25 މެއި 2022 - 15:31

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ "މެރީނާ ވިއު އެޕާޓްމަންޓް" ހަދައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.
މެދުފަންތި އާއި މަތީ ފަންތީގެ މީހުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ އެ މަޝްރޫއުއާ ގުޅިގެން އެޗްޑީސީން ހަދާފައިވާ އުސޫލުގައިވާ ގޮތުން މި ޕްރޮޖެކްޓްގައި ތިން އިމާރާތެއް ހަދާނެ އެވެ. އެއީ 13،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.
ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެ އެޕާޓްމަންޓްތަކެއް ހިމެނޭ އެ މަޝްރޫއުގައި ތަރައްގީކުރަނީ 231 އެޕާޓްމަންޓްގެ އިމާރަތާކާއި 110 އެޕާޓްމެންޓް ހިމެނޭ އިމާރާތެއްގެ އިތުރުން 208 އެޕާޓްމަންޓްގެ އިމާރާތެކެވެ.
އެ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި އެންމެ ކުޑަވެގެން 750 އަކަފޫޓު އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 1،000 އަކަފޫޓު ހުންނާނެ ކަމަށް އެޗްޑީސީގެ ގައިޑްލައިނުގައިވެ އެވެ. ކޮންމެ ކޮޓަރިއެއްގައި ފާހާނާ ހިމެނޭ ގޮތަށް ތަރައްގީކުރާ އެ އެޕާޓްމަންޓުތަކުގައި ސިޓިންރޫމާއި ބަދިގެ އާއި ލޯންޑްރީއަށް ވަކި ބައެއް ކަނޑައަޅާފައި ހުންނާނެ އެވެ.
އެ ގައިޑްލައިނުގައިވާ ގޮތުން މި ތަންތަން ތަރައްގީކުރާނީ ބޭސްމަންޓުގައި ޕާކިން ޖާގަ ހިމެނޭ ގޮތަށެވެ.
އެ މަޝްރޫއުގައި ކޮންމެ މިކްސް ރެޒިޑެންޝަލް ހައުސިންއަކާ އެކު ކޮމާޝަލް އިމާރާތެއް ވެސް އަޅާނެ އެވެ. ކޮންމެ ކޮމާޝަލް އިމާރާތެއް ވެސް އަޅާނީ ދެ ބުރިއަށެވެ. ރެޒިޑެންޝަލް ހައުސިން އިމާރާތްތަކުގެ ކުރިމައްޗަށްވާ ގޮތަށް އިމާރާތްކުރާ އެ ކޮމާޝަލް އިމާރާތްތައް ގުޅުވާލަނީ ބްރިޖަކުންނެވެ.
އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެޗްޑީސީން ބުނީ މަސައްކަތް ވަކި ކުންފުންޏަކާ ހަވާލުކުރާއިރު އެކުންފުނީގެ ތަޖުރިބާ އާއި މާލީ ގާބިލުކަމަށް ވެސް ބަލާނެ ކަމަށެވެ.
އެ މަޝްރޫއުއަށް ހިންގަން ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ޖޫން 14 ގެ ހަވީރު 3:30 ގެ ކުރިންނެވެ.