އަހަރެން ކީއްކުރާނީ؟
އަހަރެން ކީއްކުރާނީ؟

ފިރިހެނުންނެއް ނުރޯނެއެވެ. ފިރިހެނުންނަށް ކެރޭނެއެވެ. ބޮޑުވަމުންއައި އިރު އަހަންނަށް ގަބޫލުކުރެވިފައި އޮތީ އެ ގޮތަށެވެ. ކިޔާ އަޑުއިވެނީ ވެސް އެހެންނެވެ. އަހަންނަކީ ފިރިހެނެކެވެ. އެހެންކަމުން، "ކެރޭނެ" އާއި "ނުރޯނެ" ގައި އަހަރެން ކޮލުދަތުން ހިފޭއްޓީމެވެ. ކުޑަ އިރު ޖަނބުރޯލުގަހުން ވެއްޓުނީމައި ވެސް ނުރޮމެވެ. ކުރީ ޒަމާނުގައި ފަތުރުވެރިންގެ ފަހަތުން ޑޮލަރަށް އާދޭސްކުރުމާއި، މަނަވަރުގެމީހުންގެ ފަހަތުން ބެޖު ހޯދަން އާދޭސްކުރުން ސަރުކާރުން މަނާކުރިއެވެ. އެ ބެޖަކީ، މަނަވަރުމީހުން މާލެފައިބާ އުޅޭ އިރު މީހުންނަށް ބަހަން ގެންނަ އެއްޗެކެވެ. ކޮންމެ ބެޖެއްގައި ވެސް އޮންނާނީ މަނަވަރުގެ ކޮންމެވެސް ފޮޓޯއެއް ނުވަތަ ކުރެހުމެކެވެ. އަހަރުމެން ކުދިވެރިން އެ ސާމާނު އެއްކުރަމެވެ. އެހެން ކުދިން ކައިރީގައި ފޮނިކެނޑުމަށް ޓަކައެވެ.

ހެންވޭރު ބޯޅަދަނޑު ވަށައިގެން ކުރިން ފާރެއް ނުހުރެއެވެ. އަހަރެން އޭރު ވަރަށް ކުޑައެވެ. ބޭބެމެންނާ އެކުގައި ދަނޑަށް އަރައި ސަކަރާތްޖަހަން އުޅެނިކޮށް މަނަވަރު ބަޔަކު އަންނަ ތަން ފެނުނެވެ. އެއިން އެކަކު އަތުގައި، ވަގުތުން ސާފުކުރާ ކެމެރާއެއް އޮތެވެ. އޭނަ ފޮޓޯއެއް ނަގާ އިރަށް ވަގުތުން އެ ފޮޓޯ ނުކުމެއެވެ. އަތަށް ލިބެއެވެ. މާލޭގައި އޭރު ގެންގުޅޭނީ ކަޅާއިހުދުގެ ފޮޓޯއެވެ. އެ ވަރުން ވެސް، ފިލްމު ސާފުކުރަން ދިނީމައި ފޮޓޯތައް ލިބޭނީ ދިހަ ދުވަސް ފަހުންނެވެ. ފޮޓޯގެ ސައިޒު ކުދިވާނެއެވެ. އެހެންކަމުން، ވަގުތުން ކުލަ ފޮޓޯއެއް ކެމެރާއިން ނުކުމެ އަތަށް ލިބޭތަން ފެނުނީމައި އަހަރެން އަންތަރީސްވިއެވެ. ހިތަށްއެރިއެވެ. އެ މީހުން އަހަރެންގެ ފޮޓޯއެއްނަގައިދީފިއްޔާ އަހަރެންހައި މޮޅު މީހަކު ހުންނާނެ ހެއްޔެވެ؟ ރައްޓެހިން ގާތުގައި ކިހައި ފޮންޏެއްކެނޑޭނެ ހެއްޔެވެ؟ އަހަރުމެންގެ ގުރޫޕުގައި ތިބީ ފަސް ކުދިން ވަގުތުން ފަސް އައްޓަމަހަށް ބަދަލުވި ކަހަލައެވެ. މަނަވަރުމީހުންގެ ފަހަތުން އަޅުވައިލީމެވެ. އާދޭސްކުރަން ފެށީމެވެ. އޭރު، ވޮށިމަސްމިޔަރު މަސްބުރިއަށް ބަލާހެން ސިފައިންގެ މީހަކު ދުރުގައި ބަލަން ހުއްޓެވެ. އެ ޒަމާނަކު ފުލުހުންނެއް ނުތިބެއެވެ. އޭނަ ބަލާ ވާހަކަ އަހަރެން ބުނީމައި ވެސް އެ ވާހަކަ އަޑުއިވުނު ކުއްޖަކު ނެތެވެ. ދެން ފެނުނީ ހަނދި އައިސް ތާވަޅުގަނޑު ތެރެއަށް ވަންތަނެވެ. އަހަރުމެން އެކި ދިމަދިމާއަށް ދުއްވައިގަތީމެވެ. ސިފައިންގެ މީހާ ބައިސްކަލަށް އެރިއެވެ. އޭނަ އަތުލައިގަންނަން ބެލީ އެންމެ ބަލި އަދި ކުޑަ ތާވަޅެވެ. އެއީ އަހަންނެވެ. އަހަރެން ދިޔަ ގޮތަށް ގޮސް ގޯޅިއެއް އަޅައިފައި، އެންމެ ކައިރިއަށް ހުރި ގެއަށް ވަދެ ފިލީމެވެ. ފަހުން ގެއަށް ދިޔަ އިރު އަހަރެން ހުރީ ބިރުން ހުންއައިސްފައެވެ. އެ ހަނދާންވުމާ އެކު އަހަރެންނަށް ހީނގަނެވުނެވެ.

"ހޫނ! ކޮން ކަމެއް ލައިގަތީ؟" ނުރުހުމުގެ ރާގެއްގައި ނާސިހާ އެހިއެވެ.

އަހަރެން ވަގުތުން ހިންޏަކަށް ބަދަލުވިއެވެ. އަހަންނަކީ ކުޑައިރު ސިފައިންނަށް ފިލަން ދުވި ފަހުލަވާނެވެ. ބުންވަރު ގަދަ އަހެވެ. އެކަމަކު ނާސިހާ ކުރިމަތީގައި އަހަންނެކޭ ފިނޑި ކުކުޅެކޭ އެއްގޮތެވެ. ނާސިހާ އިނީ ކޮންމެވެސް އެއްޗެއް ޓައިޕުކުރާށެވެ. އަހަރެން ހުރީ އޭނަގެ ފަހަތުގައި ހުރި ކުޑަދޮރުގެ ބިއްލޫރިގަނޑު ފުހޭށެވެ. އަހަރުމެން ދެ މީހުން ވަޒީފާއަދާކުރަނީ އެއް އޮފީހެއްގައެވެ. އަހަރެން ބޭނުން ނަމަ، މޭޒު ކައިރީގައި އިންނަ ފެންވަރުގެ ވަޒީފާއެއް އަހަންނަށް ވެސް ލިބުނީހެވެ. މަޖީދިއްޔާގެ ގުރޭޑު ފަހަކާ ހަމައަށް އަހަރެން ކިޔެވީމެވެ. އަތުލިޔުން ރީތިވާނެއެވެ. ހިސާބަށް ވަރަށް ކުޅަދާނަވާނެއެވެ. އެކަމަކު، ނާސިހާއަކީ އަހަރެންގެ ހިތުގެ ވިންދެވެ. އޭނައަށް އެ ކަން ނޭނގުނަސްވެހެވެ. އޭނައަކީ، މުޅި އޮފީހުގައި އުޅޭ އެންމެ ލޯބި ކުއްޖާއެވެ. ކިޔަވައިގެން ހުރި މޮޅު ކުއްޖެކެވެ. އޭނަގެ މަގާމު މައްޗެވެ. އަހަރެން މަސައްކަތުމީހަކަށްވެގެން ނޫނީ ނާސިހާ ގާތުގައި ހުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެންވެ އެ ވަޒީފާ ގަބޫލުކުރީއެވެ.

"ޒުހުރީ! މި ޑަސްބިންގަނޑު ހުސްކޮށްލަބަލަ!" އަމުރުވެރި ރާގަކަށް ނާސިހާ ބުންޏެވެ. "އަހަރެން ނުބުނިއްޔަކާ ނުފެނޭތަ؟ މިއަދު ކޮއްލައްޗޭ!"

"ލައްބަ!" އަހަރެން ބުނީމެވެ.

ކުނިވަށިގަނޑު ހުންނާނީ ހުސްކޮށްފައެވެ. ނާސިހާ ނުބަލާތީ ނޭނގުނީއެވެ. އެއީ އަހަރެން އެންމެ ކުރާ ހިތްވާ ކަންތައްކަން ނާސިހާއަށް ނޭނގެނީއެވެ. ނާސިހާގެ މޭޒާއި، ގޮނޑިޔާއި، އެންމެ ކައިރިއަށް ހުންނަ ފާރުތަކަށް ދާންދެން އަހަރެން ކޮންމެ ދުވަހަކު ފުހެމެވެ. ހިރަފުހަކީ ނާސިހާގެ ޒާތީ ދުސްމަނެކެވެ. އަހަންނަށް އެ ކަން އެނގެއެވެ. އެހެނަސް، އޮފީހުގެ އެންމެ ގިނަ ވަގުތު އަހަރެން ހުސްކުރަނީ ނާސިހާއަށް ޓަކައިކަމެއް އޭނައަކަށް ނޭނގެއެވެ. ދެރަކަމަކީ އެއީއެވެ. ލޯބިވާކަން އަންގަން އަހަންނަށް ކެރޭނެއެވެ. ކޮންމެވެސް ދުވަހަކުން އެ ކަން ކުރާނަމެވެ. އެކަމަކު، އެންމެ ބޭނުންވާ ގޮތަކީ އެއީއެއް ނޫނެވެ. އަހަރެންގެ އިންތިޒާރުކުރަނީ، ނާސިހާ ދެކެ އަހަރެން ކިހާ ލޯބިވާކަން ނާސިހާއަށް ވިސްނޭނެ ދުވަހަކަށެވެ. ލޯތްބަކީ އިހުސާސެކެވެ. ބުނަންޖެހޭ އެއްޗެއް ނޫނެވެ.

"އަދި ވެސް ތި ދޮރު ފުހެ ނުނިމޭތަ؟" ނާސިހާ އެހިއެވެ. "ހާދަހާ ތަތޭ ދޯ؟"

އޭނަ އެހެން އަހާ ވަރު ވެއްޖެއެވެ. އަހަރެން އެ ތާ ހުންނަތާ ކޮން އިރެއް ހެއްޔެވެ؟ އޭނަގެ ސެންޓުވަހަށް އަހަރެން ދެވިހިފައިފިއެވެ. އެއީ ކޮން ނަމެއް ކިޔާ ސެންޓެއްކަން އަހަންނަށް އެނގޭނެ ނަމައެވެ. އެނދުގެ ބާލީސް ބެހެއްޓީހީ އެ ސެންޓުން ފޯކޮށްފައެވެ. ނާސިހާގެ މޭޒު ކައިރީގައި ހުންނަ ކުޑަދޮރު ފުހެން އަހަރެން ހާދަހާ ގިނަ އިރަކު ހުރެއެވެ. އެ ކަހަލަ ކަންކަން، ވީހައި ވެސް ގިނައިން ނާސިހާއަށް ފާހަގަކުރެވެންވީއެވެ. ނާސިހާ ކުޑަކޮށް ވެސް އަހަންނަށް ސަމާލުކަން ނުދެނީ ކީއްވެގެން ހެއްޔެވެ؟ އަހަންނާ ދޭތެރޭ ޝައްކެއްވާން ކީއް ހެއްޔެވެ؟

އަހަރެން އޮފީހުން ވައްކަންކުރަމެވެ. ކޮންމެކޮންމެ އެއްޗެއް ނުނަގަމެވެ. އަހަރެންގެ ހަޒާނާއަކީ ނާސިހާގެ މޭޒު ކައިރީގައި ހުންނަ ކުނިއަޅާ ވަށިގަނޑެވެ. ނާސިހާގެ ލިޕްސްޓިކު ހޭކިފައި ހުންނަ ހުރިހައި ޓިޝޫއެއް އަހަރެން ރައްކާކުރަމެވެ. އެންމެ ބޯ ބޮކްސްފައިލުގެ ތިން ފައިލު ފުރިއްޖެއެވެ. އެއީ ވަރަށް ބައިވަރެވެ. ކުނިވަށިގަނޑުން އަހަންނަށް އެހެން އެއްޗެއް ވެސް ލިބެއެވެ. އެއީ ހިތަށް އަސަރުކުރާ އެއްޗެކެވެ. ނާސިހާގެ ލޯބިވެރިޔާ ފޮނުވާ ސިޓީތަކެވެ. ނާސިހާ ކޮންމެ ސިޓީއެއް ވެސް ކިޔައިފައި، ވީދައިލައިފައި އަޅާލަނީ ވަށިގަނޑަށެވެ. އެއީ ކީއްވެގެން ކުރާ ކަމެއްކަމެއް ނޭނގެއެވެ. އެހެން މީހަކަށް ނާންގަންކަމެއް، ގެއަށް ނުގެންދަންކަމެއް، ނާސިހާ ގަބޫލުނުވާތީކަމެއް ނޭނގެއެވެ. ހަފުތާއަކު އެކެއްދެ ސިޓީ އަހަންނަށް ލިބެއެވެ. ރޭގަނޑު ހަތަރުދަމު ހޭލާ އިނދެގެން ސިޓީގެ އެތިކޮޅުތައް އެއްކޮށް، ޓޭޕުއަޅައިގެން އަހަރެން ތަކުރާރުކޮށް ކިޔަމެވެ. ނާސިހާ ޖަވާބު ނުފޮނުވާތީ ވަރަށް ގިނަ ޝަކުވާކޮށްފައި ހުރެއެވެ.

ސިޓީތައް ފުންކޮށް ދިރާސާކުރުމުން، ކުރިން ނޭނގޭކަމެއް ފާހަގަވިއެވެ. އެއީ ބޭރުން އަންނަ ސިޓީއެއް ނޫނެވެ. އޮފީސް މީހަކު ދޭ ސިޓީއެވެ. ގޭގެ ނަމާއި، މީހާގެ ނަން ނޯންނަނީ އެހެންވެގެންނެވެ. އޮފީހުގައި ހިނގާ ކަންކަމަށް ސިޓީގައި ހަވާލާދީފައި ހުންނަނީ ވެސް އެހެންވެގެންނެވެ. އެއީ އަހަންނާ ބެހޭ ކަމެއް ނޫނެވެ. އެހެންވިޔަސް، އެ މީހަކު ހޯދަން އަހަރެން ބޭނުންވިއެވެ. އޮފީސް ހުރިހައި މޭޒެއް ފުހޭ މީހަކަށް އެ އަތުލިޔުން ހޯދުމަކީ ދާދި ފަސޭހަކަމެކެވެ. ކުރިން އެ ކަން ކުރަން ހިތަށްއެރި ނަމަ ކޮށް ނިމިއްޖައީހެވެ.

އޮފީހުގައި ހާއްސަ ޖަލުސާއެއް ބޭއްވުމަށް ތައްޔާރުވަމުންއައި ދުވަހެކެވެ. އަހަރެންގެ ކަމަކަށް އޮތީ ދައުވަތުކާޑު ބެހުމެވެ. އެއް ބޮނޑި ހުސްވާ އިރަށް އަނެއް ބޮނޑި ހަވާލުކުރެއެވެ. އެ ކަމުގައި އިސްކޮށް އުޅެނީ ނާސިހާއެވެ. އިރުއިރުކޮޅާ އޭނަޔާ ބައްދަލުވާތީ އަހަރެން ކާން ވެސް ހަނދާނެއް ނެތެވެ. ރަތްދަކަ އަވީގައި ބައިސްކަލުގަނޑަށް އަރައިގެން އަހަރެން ތެޅިފޮޅުނީމެވެ. އެއްފަހަރު ކާޑުތައް ބަލާ ނާސިހާގެ މޭޒު ކައިރިއަށް އައުމުން ނާސިހާ ވަތްގަނޑު ހުޅުވައިލިއެވެ. އެ ވަގުތު އަތްގަނޑު އަތަށްއައެވެ.

"އަނެއްކާ އަނެއް ކަންތައް!" ޗޮކެއްކަނޑައިފައި ނާސިހާ ބުންޏެވެ. "ޒުހުރީ މި އަތްގަނޑު ހަރުކޮށްބަލަ! އިހަށް ކާޑުތައް ބަހައްޓާ!"

އަހަންނެކޭ ޗާބީދީފައިވާ ބުދެކޭ އެއްގޮތެވެ. ކާޑުތައް ބަހައްޓައިފައި ކަށިގަނޑު ބަލައި ދިޔައީމެވެ.

"ފުރަތަމަ އިހަށް ބަލާބަލަ ކިހިނެއްތޯވީ،" ފޫހި ގޮތަކަށް ނާސިހާ ބުންޏެވެ. "މަތީ އަތްގަނޑު ވެސް ހެލިހެލި ހުންނަނީ. އެ ވެސް ރަނގަޅުކުރާތި! ވަތްގަނޑު ތެރެއަށްކަން ނޭނގެ އިސްކުރު ވެއްޓުނީ."

އަހަރެން އައިސް ވަތްގަނޑު ކައިރިއަށް ތިރިވީމެވެ. ނާސިހާ ގޮނޑި ދުރަކަށް ނުޖައްސައެވެ. އޭނަ އިނީ ކޮންމެވެސް މަސައްކަތެއްގައެވެ. ވަތްގަނޑާއި ނާސިހާގެ ފަޔާއި ދެމެދު ހުރީ ދެތިން އިންޗިއެވެ. އޭނަ ލައިގެން ހުރީ މިޑީއެކެވެ. ދެން އަހަރެން ވަތްގަނޑަށް ބަލާނީ ކިހިނެއް ހެއްޔެވެ؟

"އަހަރެން އިނީމަ އުނދަގޫވޭތަ؟" ނާސިހާ އެހިއެވެ.

"ލައްބަ!" އަހަރެން ބުނީމެވެ.

ނާސިހާ ތެދުވިއެވެ. އޭނަ ދާންޖެހޭނީ ފާރާއި އަހަންނާ ދޭތެރެއިންނެވެ. އަހަރެން ތެދުވަން އުޅުނީމެވެ.

"އިނދޭއިނދޭ!" އަހަރެންގެ ބުރަކަށީގައި އަތްޖައްސައިލައިފައި ނާސިހާ ބުންޏެވެ. "އަހަރެންނަށް ދެވޭނެ."

އެއީ އަހަރެންގެ ގައިގަ ނާސިހާ އަތްލި ހަމަ އެކަނި ފަހަރެވެ. ހިތަށްއެރިއެވެ. ފިލްމު ރިވައިންޑުކޮށްލާ ގޮތަށް އެ ތަންކޮޅު ފަންސާހަކަށް ފަހަރު ނުވަތަށް އޮޅައިލެވޭނެ ނަމައެވެ. އޭނަ އިށީނދެގެން އިން ގޮނޑީގައި އިރުކޮޅަކު އަހަންނަށް އިނދެވޭނެ ނަމައެވެ. އޭނަގެ ގަލަމުން އަހަންނަށް އެއްޗެއް ލިޔެލެވޭނެ ނަމައެވެ.

"އަވަސްކުރައްޗޭ!" ނާސިހާ ބުނި އަޑުއިވުނެވެ.

އަހަންނަށް ހޭވެރިކަން ވިއެވެ. ވަތްގަނޑާ ދޭތެރޭގައި ވިސްނައިލީމެވެ. އަތްގަނޑުގެ އެއްކޮޅު ހަރުލައިފައި ހުއްޓެވެ. އަހަރެން ވަތްގަނޑު ހުޅުވައިލީމެވެ. އެތެރެއިން ޖަހައިފައިވާ އިސްކުރު އޮތީ ވަތްގަނޑު ތެރޭގައެވެ. އިސްކުރު ނެގުމަށް ޓަކައި ބޮޑަށް ވަތްގަނޑު ހުޅުވައިލީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ވަތްގަނޑުގައި ތަރުތީބުން ބަހައްޓައިފައި ހުރި ސިޓީއުރަތަކެކެވެ. ކޮންމެ އުރައެއް ތެރޭގައި ވެސް އެއްޗެއް އޮތްކަން އެނގެއެވެ. ސިޓީއުރަތައް ހުރި ފިޔާތޮށިކުލައިގައެވެ. ރަސްމީ ސިޓީއެއް އެ ކަހަލަ އުރައަކަށް ނުލާނެއެވެ. އެ ވަރު އަހަންނަށް ވިސްނެއެވެ. ހިތަށްއެރިއެވެ. އެއީ ނާސިހާއަށް ފޮނުވާ ސިޓީތަކުގެ ޖަވާބެވެ. ކޮންމެވެސް ސަބަބަކާ ހެދި ނުފޮނުވާ ބަހައްޓައިފައި ހުރީއެވެ. އޭގައި ލިޔެފައި ހުރީ ކީކޭ ހެއްޔެވެ؟ ވަގުތުން އަހަރެން ދަހިވެތިވިއެވެ. އެއް ސިޓީ ނަމަވެސް ވަގަށްނަގާ ހިތްވިއެވެ. އެއް ސިޓީއެއް ނޫނެވެ. އަހަރެން ހުރިހައި ސިޓީއެއް ބޭނުންވިއެވެ. ފަހުން ވެދާނެ ގޮތަކަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ.

ނުނިމޭ