28 ޑިސެމްބަރ 2016 - 06:22

ކުޅޭނެ ދެ ފިލްމަކާ މެދު މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށް ބަތަލު އަލީ ސީޒަން ބުނެފި އެވެ.
ސްރީ ލަންކާގައި ފިލްމު މޭކިން ކޯހެއް ހަދަމުން އަންނަ ސީޒަން މި ވަގުތު ހުރީ ޗުއްޓީއެއްގައި މާލެ އައިހެވެ.
އޭނާ ބުނީ ދެ ސްޓޫޑިއޯއަކުން ހުށަހެޅުންތަކެއް ލިބިފައި އެބަ ހުރި ކަމަށާއި އެ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލަކަށް އޭނާ ނުދެ އެވެ.
ސީޒަންގެ ދެ ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ އަހުމަދު ނިމާލް ޑައިރެކްޓް ކުރި "އެ ރެ އަށް ފަހު" އާއި ސީޒަން ޑައިރެކްޓްކޮށް، އެކްޓް ކުރި "ވަފާތެރި ކެހިވެރިޔާ" އެވެ.
އޭނާ ބުނީ ފިލްމަކަށް އެއްބަސްވާނީ، ދެ ފަރާތަށް ވެސް ވަގުތު ދެވޭނެ ގޮތަކަށް ބަލައިފައި ކަމަށެވެ.
"ލަންކާގައި މިހާރު އުޅެން ޖެހިފައި އޮތީމަ، އަހަންނަށް ތަންކޮޅެއް ދަތިވާނެ ކުރިން ދިންހެން ޓައިމް ދޭން. އެކަމަކު މިސާލަކަށް އެކޮޅުގައި އުޅެފައި ދިހަ ވަރަކަށް ދުވަހުގެ ޝޫޓިންއަކަށް އަންނަ ޕްރޮޖެކްޓެއްގެ ޝޫޓިން ރޭވޭ ކަމަށް ވަންޏާ އުނދަގުލެއް ނުވާނެ މަސައްކަތް ކުރާކަށް" ސިންގަޅަ ބަހުން ލަންކާ ފިލްމެއް ވެސް ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ އެކްޓަރު ބުންޏެވެ.
"ވަރަށް ރޭވިގެން މަސައްކަތް ކުރެވޭ ކަހަލަ ފިލްމުތަކެއްގައި ނޫނީ އުނދަގޫ ވާނެ މިހާރު މަސައްކަތް ކުރަން. އެހެން ނޫނީ މިސާލަކަށް ދިހަ ވަރަކަށް ދުވަހަށް އައިސްފައި ރޭވި ގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ވަންޏާ، އަހަންނަށް ވަރަށް ބޮޑު ގެއްލުމަކަށް ވާނީ."
އޭނާ ބުނީ ލަންކާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ. ހުރިހާ ވެސް މައްސަލައަކީ ވަގުތުގެ މައްސަލަ ކަމަށް، މިދިޔަ އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި "އިންސާނާ" އިން ބްރޯންޒް މެޑެލް ހޯދި ސީޒަން ބުންޏެވެ.
"ދެ ސްޓޫޑިއޯއަކާ އެކު ވާހަކަ ދެކެވެމުން ދާތީ އުންމީދު ކުރަން އަހަރެންގެ ފިލްމުތަކެއް އަންނަ އަހަރު ވެސް ބެލުންތެރިންނަށް ފެނިގެން ދާނެ ކަމަށް،" ސީޒަން ބުންޏެވެ.
"ކޯސް ނިންމާފައި އައިސް ހަމަ ކުރިއެކޭ އެއްގޮތަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ވިސްނުން އަދިވެސް އޮތީ. އެހެންވީމަ ނުއެއް ގެއްލޭނެ."