކަށެވެ.
ޑާޑި ވަނީ ވޭލް ޝާކް ރިސާޗް ޕްރޮގްރާމުން 2014 ގައި ބޭއްވި އިވެންޓެއްގައި އޭރިއަލް ފުޓޭޖް ނެގުމުގައި ވޮލަންޓިއަރެއްގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކޮށްފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އުމުރުން 38 އަހަރުގެ ޑާޑި ނިޔާވީ މިއަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހު މެލޭޝިއާގައި، ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.
ޑާޑިއަކީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި އަދި މިހާރު ދުނިޔޭގެ މަޝްހޫރުކަން ވަރަށް ބޮޑަށް ލިބިފައިވާ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓް އެންމެ އިސް އެއް ފަރާތެވެ.
ރާއްޖޭގެ ސްޓާޓް-އަޕްތަކަށް އެހީވުމަށް އުފައްދާފައިވާ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސްޕާކް ހަބްގެ ކޯ-ފައުންޑަރަކީ ވެސް އޭނާ އެވެ. އަދި އެންމެ ފުރަތަމަ ރާއްޖޭގައި ބޭނުންކުރި އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފުކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ޑާޑި ހުރި އިރެވެ.
ޑާޑިގެ ހިތްހެޔޮކަމުގެ ސަބަބުން އޭނާގެ ހަނދާންތައް އަދިވެސް ރައްޓެހިން އަންނަނީ ފާހަގަކުރަމުންނެެވެ.