25 މެއި 2022 - 11:06

ރޭ ފެށި ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ވާދަވެރިކަން ބޮޑުވުމުން، ރެފްރީންގެ ފެންވަރު ވެސް މަތިވެގެންދާނެ ކަމަށް، ވީއޭއެމްގެ ރެފްރީސް ކޮމިޝަންގެ ޗެއާމަން އަހްމަދު ނަޝީދު (ތުއްތުކޯ) ބުނެފި އެވެ.

ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރު އެސޯސިއޭޝަން ކަޕް ނުބޭއްވި ދިއުމަށް ފަހު ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތުގެ އަންހެން ޑީވިޝަންގެ ކުޅުން ރޭ ވަނީ ފަށައިފަ އެވެ. ފިރިހެން ޑިވިޝަން ފޯރި ގަދަވާނެ ކަމަށް ބެލެވެ އެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރާ ކޮންމެ ޓީމަކަށް ބިދޭސީ ތިން ކުޅުންތެރިން ގެނެސް ދިނުމަށް، ވީއޭމުން ވަނީ ހަވާލުވެފަ އެވެ.
ހަ ޓީމަށް ޖުމުލަ 18 ކުޅުންތެރިން ގެންނަނީ އިންޑިއާއިންނެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ ސެންޓްރަލް ޒޯން ގައުމުތަކުގެ ތެރެއިން، އިރާން ނަގައިފައި އެންމެ ރަނގަޅު ބިދޭސީ ކުޅުންތެރިން މި އަހަރު ފެންނާނީ ރާއްޖޭގެ މުބާރާތުން ކަމަށެވެ. އެހެންވެ މުބާރާތް ވާދަވެރިވާނެ ކަމުގެ ޔަގީންކަން ރަނޭ ދެއްވަ އެވެ.
އިންޓަނޭޝަނަލް ރެފްރީއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ތުއްތުކޯ ބުނީ ވާދަވެރި ގިނަ މެޗުތަކެއް ލިބޭނަމަ ރެފްރީންގެ ފެންވަރު މަތި ކުރުމަށް ވެސް އެހީއަކަށް ވާނެ ކަމަށެވެ.
"މީގެ ކުރިން ވާދަވެރިކޮށް މި އިންނަނީ އެއް މެޗެއް ނުވަތަ ދެ މެޗެއް. ވާދަވެރި މެޗުތައް ގިނަވި ވަރަކަށް ރެފްރީންގެ މަސައްކަތް ވެސް އިތުރު ވާނެ،" ވިދިވިދިގެން ދެވަނަ ފަހަރަށް ވީއޭއެމްގެ ރެފްރީސް ކޮމިޝަންގެ ޗެއާމަންކަން ކުރަމުން އަންނަ ތުއްތުކޯ ބުންޏެވެ.
"ޕްރެޝާ މެޗުތަކުން އިތުރުކަންކަން ރެފްރީންނަށް ދަސްވާނެ. މީގެ ކުރިން ހުރިހާ ރެފްރީންނަކަށް ނުވެސް ލިބޭ އެންމެ ވާދަވެރި މެޗުތަކުގައި ކުރާކަށް. އެކަމަކު ވާދަވެރި މެޗުތައް ގިނަ ވީމަ ގިނަ ރެފްރީންތަކަކަށް ވެސް ޕްރެޝާ މެޗުތައް ލިބޭނެ."
ވީއޭއެމްގެ ޓެކްނިކަލް އަދި ޑިވްލޮޕްމެންޓް ކޮމީޓިގެ ޗެއާމަން، މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ މިފަހަރު ޓީމުތައް ބެހިގެން ގޮސްފައިވާ ގޮތުން މިވެނި ޓީމަކުން މުބާރާތް ކާމިޔާބު ކުރާނޭ ބުނަން އުންދަގޫ ކަމަށެވެ. ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހަމައެކަނި ދެ ޓީމަކަށް ބެހިގެން ދިއުމުގެ ބަދަލުގައި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް އެކި ޓީމުތަކަށް ބެހިގެންދާ ގޮތަށް ފޯމެޓް އެކުލަވާފައިވާ ކަމަށް ވީއޭއެމުން ބުނެ އެވެ.
ބިދޭސީ ކުޅުންތެރިންގެ އުސޫލު މިގޮތަށް ހަމަޖެއްސުމުން ދެން ލިބޭނެ ފައިދާތައް، ވީއޭއެމްގެ ޓެކްނިކަލް ކޮމިޓީން ދެނެގަނެ ކުރިއަށް އޮތްތަނުގައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ އެވެ.
"ދިވެހި ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނޭ ނުބުނެވޭނެ އެކަމަށް އަޅުގަނޑުމެން ޕްރެކްޓިސް ނުކޮށެއް. އެހެންވީމަ އަޅުގަނޑުމެން ވިސްނާނީ އެކަމަށް ޕްރެކްޓިސް ކުރާށޭ. އެގޮތަށް ޕްރެކްޓިސްކޮށްފައި އޭގެ ފަހުގައި މީގެއިން ނުކުތް ނަތީޖާ އަކީ ކޮބައިކަން އަޅުގަނޑުމެން ބަލާނީ،" ކާއްޓޭ ބުނެފައިވެ އެވެ.