25 މެއި 2022 - 09:57

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ ޖުލައި މަސް ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރާނެ ކަމަށް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ހުޅުމާލޭގައި އެންމެ އަވަހަށް މީހުން ވަންނާނީ މިހާރު މަސައްކަތް ނިމެމުން އަންނަ ވިނަރެސް ފްލެޓްތަކަށް ކަމަށާއި ޖުލައި މަސް ތެރޭގައި ކޮންޓްރެކްޓަރު އެތަން އެޗްޑީސީއާ ހަވާލުކުރާނެ ކަމަށެވެ.
އަސްލަމް ވިދާޅުވިގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި "ވިނަރެސް" ފްލެޓްތަކުގެ ބައެއް ފްލެޓްތައް، ރަށްރަށުން މާލެ އަށް ހިޖުރަ ކޮށްގެން ދިރިއުޅޭ މީހުންނަށް ލިބޭނެ އެވެ. ނަމަވެސް ބޮޑުބައި ލިބޭނީ މާލޭގެ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ދަންނަވާލަން [ފްލެޓުގެ] ބޮޑު ޕަސެންޓޭޖެއް ލިބޭނީ މާލޭގެ ރައްޔިތުންނަށް. ކޮންމެވެސް މިންވަރެއް ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ،" އަސްލަމް ވިދާޅުވި އެވެ.
ވިނަރެސްގެ އެޕާޓްމަންޓުތައް ވިއްކަން ހުޅުވާލާނެ ކަަމަށް ބުނެ މީގެ ކުރިން އެޗްޑީސީ އާއި ސަރުކާރުން ވެސް ވަނީ އެކި ތާރީހުތަކެއް ދީފަ އެވެ. އެންމެ ފަހުން ބުނީ އެ ފްލެޓްތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާކަށް މާ ގިނަ ދުވަހެއް ދެން ނުނަގާނެ ކަމަށެވެ.
އެ އެޕާޓްމަންޓުތައް އާންމުންނަށް ވިއްކަން ހުޅުވާލުވުމުގެ ކުރިން ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނާއި ހިޔާ އިން ފްލެޓު ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލައި ވިނަރެސް އަށް ބަދަލުވާން ބޭނުންވާ މީހުން އަދި ގުޅިފަޅުން ފްލެޓް ގަތް މީހުންނަށް އެ ފުރުސަތު ހުޅުވާލާނެ އެވެ.
- އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓު
- ވިއްކާ އަގުތަކަކީ 2.5-2.7 މިލިއަން ރުފިޔާ
- އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ނަމަ އަގު ދެ ގުނަވޭ
- މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހިމެނޭ
- ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ