25 މެއި 2022 - 10:12

މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 200 ކަދުރު ރުއް އިންދުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއް އިންދުމުގެ ޕްރޮގްރާމު ފައްޓަވައި ދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
ކަދުރު ރުއް އިންދަން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، މުއިއްޒު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގެ ބޭނުމަކީ މާލެއަކީ އެކި ކަހަލަ ފައިދާހުރި ގަސްތަކާއި ރުއްތައް ގިނަ، ހިތްގައިމު ޗާލު ތަނަކަށް ހެދުމެވެ.
އޭނާ ވިދާޅުވީ ކައުންސިލުން ރާވާފައި ވަނީ ކޮންމެ 25 ފޫޓުގެ ދުރުމިނެއްގައި 200 ކަދުރު ރުއް އިންދުމަށް ކަމަށާއި ގާތްގަނޑަކަށް ތިން މަހުގެ ތެރޭގައި ހުރިހާ ރުއްތައް އިންދައި ނިންމޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ ކަދުރު ރުއްތައް ކަމާ ބެހޭ މާހިރުންގެ ލަފައާއެކު ބަލަހައްޓަމުން ދާނެ އެވެ.
މާލެ ފެހިކުރުމަށްޓަކާއި ކަދުރު ރުއްތަކާއި އެކި ކަހަލަ ގަސްތައް ރަށްރަށުންނާއި ރާއްޖެ އިން ބޭރުން ގެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މާލެ ފެހިކުރުމުގެ ގޮތުން މަގުތަކާއި ޕާކުތަކުގައި އަނބުގަހާއި ސައްކެޔޮގަހާއި ހިތިގަސް އަދި ދަނބުގަސް ފަދަ ގަސްތައް އިންދަން ސިޓީ ކައުންސިލުން ނިންމައިފައި ވެ އެވެ.
ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެ ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާން ވަނީ ރާވައިފަ އެވެ. ކައުންސިލުގެ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން މާލޭގައި އެއް ލައްކަ ގަސް އިންދުމެވެ.