25 މެއި 2022 - 10:04

ދުބާއީ (މެއި 25) - ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފެނިއްޖެ އެވެ.
މިއީ މި ބަލި ގަލްފުގެ ގައުމަކުން ފެނުނު ފުރަތަމަ ފަހަރެވެ.
އެފްރިކާގައި އާއްމުކޮށް ފެތުރޭ މި ބަލި އެ ކޮންޓިނެންޓުން ބޭރުން މިހާރު ވަނީ 18 ގައުމަކުން ފެނިފަ އެވެ. އެންމެ ފަހުން އެ ބަލި ފެނުނު ދެ ގައުމަކީ ޗެކް ރިޕަބްލިކާއި ސްލޮވީނިއާ އެވެ.
ޔޫއީއީގެ ސިއްހީ އޮފިޝަލުން ބުނީ އެ ގައުމުން މަންކީޕޮކްސްގެ ވައިރަސްގެ ފެނުނު މީހާ ދާދި ފަހުން ވަނީ އެފްރިކާ އަށް ދަތުރުކޮށްފައި ކަމަށެވެ. އަދި އޭނާ އަށް މިހާރު ދަނީ ފަރުވާ ދެމުން ކަމަށް އޮފިޝަލް ބުންޏެވެ. ޔޫއޭއީން ބުނީ މަންކީޕޮކްސް ފެތުރިއްޖެ ނަމަ ބައްޔާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ބަލި ދެނެގަތުމަށް ސާވެލަންސް ޕްރޮޓޮކޯލެއް ގާއިމްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެފްރިކާ އިން ބޭރުން މަންކީޕޮކްސްގެ 237 ކޭސް މިހާރު ވަނީ ފެނިފަ އެވެ.
މަންކީޕޮކްސް އަކީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުގައި މިހާރު ވެސް ބައެއް މީހުންނަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ހާލު މާ ބޮޑު ނުވިޔަސް، ހުން އައުމާއި ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި ބިހި ނުވަތަ ފެންފޮޅު ނެގުން ފަދަ ކަންތައް މެދުވެރިވެ އެވެ. މި ބަލި ޖެހޭ މީހުން، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ނުދިނަސް، އާންމުކޮށް ދެ ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ބަލިން ފަސޭހަވެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މީހުންގެ ފުރާނަ އަށް ވެސް ނުރައްކާވެ އެވެ.
މަންކީޕޮކްސް އަކީ އިންސާނުންގެ މެދުގައި މީގެ ކުރިން ފެތުރުނު ކަށިވިދުރި އާއިލާގެ ވައިރަހަކުން ޖެހޭ އަދި ބަލީގެ އަލާމާތްތަކާއި ބަލީގެ ހާލަތު ވެސް އާދައިގެ ވަރެއްގައި ހުންނަ ބައްޔެކެވެ. ކަށިވިދުރިއަކީ، އެ ބައްޔާ ދެކޮޅަށް މުޅި ދުނިޔޭގައި ހިންގި ވެކްސިން ޕްރޮގްރާމްގެ ޒަރީއާއިން، 1980ގެ އަހަރުތަކުގައި ދުނިޔެ އިން ނައްތާލައިފައިވާ ބައްޔެކެވެ.
ކަށިވިދުރިން ރައްކާތެރިވުމަށް އުފެއްދި ވެކްސިނަކީ، މަންކީޕޮކްސް ވެސް ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. ނަމަވެސް ދުނިޔެ އިން ކަށިވިދުރި ނައްތާލާފައިވާތީ، ކަށިވިދުރި ވެކްސިން އުފެއްދުން ވެސް ވަނީ ހުއްޓާލައިފަ އެވެ.